އޭ.ސީ.ސީ އިން ކޮސްޕް 11 ގައި ދެ ސައިޑް އިވެންޓެއް، ބައިނަލްއަޤްވާމީ މަޝްރަޙުގައި މުހިންމު ދައުރެއް
14 ޑިސެމްބަރު 2025
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އިން ވަނީ ޤަތަރުގެ ދޯހާގައި ބާއްވާ، އ.ދ. ގެ ކޮރަޕްޝަނާ ދެކޮޅު ކޮންވެންޝަން (އުންކެކް) ގެ ފަރާތްތަކުގެ ބައްދަލުވުން (COSP 11) ގައި މުހިންމު ދައުރެއް އަދާކުރުމަށް ހަމަޖެހިފައެވެ. މި ދެ ސައިޑް އިވެންޓަކީ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން މަޝްވަރާތަކުގައި ދިވެހިރާއްޖެއިން ފުރަތަމަ ފަހަރަށް އިންތިޒާމުކުރުމުގައި ދައުރެއް އަދާކުރި ތާރީޚީ ކަމެކެވެ.
ސައިޑް އިވެންޓް 1: ދެމެހެއްޓެނެވި ތަރައްގީއަށް ކޮރަޕްޝަނުގެ ހިރާސްކުޑަކުރުމަށް ގެންގުޅޭނެ ގޮތްތައް
އޭ.ސީ.ސީ އިން އިންތިޒާމުކުރި ފުރަތަމަ ސައިޑް އިވެންޓްގެ މައިގަނޑު މަޤްޞަދަކީ ދެމެހެއްޓެނިވި ތަރައްޤީއަށް ކޮރަޕްޝަންގެ ހިރާސް ކުޑަކުރުމެވެ. މި އިވެންޓް އިންތިޒާމުކުރެވުނީ ޔޫގަންޑާގެ މިނިސްޓްރީ އޮފް ސްޓޭޓް ފޯ އެތިކްސް އެންޑް އިންޓެގްރިޓީ، އީސްޓް އެފްރިކާ އެސޯސިއޭޝަން އޮފް އެންޓި-ކޮރަޕްޝަން އޮތޯރިޓީސް، އަދި ޔޫ.އެން.އޯ.ޑީ.ސީ އެންޓި-ކޮރަޕްޝަން އެންޑް އިކޮނޮމިކް ކްރައިމް ހަބް ފޮރ އެފްރިކާ އާ ގުޅިގެންނެވެ. މި މަޝްވަރާގައި އެލް.ޑީ.ސީ.އެސް އަދި ކުދި ޖަޒީރާ ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި (އެސް.އައި.ޑީ.އެސް) ކޮރަޕްޝަންގެ ނުރައްކާ ދެނެގަނެ، އެކަންކަން ކުޑަކުރުމަށް ޢަމަލީ ގޮތުން ބޭނުންކުރެވޭނެ އުޞޫލުތައް ދިރާސާކުރެވޭނެއެވެ.
މި އިވެންޓްގައި މައިގަނޑު ސަމާލުކަން ދެވޭ ކަންތައްތަކުގެ ތެރޭގައި، ކޮރަޕްޝަން ހިނގުމުގެ ކުރިން އެކަން ހުއްޓުވުމަށް، ކޮރަޕްޝަނުގެ ނުރައްކަލަށް ބިނާކޮށް، އޮނިގަނޑެއްގެ ތެރެއިން ކުރިއަށްގެންދާ އުޞޫލުތައް ހިއްސާކުރުން ހިމެނެއެވެ. އަދި އުމްރާނީ ތަރައްޤީ، ކަސްޓަމްސް، ޞިއްޙަތު، ތަޢުލީމު، އަދި ގުދުރަތީ ވަޞީލަތްތަކާ ގުޅޭ ދާއިރާތަކުގެ ތަޖުރިބާތަކާއި، ވަޞީލަތްތައް މަދު ނަމަވެސް، މުއައްސަސާގެ ނަޒާހަތްތެރިކަން އަދި ރައްޔިތުންގެ އިތުބާރު އިތުރުކުރުމަށް ބޭނުންކުރެވޭނެ ވަސީލަތްތަކާއި ލިބުނު ފިލާވަޅުތައް ހިއްސާކުރުމެވެ.
ސައިޑް އިވެންޓް 2: އިންޓެގްރިޓީގައި ޒުވާނުން އިސްކޮށް: ކްލާސްރޫމްތަކުން ފެށިގެން ޕާލިމެންޓްތަކާ ހަމައަށް
ޑިސެމްބަރު 17 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ދެވަނަ ސައިޑް އިވެންޓްގައި، އިންޓެގްރިޓީއާއި ޖަވާބުދާރީވުން ކުރިއެރުވުމުގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރާނެއެވެ. މި ޕެނަލްގައި، ސޯޝަލް އޮޑިޓް ޓޫލްކިޓް ހިއްސާކުރެވޭނެއެވެ. މި އިވެންޓްތަކުގެ ތެރެއިން، ޢަމަލީ ނުރައްކާ ކުޑަކުރުމުގެ ސްޓްރެޓެޖީތަކާއި ޒުވާނުންގެ ބައިވެރިވުމުގެ މުހިންމުކަން އޭ.ސީ.ސީ އިން ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ހިއްސާކުރާނެވެ.