ސަޢުދީ-މޯލްޑިވްސް އިންޓަރނޭޝަނަލް ފޯރަމްގެ ހުށަހެޅުންތައް އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަށް ހުށަހެޅުމަށް އެދެފި
22 މޭ 2025
ސަޢޫދީ ޢަރަބިއްޔާގެ އޯވަރސައިޓް އެންޑް އެންޓި-ކޮރަޕްޝަން އޮތޯރިޓީ (ނަޒާހާ) އާއި އެންޓި-ކޮރަޕްޝަން ކޮމިޝަނާ ގުޅިގެން އިންތިޒާމުކުރި "ސަޢުދީ-މޯލްޑިވްސް އިންޓަރނޭޝަނަލް ފޯރަމް އޮން އިންޓެގްރިޓީ 2025" ގައި ފާސްކުރެވުނު ހުށަހެޅުންތައް، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަށާއި، އޯއައިސީގެ ދެން އޮންނަ އެންޓި-ކޮރަޕްޝަން މިނިސްޓީރިއަލް ބައްދަލުވުމަށް ރަސްމީކޮށް ހުށަހެޅުމަށް ވަނީ ނިންމާފައެވެ.
މި އަހަރުގެ މޭ މަހުގެ 6 އާއި 7 ވަނަ ދުވަހު ބޭއްވުން ބައިނަލްއަޤުވާމީ މި ފޯރަމުގައި "ކޮމްބެޓިންގ ކޮރަޕްޝަން އެންޑް ސްޓްރެންތެނިންގ އިންޓެގްރިޓީ އިން ދަ ޓޫރިޒަމް ސެކްޓަރ" މި ޝިޢާރުގެ ދަށުން، 50 އަށްވުރެ ގިނަ ޤައުމުތަކުން 190 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ ތެރޭގައި އިސް ފެންވަރުގެ ސަރުކާރު އޮފިޝަލުންނާއި، ދާއިރާގެ މާހިރުންނާއި، އަދި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ މަންދޫބުން ހިމެނެއެވެ.
ނަޒާހާ އާއި އެންޓި-ކޮރަޕްޝަން ކޮމިޝަނާ ގުޅިގެން އިންތިޒާމުކުރި މި ފޯރަމުގައި، ފަތުރުވެރިކަމުގެ ދާއިރާގެ ހިންގުމުގެ ހާމަކަން ބޮޑުކުރުމާއި، ޖަވާބުދާރީވުން އިތުރުކުރުމާއި، އަދި ޤައުމުތަކުގެ މެދުގައި އެއްބާރުލުން ހަރުދަނާކުރުމަށް އަމާޒުކޮށްފައިވާ މުހިންމު ހުށަހެޅުންތަކެއް ވަނީ ފާސްކޮށްފައެވެ.
ފޯރަމުގައި ފާސްކުރެވުނު ހުށަހެޅުންތަކަކީ، އޯއައިސީ މެމްބަރު ޤައުމުތަކުގެ މެދުގައި ކޮރަޕްޝަން ހުއްޓުވުމަށް ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މެދުގައި އެއްބާރުލުން ދިނުމާބެހޭ މައްކަތުލް މުކައްރަމާ ކޮންވެންޝަން އަވަހަށް ސޮއިކޮށް ތަސްދީޤު ކުރުމަށް ގޮވާލާފައިވެއެވެ. މީގެ އިތުރުން، ފޯރަމުގައި ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ނަޒާހަތްތެރިކަން އިތުރުކޮށް ކޮރަޕްޝަނުގެ ހިރާސް ކުޑަކުރުމަށް އެކުލަވާލެވިފައިވާ "ހައި-ލެވެލް ޕްރިންސިޕަލްސް" ބަލައިގަނެފައެވެ. މި އުސޫލުތަކުގެ މައިގަނޑު މަޤްޞަދަކީ އދ.ގެ ކޮރަޕްޝަނާ ދެކޮޅު މުޢާހަދާއާ އެއްގޮތަށް، ހާމަކަން ބޮޑުކުރުމާއި، ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމާއި، ސްޓޭކްހޯލްޑަރުންގެ މެދުގައި އެއްބާރުލުން އިތުރުކުރުމެވެ. ފޯރަމުން ވަނީ "ސްޓެޓިސްޓިކަލް، އިކޮނޮމިކް އެންޑް ސޯސިއަލް ރިސަރޗް އެންޑް ޓްރެއިނިންގ ސެންޓަރ ފޯ އިސްލާމިކް ކަންޓްރީސް (ސެސްރިކް)" އިން ޓޫރިޒަމް ދާއިރާގައި ކޮރަޕްޝަނާ ގުޅޭގޮތުން ހަދާފައިވާ ދިރާސާތައް ފާހަގަކޮށް، ރަނގަޅު އާދަތަކުގެ ގައިޑްލައިނެއް އެކުލަވާލުމަށް ތާޢީދުކޮށް، ދެން އޮންނަ ފޯރަމަށް ޢަމަލީ އިރުޝާދުތަކެއް ހުށަހެޅުމަށް ގޮވާލާފައެވެ. ފޯރަމުގައި ބައިވެރިވި މަންދޫބުން ވަނީ ޔޫއެންއޯޑީސީގެ ގްލޯބީ ނެޓްވޯކް އަދި އިންޓަރޕޯލް ފަދަ ނެޓްވޯކްތަކުގައި އިތުރަށް ބައިވެރިވުމަށް ހިތްވަރުދީފައެވެ. އަދި ގްލޯބީ ނެޓްވޯކުތަކުން ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅުންހުރި ކޮރަޕްޝަނުގެ ހިރާސް ކުޑަކުރުމުގެ މަސައްކަތްތަކުގައި އިތުރަށް ބައިވެރިވުމަށް ދަޢުވަތުދީފައިވެއެވެ .ފޯރަމު ނިމިގެން ދިޔައީ މޮރޮކޯގައި ދެން އޮންނަ ފޯރަމު ބޭއްވުމަށް ހުށަހަޅައި، މި ހަރަކާތް އިންތިޒާމުކޮށް ކާމިޔާބުކޮށްދިނުމުގައި ސަޢޫދީ އަރަބިއްޔާގެ އޯވަރސައިޓް އެންޑް އެންޓި-ކޮރަޕްޝަން އޮތޯރިޓީ (ނަޒާހާ) އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން އަދާކުރި މުހިންމު ދައުރަށް ޝުކުރު އަދާކުރަމުންނެވެ.
މި ހުށަހެޅުންތައް އޯއައިސީއަށް ހުށަހެޅުމުގެ މައިގަނޑު މަޤްޞަދަކީ، ފޯރަމުގައި ހުށަހެޅުނު ޚިޔާލުތަކާއި ހުށަހެޅުންތައް އޯއައިސީގެ ގައުމުތަކުގެ މުއައްސަސާތަކުގެ ތެރެއަށް ތަޢާރަފުކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާގައި ކޮރަޕްޝަނުގެ ހިރާސް ކުޑަކުރުމަށް ޢަމަލީ ގޮތުން ތަންފީޒުކުރެވޭނެ ފިޔަވަޅުތަކެއް އެޅުމަށް މަގުފަހިކުރުމެވެ.