...

އޭސީސީ އާއި ކަސްޓަމްސްއާ ދެމެދު ވެވިފައިވާ ފަހުމުނާ އިތުރަށް ހަރުދަނާކުރުން

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެން ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް، ދެ މުއައްސަސާގެ ދެމެދުގައި 02 ފެބުރުވަރީ 2023 ގައި ސޮއިކުރެވުނު ފަހުމުނާމާއަށް ގެނެވުނު ފުރަތަމަ އިސްލާޙުގައި މިއަދު ސޮއިކޮށްފިއެވެ. މި އިސްލާޙުގައި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލްއެވެ. އަދި ކަސްޓަމްސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް، އަލްފާޟިލާ ފާތިމަތު ދިޔާނާ އެވެ.

މި އިސްލާޙުގެ މައިގަނޑު މަޤުޞަދަކީ ދެ މުއައްސަސާގެ ދެމެދުގައި މައްސަލަތަކާ ގުޅިގެން ބަދަލުކުރެވޭ ލިޔުންތަކާއި މަޢުލޫމާތު ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އަވަހަށް ފޯރުކޮށްދެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމެވެ.

އަލަށް މި ސޮއި ކުރެވުނު އިސްލާޙުގެ ސަބަބުން، ދެ އިދާރާގެ ޕޯޓަލްތަކާއި ޑޭޓާބޭސްތަކަށް ކަނޑައެޅޭ ވަކި އުސޫލުތަކެއްގެ ދަށުން މަޢުލޫމާތު ހޯދޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. މިކަމުގެ ސަބަބުން ކޮރަޕްޝަނުގެ މައްސަލަތައް ބެލުމުގައި އިދާރީ ގޮތުން ހަމަޖައްސަންޖެހޭ އިންތިޒާމުތައް ފަސޭހަވެ، ތަޙުޤީޤުތައް ކުރިއަށްގެންދިއުމުގެ ސްޕީޑް މިހާރަށްވުރެ އަވަސްވެގެންދާނެއެވެ. މީގެ އިތުރުން، ދެ އިދާރާގެ އެކަޑެމީތައް މެދުވެރިކޮށް މުވައްޒަފުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގެ އިންތިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ވަނީ ރޭވިފައެވެ.