ލ.ގަމު މަތިމަރަދޫ ފެނަކަ ބްރާންޗުގެ ކުރީގެ އެސިސްޓެންޓް މެނޭޖަރުގެ މައްޗަށް ކޮރަޕްޝަނުގެ ދަޢުވާކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފި
16 އޮކްޓޯބަރު 2024
2019 ވަނަ އަހަރު ލ.ގަމު މަތިމަރަދޫ ބްރާންޗު ހިންގުމާ އެދުވަސްވަރު ޙަވާލުވެހުރި، އެ ބްރާންޗުގެ އޭރުގެ އެސިސްޓެންޓް މެނޭޖަރު މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ޢާއިލީ މަސްލަހަތު އޮތް ކުންފުންޏަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލާގައި ކޮރަޕްޝަނުގެ ދަޢުވާކޮށްދިނުމަށް އެދި 29 ސެޕްޓެމްބަރ 2024 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
މި މައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ލ.ގަމު މަތިމަރަދޫ ބްރާންޗުގެ އޭރުގެ އެސިސްޓެންޓް މެނޭޖަރ ނަޞްރުﷲ ޢަބްދުﷲ (ތަރިވިދާގެ، ލ.ގަން) ގެ މައްޗަށެވެ. އެ ފަރާތުގެ މައްޗަށް ދަޢުވާކޮށްދިނުމަށްއެދި ފޮނުވާފައިވަނީ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހަ އިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާއެވެ.
2019 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނުން ލ. ގަމުގެ އިންޖީނުގެތައް އެއް ބްރާންޗަކަށް ބަދަލުކުރުމަށް ލ.ގަމު މަތިމަރަދޫ އަވަށުގައި ހުރި ނާސަރީ އިމާރާތް މަރާމާތުކުރުމުގެ މަސައްކަތް ހަވާލުކުރެވުނީ ލ.ގަމު މަތިމަރަދޫ ބްރާންޗު ހިންގުމާ އެދުވަސްވަރު ހަވާލުވެހުރި، ނަޞްރުﷲ ޢަބްދުﷲ ގެ ޢާއިލީ މަސްލަހަތު އޮތް މާތުނޑި ޓްރޭޑް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށެވެ. މި މަސައްކަތް ހަވާލުކުރެވުނީ ފެނަކަ ކޯޕަރޭޝަނުގެ މުދަލާއި ޚިދުމަތް ހޯދުމުގައި ޢަމަލުކުރާ ގަވާއިދު 2019 އާ ޚިލާފަށް، ޢާއިލީ މަސްލަހަތު އޮތްކަން ފެނަކަ ކޯޕަރޭޝަންއަށް އެންގުމެއް ނެތިއެވެ. އަދި މަސައްކަތް ނިންމިކަން ކަށަވަރުނުކޮށް، މަސައްކަތުގެ އެއްބަސްވުމުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް މަސައްކަތް ފުރިހަމަކުރިކަމުގެ ލިޔުންތައް ފުރިހަމަ ކުރުމަކާނުލައި، އެ މަސައްކަތުގެ އަގު ދިނުމަށް ފެނަކަ ކޯޕަރޭޝަނުގެ ހެޑް އޮފީހުގައި އެދިފައިވެއެވެ.
ނަސްރުﷲ އަބްދުﷲ އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު އޭނާ މަގާމުގެ ނުފޫޒު ބޭނުންކޮށް، އާއިލީ މަސްލަހަތު އޮތް ކުންފުންޏަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާކަން ތަހުޤީޤުން ހޯދާފައިވާ ހޯދުންތަކުން އެނގެއެވެ.