...

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ އިސްވެރިންގެ މައްޗަށް ދަޢުވާކުރުން

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރާއި އިސް ވެރިއެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް ފޮނުވި މައްސަލައިގައި ދަޢުވާތައް ކުރުމަށް ޕޮރޮސެކިއުޓަރ ޖެނެރަލް އޮފީހުން 26 ޑިސެންބަރު 2024 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ. މި މައްސަލައިގައި ދަޢުވާ ކުރުމަށް ހުށަހަޅާފައިވަނީ ވަނީ 2019 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމަކާ ގުޅިގެންނެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވެނީ ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މަސައްކަތް ފުރިހަމަ ކޮށްފައިނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ ދޫކޮށް، އެ ކުންފުންޏަށް ނާޖާއިޒު މަންފާ ހޯދައިދީފައިވާ ކަމަށެވެ. މި ޢަމަލުގެ ސަބަބުން ގާތްގަނޑަކަށް 9 ލައްކައަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ފެނަކަ ކޯޕަރޭޝަނަށް ލިބިފައިވެއެވެ.

ދަޢުވާ ކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު އަދި ކުރީގެ ޕްރޮކިއުމަންޓް ހެޑް މަރްޔަމް ދީނާ ޞާލިޙުގެ މައްޗަށެވެ. މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދިފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ޚައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއެވެ. މި ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.

މި މައްސަލައިގައި ފެނަކަ އަށް ކޮރަޕްޝަނުގެ ސަބަބުން ގެއްލިފައިވާ ފައިސާ ހޯދުމަށް އެންގުމަށް ވެސް ކޮމިޝަނުން ނިންމާފައިވެއެވެ. އަދި މި މައްސަލައިގެ އިތުރުންވެސް ފެނަކައިގެ ކުރީގެ ވެރިން ހިމެނޭ ސީރިއަސް ގިނަ މައްސަލަތަކެއްގައި ދަޢުވާކުރުމާއި މެދު ގޮތެއްނިންމަން ޕޮރޮސެކިއުޓަރ ޖެނެރަލް އޮފީހާއިއެކު މިކޮމިޝަނުން މަޝްވަރާ ކުރަމުންގެންދާކަން މަޢޫލޫމާތައްޓަކައި ދެންނެވީމެވެ.