...

އެސެޓް ރިކަވަރީ ހަރުދަނާކުރުމަށް މެނާ-އެރިންގެ ފުރަތަމަ އަހަރީ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ

ސައުދީ އަރަބިއްޔާގެ ޖިއްދާގައި 8-9 އޮކްޓޯބަރު 2025 ގައި ބޭއްވުނު މިޑްލް އީސްޓް އެންޑް ނޯތު އެފްރިކާ އެސެޓް ރިކަވަރީ އިންޓަރ-އެޖެންސީ ނެޓްވޯކް (މެނާ-އެރިން)ގެ ފުރަތަމަ އަހަރީ ބައްދަލުވުމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވައިފިއެވެ.

ސައުދީ އަރަބިއްޔާގެ އޯވަރސައިޓް އެންޑް އެންޓި-ކޮރަޕްޝަން އޮތޯރިޓީ (ނަޒާހާ) އިން އިންތިޒާމުކޮށްގެން ބޭއްވި މި ބައްދަލުވުމުގައި މެނާ-ފެޓްފްގެ މެމްބަރު ޤައުމުތަކުގެ އިތުރުން، ބައިނަލްއަޤްވާމީ ޖަމްއިއްޔާތަކާއި، ސަރަޙައްދީ އެސެޓް ރިކަވަރީ ނެޓްވޯކްތަކުގެ މަންދޫބުން ބައިވެރިވެ، ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދިޔައެވެ.

އޭސީސީގެ ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އދ.ގެ ކޮރަޕްޝަނާ ދެކޮޅު މުއާހަދާ (އުންކެކް)އާ އެއްގޮތަށް ދިވެހިރާއްޖެއިން އެސެޓް ރިކަވަރީގެ އޮނިގަނޑު ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. މީގެ ތެރޭގައި 2022 ވަނަ އަހަރު އާނމުކުރެވުނު އެސެޓް ރިކަވަރީއާ ބެހޭ ޤައުމީ ދިރާސާއާއި، ނެޝަނަލް އެސެޓް ރިކަވަރީ ރޯޑްމެޕް، އަދި ސަރުކާރަށް ހުށަހެޅުނު އެސެޓް ރިކަވަރީ މޮޑެލް ޤާނޫނު (2025) ހިމެނެއެވެ. އަދި މި މަސައްކަތްތަކުގެ އެންމެ ބޮޑު އެއް މަގުޞަދަކީ ކޮރަޕްޝަންގެ ޢަމަލުތަކާ ގުޅިގެން ހޯދާފައިވާ މުދާ އަނބުރާ ހޯދުމުގެ ފުރިހަމަ ނިޒާމެއް ގާއިމުކުރުންކަން ފާހަގަކޮށްފައިވެއެވެ.

އަލްއުސްތާޛު ޝާމިލް ވާހަކަފުޅު ނިންމަވާލެއްވީ ބައިނަލްއަޤްވާމީ ބައިވެރިންނާއެކު އެސެޓް ރިކަވަރީއާއި ނަޒާހަތްތެރިކަން ކުރިއެރުވުމަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތް ދެމެހެއްޓުމަށް އަލުން އިލްތިޒާމްވަމުންނެވެ. އަދި މެނާ-އެރިންގެ ފުރަތަމަ ބައްދަލުވުން ކާމިޔާބު ގޮތެއްގައި ބޭއްވުނު ކަމަށްޓަކައި މަރުޙަބާ ދެންނެވިއެވެ.