...

2026ވަނަ އަހަރުގެ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅޭގޮތުން ހިންގާ ރިޝްވަތުގެ ޢަމަލުތަކާ ގުޅޭ

މި ދުވަސްވަރަކީ 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި އަމިއްލަ ގޮތުންނާއި ޕާޓީތަކުގެ ފަރާތުން ކުރިމަތިލާ ކެންޑިޑޭޓުން، އެފަރާތްތަކަށް ދާއިރާގެ ވޯޓުލާ މީހުންގެ ތާއީދު ހޯދުމުގެ މަސައްކަތް ފޯރިއާއެކު ކުރަމުންދާ ދުވަސްވަރެއްކަމަށްވެފައި، ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށްޓަކައި އިންތިޚާބުގައި ވާދަކުރާ ފަރާތްތަކާއި ވޯޓުލާ މީހުންގެ މެދުގައި ހިންގާ ރިޝްވަތުގެ ޢަމަލުތަކުން ދުރުހެލިވެތިބުމަށާއި، އާންމު އިންތިޚާބުތަކުގައި ހިފަހައްޓަންޖެހޭ ޑިމޮކްރަސީގެ އަސާސީ އުސޫލުތަކަށް ހުރިހާ ފަރާތްތަކުންވެސް ޙުރުމަތްތެރިކޮށް ހިތުމަށް ޚާއްޞަ ސަމާލުކަންދޭންޖެހެއެވެ.  

ދިވެހިރާއްޖޭގައި ބާއްވާ އާންމު އިންތިޚާބުތަކުގައި، ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގައްޔާއި ވޯޓު ދިނުމުގެ ޙައްޤު އަދާކުރުމުގައި ރިޝްވަތުގެ މުޢާމަލާތްތައް ހިނގާކަން ފާހަގަކުރެވެއެވެ. މިފަދަ މައްސަލަތައް އިތުރުވަމުން ދިއުމަކީ ދައުލަތުގެ މުވައްސަސާތަކާއި އިދާރާތަކަށް ރައްޔިތުންގެ އިތުބާރު ގެއްލިގެންދާ ކަމެކެވެ. އެހެންކަމުން އިންތިޚާބާ ގުޅޭ ނިންމުންތައް ނިންމުމުގައި ރައްޔިތުން ނަޒާހަތްތެރިކަން އިސްކުރުމަކީ ވަރަށް މުހިންމުކަމެކެވެ. މިއީ އަޅުގަނޑުމެންގެ ދަރީންނާއި ޒުވާން ޖީލަށް އަދި ޖުމްލަގޮތެއްގައި މުޅި މުޖުތަމަޢަށް ނުހަނު ގެއްލުންބޮޑު ކަމެކެވެ. އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގައި އެކަމުގެ ޙަޤީޤީ ބާރުވެރިކަމާއި މަންފާ ރައްޔިތުންނަށް ލިބިގެންދާނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުން ނިންމާ ނިންމުމެއްގެ މައްޗަށެވެ. މިފަދަ އިންތިޚާބުތަކުގެ ބޭނުމަކީ ރައްޔިތުންގެ ފަރާތުން ނިންމުންތައް ނިންމައި އަދި ދާއިރާއާއި ރަށުގެ ތަރައްޤީއަށް ކުރަންޖެހޭ ކަންކަން ކުރުމުގެ ޒިންމާ ޙަވާލުކުރާނެ ހަރުދަނާ ޤާބިލު ބަޔަކު ކަނޑައެޅިގެންދިޔުމެވެ.

ޤައުމުގެ މުސްތަޤުބަލަށްޓަކައި ރައްޔިތުން ވިސްނާ ފިކުރުކޮށް، ކޮރަޕްޝަން ހުއްޓުވުމަށް ފަރުދީ ޒިންމާ އަދާކުރުމަކީ މުހިންމު ކަމެކެވެ. ރިޝްވަތުގެ މުޢާމަލާތްތަކުގެ ތެރެއިން ވޯޓު ގަނެގެން މަޤާމުތަކަށް އިންތިޚާބުވުމަށް ވިސްނާ ކެންޑިޑޭޓުންނަކީ، ރައްޔިތުންގެ ޙަޤީޤީ ބާރުވެރިކަން ރައްޔިތުންގެ އަތުން ނިގުޅައިގަނެ، ހަމައެކަނި އެފަދަ ފަރާތްތަކުގެ އަމިއްލަ މަސްލަޙަތަށް މަސައްކަތްކުރާ ބައެކެވެ. ހަމައެފަދައިން، ރިޝްވަތު ހިފައި، ތިމާއަށް ލިބިފައިވާ އިންތިޚާބީ ޙައްޤު އަމިއްލަ ވަގުތީ ފައިދާއަކަށްޓަކައި ވިއްކާލުމަކީ، ތިމާގެ އަމިއްލަ ނަފްސަށާއި ޢާއިލާއަށާއި މުޅި މުޖުތަމަޢަށް ވެވޭ ޚިޔާނާތެކެވެ. 

އިންތިޚާބުތަކުގައި ރިޝްވަތުގެ ޢަމަލުތައް ހިންގުން ހުއްޓުވުމަށްޓަކައި ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ ޤާނޫނީ އޮނިގަނޑުގެ ތެރޭގައިވެސް ޚާއްޞަ ސަމާލުކަމެއް ދީފައިވެއެވެ. މިގޮތުން، ޤާނޫނު ނަންބަރު 5/2023 (ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 74 ވަނަ މާއްދާގައި، އިންތިޚާބީ ރިޝްވަތުގެ ކުށުގެ ޢަމަލުތަކަކީ ކޮބައިކަން ބަޔާންކޮށްފައިވެއެވެ.

