މޯލްޑިވްސް ނޭޝަނަލް އެންޓި-ކޮރަޕްޝަން އެކެޑަމީއިން އިދާރީ ތަޙުޤީޤު ހިންގުމާގުޅޭ ތަމްރީން ސެޝަނެއް ނަގައިދީފި
28 ޑިސެމްބަރު 2025
މޯލްޑިވްސް ނޭޝަނަލް އެންޓި-ކޮރަޕްޝަން އެކެޑަމީ (އެމްނާކާ) އިން، ސިވިލް ސަރވިސް ކޮމިޝަނާއި ބައެއް އިދާރާތަކުގެ ޤާނޫނީ ދާއިރާގެ މުވައްޒަފުންނަށް އިދާރީ ތަޙުޤީޤު ހިންގުމާގުޅޭ ތަމްރީން ސެޝަނެއް ހިންގައިފިއެވެ.
ސިވިލް ސަރވިސް ކޮމިޝަނުން ކުރިޔަށް ގެންދާ "ލީގަލް އެކްސިސް: މާސްޓަރިންގ ސިވިލް ސަރވިސް ޕްރޮސީޖަރ، އެވިޑެންސް، އިންވެސްޓިގޭޝަން އެންޑް އެތިކްސް" ތަމްރީނު ޕްރޮގްރާމުގެ ބައިވެރިންނަށް ހިންގުނު މި ސެޝަނުގައި ތަޙްޤީޤެއް ހިންގުމަށް ޕްލޭން ކުރާނެ ގޮތާއި ހެކި ހޯދައި ހެކި ވަޒަން ކުރުމުގައި ވިސްނަންޖެހޭ ކަންކަން ބުނެދެވުނެވެ. އަދި މީގެ އިތުރުން މަޢުލޫމާތު ސާފުކުރުމަށް ނުވަތަ ތުހުމަތެއްގައި ޙާޟިރު ކުރެވޭ ފަރާތަކާ ސުވާލު ކުރުމަށް، ސުވާލު ބައްޓަން ކުރާނެ ގޮތާއި ސުވާލު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމުގެ އިތުރުން ތަޙްޤީޤީ ޢާއްމު ހުނަރުތައް ހުށަހަޅައިދެވުނެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އެސިސްޓެންޓް ސުޕަރިންޓެންޑަންޓް، އަޙްމަދު އަމީންއާއި އިންވެސްޓިގޭޝަން އޮފިސަރ އައިޝަތު ނަވާލް ނިޒާރު ނަގައިދިން މި ސެޝަނުގައި ޖުމްލަ 26 ފަރާތަކުން ބައިވެރިވިއެވެ. 3 ގަޑިއިރުގެ މި ސެޝަން ބޭއްވުނީ ސިވިލް ސަރވިސް ކޮމިޝަން ޓްރޭނިންގ ހޯލުގައި 23 ޑިސެންބަރު ގައެވެ.