...

ނޫސް ބަޔާން

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނަށް ތުހުމަތުކޮށް މި ކޮމިޝަނަށް ހުށަހެޅި، ތަޙުޤީޤުކުރަމުންގެންދާ މައްސަލައާ ގުޅިގެން ދަންނަވަމެވެ.  

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގެ 23 ވަނަ މާއްދާގައި ބުނާ ކޮރަޕްޝަނުގެ ޢަމަލެއް، އެޤާނޫނުގެ 24 ވަނަ މާއްދާގައި ބުނާ ފަރާތަކުން ކުރަމުންދާކަމަށް ތުހުމަތުކޮށް މި ކޮމިޝަނަށް ހުށަހެޅިއްޖެނަމަ، އެއްވެސް ފަރާތެއް އިސްތިސްނާ ކުރުމަކާ ނުލައި އެ މައްސަލައެއް ތަޙުޤީޤުކުރުމަކީ މި ކޮމިޝަނުގެ މައްޗަށް އޮންނަ ޤާނޫނީ ޒިންމާއެއް އަދި ވާޖިބެކެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 202 ވަނަ މާއްދާއާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގެ 21 އަދި 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މިފަދަ މައްސަލަތައް ބެލުމުގައި ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ ޤާނޫނުތަކާއި ގަވާއިދުތަކުން ކޮމިޝަނަށް މަތިކޮށްފައިވާ ބާރުތަކުގެ ތެރެއިން މައްސަލަތައް ބަލަމުންގެންދާނެކަން ކަށަވަރުކޮށްދެމެވެ.  

މި ކޮމިޝަނަށް ހުށަހެޅި ތަޙުޤީޤުކުރަމުންދާ މައްސަލަތަކުގައި އެއްވެސް ފަރާތެއްގެ ނުފޫޒަކަށް ލެނބުމެއްނެތި، ވަކި ފަރާތަކަށް ބުރަނުވެ ތަޙުޤީޤު ކުރިއަށް ގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ.