...

ދިވެހިރާއްޖޭގެ ޞިއްޙީ ވެލްފެއަރ ނިޒާމުގެ ކޮރަޕްޝަން ހިރާސްގެ ދިރާސާ އާންމުކޮށްފި

ދިވެހިރާއްޖޭގެ ޞިއްޙީ ވެލްފެއަރ ނިޒާމުގައި ކޮރަޕްޝަނަށް އޮތް ހިރާސްތައް ދެނެގަތުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހެދި ދިރާސާ މިއަދު އާންމުކޮށްފިއެވެ. މި ދިރާސާ އާންމުކޮށްދެއްވީ، އެ ކަމަށްޓަކައި އޭސީސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދެވެ.

މި ދިރާސާގެ ބޭނުމަށް މަޢުލޫމާތު ނަގާފައިވަނީ 2011 އިން 2023 އަށެވެ. އަދި ދިރާސާގެ މުއްދަތަކީ 2022 އަދި 2023 އެވެ. މި ދިރާސާގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ޞިއްޙީ ވެލްފެއަރ ނިޒާމުގައި ކޮރަޕްޝަނަށް އޮތް ހިރާސް ދެނެގަނެ އެކަންކަން އިސްލާހުކުރުމަށް ލަފާދިނުމެވެ. އަދި ޞިއްޙީ ވެލްފެއަރ ނިޒާމުގެ ތެރެއިން ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ކޮރަޕްޝަނުގެ ހިރާސް އޮތް މިންވަރު ބަލައި، ކޮރަޕްޝަނުގެ ހިރާސް ކުޑަކުރުމަށްޓަކައި ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ލަފާދިނުމެވެ.

2023-2022 ގެ މުއްދަތުގައި މި ނިޒާމުގެ ކަންކަން ބެލި މި ދިރާސާއިން، މައިގަނޑު 6 މައްސަލައެއް ފާހަގަވެފައިވެއެވެ. އެ މައްސަލަތަކަކީ:

1.   ޤާނޫނީ އޮނިގަނޑު ހަރުދަނާ ނުވުމުގެ ސަބަބުން ޚިދުމަތް ފޯރުކޮށްދިނުމުގައި ނަޒާހަތްތެރިކަން ކަށަވަރު ކުރެވެން ނެތުން؛

2.   ހެލްތު ވެލްފެއަރ ނިޒާމުގެ ތެރެއިން ޚިދުމަތް ލިބުނުކަމުގެ "ކްލެއިމް ޕްރޮސެސް ވެލިޑޭޓް" (ފައިސާ ދޫކުރެވެނީ ލިބޭ ޚިދުމަތަށްކަން ކަށަވަރުކުރެވޭނެ) ގޮތެއް ނެތުން؛

3.   ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގައި އައު ޚިދުމަތާއި ބޭސް ރަޖިސްޓަރީ ކުރުމުގައި ހާމަކަން ކުޑަވުން؛

4.   އާސަންދަ މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ބިލްތަކަށް ފައިސާ ދޫކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވުން؛

5.   ޞިއްޙީ ވެލްފެއަރ ނިޒާމު ވަށާޖެހޭހެން ޒިންމާދާރުކުރުވައި ޖަވާބުދާރީ ކުރުވާނެ ފަރާތެއް ނެތުން؛

6.  އެންސްޕާ މެދުވެރިކޮށް އެހީގެ ގޮތުގައި ފައިސާދޭއިރު، ހަމަހަމަކަން ނެތުން؛

މި މައްސަލަތަކަށް ރިޢާޔަތްކޮށް، ސިއްޙީ ވެލްފެއަރ ނިޒާމު ހަރުދަނާ ކުރުމަށް ކޮމިޝަނުން 20 ލަފައެއް ދީފައިވާނެއެވެ. އެގޮތުން ފާހަގަކުރެވޭ ކަންކަމުގެ ތެރޭގައި؛

·   ދެމެހެއްޓެނެވި ގޮތެއްގައި އާސަންދަ ސްކީމު ހިންގުމަށްޓަކައި، އެ ސްކީމްގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ކުރާ އަސަރު ކުޑަކުރުމަކީ މުހިންމު ކަމެއްކަމާއި، އެކަމަށްޓަކައި ދުރުރާސްތާ ޕްލޭނެއް އެކުލަވާލައި ތަންފީޒުކުރުމާއި، ދިވެހިރާއްޖެއަށް އެންމެ އެކަށޭނަ ހައްލަކީ ކޮބައިކަން ދެނެގަތުމަށް ޚާއްސަ ދިރާސާތަކެއްކޮށް، ނިޒާމީ ބަދަލުތަކެއް ގެނައުމަކީ، މި ނިޒާމަށް ރައްޔިތުންގެ އިތުބާރުހޯދުމަށްޓަކައި މުހިންމު ކަމެއްކަން؛

·   ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށް، މިހާރު ޢަމަލުކުރެވޭ ގަވާއިދުތަކާއި އުސޫލުތައް މުރާޖަޢާކޮށް، ވަށާޖެހޭ ގަވާއިދުތަކެއް އެކުލަވާލުމާއި، އޭގެ ތެރޭގައި، ބޭހާއި، ޚިދުމަތާއި ޑޮކްޓަރުންނާ ގުޅުންހުރި ކްލިނިކަލް އަދި ޕްރެކްޓިސް ގައިޑްލައިންތައް ތައްޔާރުކުރުމާއި ބޭހުގެ އަގު ކަނޑައެޅުމާ ގުޅުންހުރި އުސޫލުތައް ޤާއިމުކުރުން؛

·   ދިވެހިރާއްޖޭގައި ޑޮކްޓަރަށް ދެއްކުމަށް ރިފަރަލް ނިޒާމެއް ވަށައިޖެގޭ ގޮތަށް ޤާއިމްކުރުން؛

·  ދައުލަތުގެ ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ޑޮކްޓަރުން ޕްރައިވެޓް ހޮސްޕިޓަލް އަދި ކުލިނިކުތަކުގައި މަސައްކަތްކުރުމާ ގުޅޭ ގަވާއިދެއް އެކުލަވާލައި ތަންފީޒުކުރުން؛

·  ނޭޝަނަލް ޕްރިސްކްރައިބިންގ ސްޓެންޑަރޑަކާއި، ބޭހުގެ އަގު ކަނޑައެޅުމާ ގުޅޭ ގޮތުން ނިޒާމީ ގޮތެއްގައި ޢަމަލުކުރާނެ އުސޫލުތައް އެކުލަވައިލުން؛

·  ޞިއްޙީ ޚިދުމަތްތަކާއި ބޭހާ ގުޅުންހުރި ނޭޝަނަލް ޕްރައިޒިންގ ސްކީމެއް ޤާއިމުކޮށް ތަންފީޒުކުރުމާއި، މެކްސިމަމް ރީޓެއިލް ޕްރައިޒިންގ އަދި ސްޓެންޑަރޑް ސަރވިސް ލިސްޓިންގއެއް ތަޢާރަފުކުރުން؛

· އާސަންދަ ސްކީމުން ފައިސާ ދައްކަނީ، ޚިދުމަތެއް ލިބުމަށްފަހުކަން ކަށަވަރުކުރުމުގެ ގޮތުން "ކްލެއިމް ޕްރޮސެސް ވެލިޑޭޝަން" ނިޒާމެއް ތަޢާރުފުކުރުން؛

· ޚިދުމަތާއި ބޭސް ރަޖިސްޓަރީކުރުމުގެ ހާމަކަން އިތުރުކުރުމަށް ރަޖިސްޓަރީވުމަށް ފުރިހަމަކުރަންޖެހޭ ހަރުފަތްތަކާއި ޕްރޮސެސްކުރިއަށްދާ ގޮތް އާންމުކޮށް ފެންނާނެހެން އާންމުކުރުމާއި، އެކަމާ ގުޅުންހުރި ޝަކުވާ ބަލައިގަނެ ޖަވާބުދޭނެ ނިޒާމެއް ޤާއިމްކުރުން؛

·  އާސަންދައިގެ ފައިސާ ދޫކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް، ދައުލަތާއި، ޚިދުމަތާއި ބޭހާއި ތަކެތި ފޯރުކޮށްދޭ ފަރާތްތަކުގެ މަސްލަހަތަށް ރިޢާޔަތްކުރެވިގެން، ފައިސާ ދެއްކުން ލަސްވާ ހާލަތުގައި ޖޫރިމަނާ ހިސާބުކުރާ އިންސައްތަ ބަދަލުކުރުމަށް ގަވާއިދުތަކާއި އުސޫލުތަކަށް އިސްލާހުގެނައުން؛

·  ހެލްތު ވެލްފެއަރ ނިޒާމުގެ ޖަވާބުދާރީކުރުން ހަރުދަނާކުރުމަށް މުޅި ނިޒާމު މޮނިޓަރކުރާނެ ފަރާތެއް ކަނޑައެޅުމާއި، ފައިނޭންޝަލް އިމްޕެކްޓް އެސެސްމަންޓެއް ހަދައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛

·  އެންސްޕާއިން އެހީ ދިނުމުގައި، ބޭސްފަރުވާގެ ބާވަތާއި އެހީއަށް އެދޭ ފަރާތުގެ ޙާލަތަށް ބަލައި ހަރަދުކުރާނެ މިންވަރުގެ ތްރެޝްހޯލްޑުތައް ކަނޑައެޅުމާއި، އެހީއަށް އެދޭ ފަރާތްތަކުގެ ވެރިފިކޭޝަން މަރުޙަލާ ހަރުދަނާކުރުމާއި، އެހީގެ ޕްރޮގްރެސް އެހީއަށް އެދޭ ފަރާތަށް ފެންނާނެހެން ހެދުން؛

·  އާސަންދަ ކުންފުނީގެ މަސައްކަތް ހަރުދަނާކުރުމަށް، ކުންފުނީގެ “ނީޑް އަދި ޕަރފޮރމެންސް އެނެލިސިސް" އެއް ހެދުން؛

·  އާސަންދައިގެ ދަށުން އެމްޕެނަލްކުރާ ތަންތަނުގެ ފެންވަރު ބެލުމަށް އެކަން ކުރާނެ އޮޑިޓިން މެކެނިޒަމެއް ތަޢާރުފުކޮށް ތަންފީޒުކުރުމާއި ނޭޝަނަލް ހެލްތް ޑޭޓާ ބޭސްއެއް ގާއިމްކުރުން.    

މި ދިރާސާ ރިޕޯޓު : ދިވެހިރާއްޖޭގެ ޞިއްޙީ ވެލްފެއަރ ނިޒާމުގެ ކޮރަޕްޝަން ރިސްކް އެސެސްމެންޓް - އެންޓި-ކޮރަޕްޝަން ކޮމިޝަން (acc.gov.mv)

ދިރާސާގެ އަލީގައި ފާހަގަވެފައިވާ ކަންކަން އިސްލާޙު ކުރުމަށާއި، ހުށަހަޅާފައިވާ ހުށަހެޅުންތައް ތަންފީޒުވަމުންދާ މިންވަރު ބަލައި މޮނިޓަރކުރުމަށް މަސްލަހަތުވެރިންނާ ގުޅިގެން މަސައްކަތް ކުރެވޭނެއެވެ.