...

އޭސީސީއާއި އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަނާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެޓިގޭޝަން (ސީ.ބީ.އައި) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ސޮއިކުރީ، 2024 އޮކްޓޯބަރ 06 ވަނަ ދުވަހެވެ. އޭ.ސީ.ސީގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލްއެވެ. އަދި ސީ.ބީ.އައިގެ ފަރާތުން ސޮއިކުރެއްވީ ސީ.ބީ.އައިގެ ޑިރެކްޓަރ، ޕްރަވީން ސޫދެވެ.
މި ފަހުމުނާމާ ރަސްމީކޮށް ބަދަލުކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރޭގައި ބޭއްވެވި ފަހުނަމާ (އެމް.އޯ.ޔޫ) ބަދަލުކުރުމުގެ ރަސްމިއްޔާތުގައި، ދިވެހިރާއްޖެއިން ރިޕަބްލިކް އޮފް އިންޑިއާއަށް ކަނޑައަޅުއްވާފައިވާ ސަފީރު އަލްފާޟިލް އިބްރާހީމް ޝަހީބު އަދި އިންޑިއާގެ މިނިސްޓްރީ އޮފް ހޯމްއެފެއަރޒްގެ ބޯޑަރ މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ސެކްރެޓަރީ ޑރ. ރާޖެންދްރަ ކުމާރުއެވެ.

މި ފަހުމުނާމާގެ ދަށުން ކުރިޔަށް ގެންދާ މައިގަނޑު ކަންތައްތައް ތިރީގައި އެވަނީއެވެ.


1.      ކޮރަޕްޝަން ވިޔަނުދިނުމަށްޓަކައި (ޕްރިވެންޝަން) ބޭނުންވާ މަޢުލޫމާތު ދެ މުއައްސަސާގެ މެދުގައި ބަދަލުކުރުން؛

2.      ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުމުގައި "ބެސްޓް ޕްރެކްޓިސް"ތަކުގެ މަޢުލޫމާތު ބަދަލުކުރުމާއި، ދެމުއައްސަސާ ގުޅިގެން ދިރާސާކުރުން؛

3.      ތަޢުލީމު، ތަމްރީނު އަދި ދިރާސާ ހިމެނޭގޮތަށް ކޮރަޕްޝަން ހުއްޓުވުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރުމަށް އެކުގައި މަޝްރޫޢުތަކާއި ޙަރަކާތްތައް ކުރިޔަށްގެންދިޔުން؛

4.      ކޮރަޕްޝަން ވިޔަނުދިނުމާއި (ޕްރިވެންޝަން) އެކަމާ ދެކޮޅަށް ހޭލުންތެރިކުރުވުމުގައި އެއް މުއައްސަސާ އަނެއް މުއައްސަސާއަށް އެހީތެރިވެ، މަޢުލޫމާތާއި، ހުނަރާއި، ތަޖުރިބާއާއި އަދި އެންމެ ރަނގަޅު އުސޫލުތައް ހިއްސާކުރުން؛

5.      ކޮރަޕްޝަނުގެ ކުށް ތަޙުޤީޤުކުރުމާއި، ވިޔަނުދިނުމާއި ދަޢުވާކުރުމާއި ގުޅޭ ފަންނީ އެހީތެރިކަން ބަދަލުކުރުން؛

6.      ކޮރަޕްޝަންގެ ކުށް ވިޔަނުދިނުމާއި ތަޙުޤީޤު ކުރުމާ ގުޅުންހުރި މުވައްޒަފުން ތަމްރީނުކުރުން؛

7.      ދެ ފަރާތް ގުޅިގެން ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމާ ގުޅުންހުރި ފޯރަމްތަކާއި، ސެމިނަރތަކާއި، ކޮންފަރެންސްތަކާއި ވަރކްޝޮޕްތައް ބޭއްވުމާއި އެފަދަ ކަންކަމުގައި ބައިވެރިވުން؛

8.      މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމާއި، ކޮރަޕްޝަންގެ ހިރާސް ކުޑަކުރުމަށް ކުރާ ކަންކަމުގައި އެއްބާރުލުމާއި އެހީތެރިކަންދިނުން؛

9.      ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށް އިންޓަރޕޯލް ފަދަ މިހާރު ޤާއިމުކޮށްފައިވާ ބައިނަލްއަޤުވާމީ ނެޓްވަރކްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމުގައި އެހީތެރިކަން ބަދަލުކުރުން؛

 

މި ފަހުމުނާމާއަކީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ކޮރަޕްޝަން ހުއްޓުވުމަށާއި ވިޔަނުދިނުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، މި ދާއިރާގައި ދެ ޤައުމުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރުކޮށް ވަރުގަދަކުރުމަށް މަގުފަހިކޮށްދޭނެ އިސްތިރާތީޖީ ފިޔަވަޅެއްކަން ފާހަގަކުރަމެވެ.