ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ނާއިބުރައީސް ވިދާޅުވެއްޖެ
25 އޭޕްރީލު 2019
ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ނާއިބުރައީސް އަލްއުސްތާޛު މުޢައްވިޒު ރަޝީދު ވިދާޅު ވެއްޖެއެވެ.
މުޢައްވިޒު ރަޝީދު މިހެން ވިދާޅުވީ، 2019 ވަނަ އަހަރުގެ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ކަސްޓަމްސްގައި ބޭއްވި ޚާއްޞަ ޖަލްސާގައި ކޮމިޝަނުގެ ފަރާތުން ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ 21 އެޕްރީލް 2019 ވަނަ ދުވަހުގެ ރޭގައެވެ. މުޢައްވިޒު ރަޝީދު ދެއްކެވި ވާހަކަފުޅުގައި ނަޒާހަތްތެރި ޖީލެއް ބިނާކުރުމުގައި ބެލެނިވެރިންނާއި މުދައްރިސުންގެ ދައުރުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައި، ކޮރަޕްޝަން ހުއްޓުވުމަށާއި ނަޒާހަތްތެރިކަން ކުރިއެރުވުމަށް ކޮމިޝަނުގެ ފަރާތުން ކޮށްފައިވާ އަދި ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ.
އުގަންނައިދިނުމާއި ހޭލުންތެރިކުރުވުމުގެ މަސައްކަތުގެ ތެރެއިން މަޢުލޫމާތު ދިނުމުގެ 600 އަށް ވުރެ ގިނަ ސެޝަން ނަގާދެވިފައި ވާކަމަށާއި،
އޭގެ ތެރެއިން 400 އަށްވުރެ ގިނަ ސެޝަނަކީ ދައުލަތުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ނަޒާހަތްތެރިކަން އިތުރުކުރުމަށް ހިންގިފައިވާ ސެޝަންތަކެއް ކަމަށް ވިދާޅުވިއެވެ. މި ސެޝަންތަކުން 18000 އަށް ވުރެ ގިނަ ފަރާތަށް ވަނީ މަޢުލޫމާތު ފޯރުކޮށް ދެވިފައިކަމަށް ފާހަގަ ކުރެއްވިއެވެ. އަދި މިއަހަރުގެ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަ ކުރުމަށްޓަކައި ސްކޫލްތަކަށާއި ޔުނިވަރސިޓީތަކަށް އަމާޒުކޮށް ހޭލުންތެރިކުރުމުގެ ގިނަ ހަރަކާތްތަކެއް ހިންގިފައިވާކަމަށް ވިދާޅުވިއެވެ.
އިތުރަށް ދެއްކެވި ވާހަކަފުޅުގައި ނަޒާހަތްތެރި ޖީލެއް ބިނާކުރުމަށްޓަކައި ނަޒާހަތްތެރިކަމާ ބެހޭ މަޢުލޫމާތާއި، ކިޔެވުމުގައި ނަޒާހަތްތެރިކަން އިސްކުރުމުގެ މުހިންމުކަމާއި، ނަޒާހަތްތެރިކަމާއެކު ކަންކަން ކުރާނެ ގޮތްތައް އަންގައިދިނުމަށްޓަކައި ކޮމިޝަނުގެ ފަރާތުން "ސްކޫލް އިންޓަގްރިޓީ ޕްރޮގްރާމް" ގެ ނަމުގައި ވޭތުވެދިޔަ 05 އަހަރުގެ ތެރޭގައި ތަފާތު ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންދެވިފައިވާކަމަށް ވިދާޅުވިއެވެ. އޭގެ ތެރޭގައި ފަށާ ތަޢުލީމުން ފެށިގެން ހަޔަރ އެޑިޔުކޭޝަން ގެ ދަރިވަރުންނަށް ސްކޫލް އިންޓަގްރީޓީގެ ތަމްރީން ޕްރޮގްރާމްތަކެއްގެ އިތުރުން މުދައްރިސުންނަށާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން ގިނަ ސެޝަންތަކެއް ނަގައިދެވިފައިވާނެކަމަށް ވިދާޅުވިއެވެ. އޭގެ ތެރޭގައި ފައުންޑޭޝަން ސްޓޭޖުގެ ދަރިވަރުންނަށް ކިޔަވާއިދޭން ބޭނުންކުރާ ވަސީލަތްތަކުގެ ތެރޭގައި ނަޒާހަތްތެރިކަމުގެ ސިފަތައް ދަރިވަރުންގެ ކިބައިގައި އަށަގަންނުވަން ބާރުއަޅާ ފޮތްތަކެއް އެކުލަވާލުމުގެ މަގުސަދުގައި ފައުންޑޭޝަން ލެވެލްގައި ކިޔަވައިދެއްވާ މުދައްރިސުންނަށް އަމާޒުކޮށްގެން ވާހަކަ ލިއުމުގެ މުބާރާތެއް ބޭއްވިފައިވާކަމަށާއި، މި މުބާރާތުގެ އަމާޒަކީ މި ފޮތްތައް ފައުންއުންޑޭޝަން ލެވެލްގައި ކިޔާވާއިދެއްވާ ހުރިހާ ސުކޫލުތަކަށް ފޯރުކޮށްދިނުންކަމަށް ވިދާޅުވިއެވެ.
ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ކޮމިޝަންގެ މުވަޒަފުން ދަތުރުކޮށް ދައުލަތުގެ މުވަޒަފުނާއި އާންމުން ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށާއި، ކޮރަޕްޝަންގެ ޢަމަލުތަކާއި، އެކަމުގެ ސަބަބުން މުޖުތަމަޢުއަށާއި ޢާންމުންނަށް ލިބޭ ގެއްލުމުގެ މައްޗަށް ހޭލުންތެރިކަން އިތުރު ކުރުމާއި މިފަދަ ޢަމަލުތަކުގެ ސަބަބުންވާ ގެއްލުން ކުޑަކުރުމަށް ޢާންމުންގެ އެއްބާރުލުން ހޯދުމުގެ މަޤްޞަދުގައި “ބިތުފަންގި” ގެ ނަމުގައި ހޭލުންތެރިކުރުމުގެ ޓީވީ ޕްރޮގްރާމެއް ބްރޯޑްކާސްޓްކުރުމުގެ އިތުރުން، ނަޒާހަތްތެރިކަމާ ބެހޭ މަޢުލޫމާތު ދިނުމަށް ބިތުފަންގި ރިޑިއޯ ޕްރޮގްރާމްގެ ނަމުގައި 05 ސީރީޒްއެއް މިހާތަނަށް ކުރިއަށް ގެންދެވިފައިވާނެކަމަށެވެ.
އިލްމީ ދިރާސާ ތަކެއްގެ ގޮތުގައި ކޮރަޕްޝަނުގެ ގެއްލުމާއި ނުބައިކަމުގެ މައްޗަށް ޢާންމުން ހޭލުންތެރިކުރުމުގެ މަޤްޞަދުގައި ކޮމިޝަނުން "ހުދު ކަރުދާސް"ގެ ނަމުގައި ޚާއްސަ ދިރާސާ ކަރުދާސްތަކެއް އެކުލަވާލުމާއި، 2015 ވަނަ އަހަރުން ފެށިގެން ކޮމިޝަނުން ‘ބިތުފަންގި’ ނަމުގައި ކޮންމެ ކްއާޓަރ އަކުން އެއްފަހަރު ބުލެޓިން (ތޫރަ) ނެރެމުންދާކަމަށް ވިދާޅުވިއެވެ. އަދި ދައުލަތުގެ އެކި އިދާރާތަކުގައި ހުރި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތައް ފާހަގަކޮށް އެކަންތައްތައް ޙައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ލަފާތަކާއެކު ތަފާތު 4 ދާއިރާއަކާ ގުޅޭ ކޮރަޕްޝަން ރިސްކް އެސެސްމަންޓް ރިޕޯޓެއް ތައްޔާރުކުރުމަށްފަހު އާންމުކުރެވިފައިވާކަމަށެވެ. ދެމެހެއްޓެވިނި ގޮތުގައި ނަޒާހަތްތެރިކަން އިތުރުކުރުމަށްޓަކައި ދިގުރާސްތާ ޕްލޭނެއް “ނޭޝަނަލް އިންޓެގްރިޓީ ޕްލޭން (އެންއައިޕީ)” އެކުލަވާލުމުގެ މަސައްކަތް ނިމިފައިވާއިރު، ޢަމަލީގޮތުން އިފްތިތާހުކުރުމަށް ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ އެހީތެރިކަމަށް އެދެވިފައިވާނެކަމަށް މުޢައްވިޒު ރަޝިދު ވިދާޅުވިއެވެ.
ސަރުކާރުން ކޮރަޕްޝަނާމެދު ގެންގުޅުއްވާ ޒީރޯ ޓޮލެންސްގެ ސިޔާސަތަކީ ކޮމިޝަނުގެ މަސައްކަތަށް ލިބިގެންދާ ވަރަށްބޮޑު ހިއްވަރެއްކަމަށާއި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އޮނަރަބްލް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ކޮރަޕްޝަނާމެދު ގެންގުޅުއްވާ ސިޔާސަތު އެގޮތުގައި ސާބިތުކަމާއެކު ކުރިއަށް ގެންދެވުމަށް އިލްތިމާސް ކުރެއްވިއެވެ.