 

 

އެއީ:   

ޤާނޫނުގެ 74 ވަނަ މާއްދާގެ (ހ) ގެ (11): އިންތިޚާބު އިޢުލާނުކުރާ ތާރީޚުން ފެށިގެން އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރާތާ 30 (ތިރީސް) ދުވަހުގެނިޔަލަށް، އެއްވެސް އިންތިޚާބީ ޙައްޤެއްގެ ފައިދާ ވަކިފަރާތަކަށް ލެންބުމަށްޓަކައި ނުވަތަ ވަކިގޮތަކަށް އެފަދަ ޙައްޤެއްގެ ބޭނުމެއް ކުރީތީ އެއްވެސް އެއްޗެއް ޝުކުރެއްގެ ގޮތުން ނުވަތަ ހަދިޔާއެއްގެ ގޮތުން ވިޔަސް ނުވަތަ އެނޫން ގޮތަކަށް ވިޔަސް ދިނުމާއި ނުވަތަ ދޭން ހުށަހެޅުމާއި، ދޭން ވަޢުދުވުން. އަދި މިފަދައިން އެއްވެސް އެއްޗެއް ދިނުމަކީ ނުވަތަ ދޭން ހުށަހެޅުމަކީ ރިޝްވަތުދިނުން ކަމުގައި ބެލެވޭނެއެވެ.  

ޤާނޫނުގެ 74 ވަނަ މާއްދާގެ (ހ) ގެ (12): އިންތިޚާބު އިޢުލާނުކުރާ ތާރީޚުން ފެށިގެން އިންތިޚާބުގެ ދާއިމީ ނަތީޖާ އިޢުލާންކުރާތާ 30 (ތިރީސް) ދުވަހުގެ ނިޔަލަށް، ކެންޑިޑޭޓަކު އެ ކެންޑިޑޭޓުގެ ޢާންމު ތަޞައްވުރެއް ނުވަތަ ސިޔާސަތެއް ހާމަކުރުން ފިޔަވައި ނުވަތަ އެއިން ސިޔާސަތެއް ނުވަތަ ތަޞައްވުރަކާ ގުޅޭގޮތުން ކެންޑިޑޭޓަކު ޢާންމުކޮށް ވަޢުދުވާ ވުން ފިޔަވައި، ކެންޑިޑޭޓަކަށް ތައީދު ހޯދުމަށްޓަކައި ނުވަތަ އެހެން ކެންޑިޑޭޓެއްގެ އިންތިޚާބީ ޙައްޤަށް ނުރަނގަޅު އަސަރު ފޯރުވުމަށްޓަކައި ވަކި ފަރުދަކަށް ނުވަތަ ޖަމާޢަތަކަށް ނުވަތަ ޢާންމު ފައިދާއަށް، ސީދާގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް، އެއްވެސް ފައިސާއެއް ނުވަތަ މަންފާއެއް ނުވަތަ އެނޫންވެސް އެއްޗެއް ދިނުން ނުވަތަ އެއްވެސް ބާވަތެއްގެ ޚިދުމަތެއް ފޯރުކޮށްދިނުން ނުވަތަ އެއިންކަމެއް ކޮށްދޭނެކަމަށް ބުނުން. އެފަދައިން ޢަމަލުކުރުން ނުވަތަ ކުރަން އުޅުން އެއީ ރިޝްވަތުދިނުން ނުވަތަ ރިޝްވަތުދޭން އުޅުން ކަމުގައި ބެލެވޭނެއެވެ. 


އެހެންކަމުން، އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ރިޝްވަތުގެ އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް ކޮމިޝަނުން އިލްތިމާސްކުރަމެވެ. އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ރިޝްވަތަކަށްވާ ގޮތަށް އެއްވެސް ފައިސާއެއް ނުވަތަ އެއްޗެއް، އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ، އެފަދަ ހުށަހެޅުމެއްގެ މަޢުލޫމާތު މި ކޮމިޝަނަށް ފޯރުކޮށްދިނުމަށް އިލްތިމާސްކުރަމެވެ.  

މީގެ އިތުރުންވެސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ނުވަތަ އިންތިޚާބަށް ކެމްޕޭންކުރަމުންދާ ފަރާތްތަކުން އިންތިޚާބީ ދާއިރާއެއްގެ ވޯޓަށް އަސަރުކުރާނެ ފަދަ ގޮތަކަށް ކޮރަޕްޝަންގެ ޢަމަލެއް (ނާޖާއިޒުފައިދާ ހޯދުން ނުވަތަ ހޯދައިދިނުން، ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުން، އަމިއްލަ ފައިދާ ލިބޭގޮތަށް ދައުލަތުގެ ތަކެތި ބޭނުންކުރުން) ހިންގާކަމުގެ މަޢުލޫމާތު ލިބިއްޖެނަމަ އެފަދަ ކަމެއް ލަސްނުކޮށް މި ކޮމިޝަނަށް ރިޕޯޓްކޮށްދެއްވުން އެދެމެވެ. ރިޕޯޓް ކުރުމުގައި މައްސަލަ ތަފްސީލުކޮށް ބަޔާންކުރުމާއިއެކު މައްސަލަރައްދުވާފަރާތް ނުވަތަ އިދާރާ އަދި މައްސަލަ ހިނގި ނުވަތަ ހިނގަމުންދާ ދުސްވަރު ބަޔާންކުރަންވާނެއެވެ. އެފަދަ މައްސަލައެއް މިކޮމިޝަނަށް ހުށަހަޅައިފިނަމަ ނުވަތަ އެފަދަ ކަމެއް އެއްވެސް ގޮތަކުން މިކޮމިޝަނަށް ފާހަގަކުރެވިއްޖެނަމަ، އެކަމެއް މިކޮމިޝަނުގެ ފަރާތުން ތަޙުޤީޤުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވަމެވެ.