...

ހޮންގ ކޮންގ ގެ އައި.ސީ.އޭ.ސީ އިން ކުރިޔަށް ގެންދިޔަ ކޯހެއްގައި އޭސީސީއިން ސެޝަނެއް ނަގައިދީފި

ހޮންގ ކޮންގ ގެ އިންޑިޕެންޑެންޓް ކޮމިޝަން އަގެއިންސްޓް ކޮރަޕްޝަން (އައި.ސީ.އޭ.ސީ) އިން އިންތިޒާމުކޮށްގެން ހިންގި 'ޕްރޮފެޝަނަލް އެންޓި-ކޮރަޕްޝަން ޓްރެއިނިންގ އިން މޭޖަރ އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްސް' ކޯހުގައި އޭސީސީއިން ސެޝަނެއް ނަގައިދީފިއެވެ. މި ސެޝަން ކުރިއަށް ގެންދެވުނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު 11 ވަނަ ދުވަހު ހޮންގ ކޮންގގެ އައި.ސީ.އޭ.ސީގެ މައި އިދާރާގައެވެ.

 

މި ސެޝަން ނަގައިދީފައިވަނީ އޭސީސީއާއި އައި.ސީ.އޭ.ސީއާއި ދެމެދު ފަހުނަމާގައި ސޮޮއިކުރެއްވުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އޭ.ސީ.ސީގެ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް މުޙައްމަދު ސަލީމެވެ. މި ސެޝަންގައި، ދިވެހިރާއްޖޭގައި ހިންގާ އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ވިޔަނުދިނުމާއި (ޕްރިވެންޝަން)، ތަހުޤީޤުކުރުމާއި ގުޅޭގޮތުން ކޮމިޝަނުން ކޮށްފައިވާ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ހިއްސާކުރެވުނެވެ. މީގެ ތެރޭގައި ކޮރަޕްޝަން ޢަމަލުތައް ވިޔަނުދިނުމަށް ތަންފީޒުކުރަމުންދާ ސިޔާސަތުތަކާއި، ކޮރަޕްޝަންގެ ނުރައްކާ ކުޑަކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ އިތުރުން، އިންފްރާސްރަކްޗަރ މަޝްރޫޢުތަކުގައި ކޮރަޕްޝަނަށް އޮތް ހިރާސް ދެނެގަތުމަށް ކޮމިޝަނުން ހެދި "އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ކަނޑައަޅާ ހިންގުން-ރިސްކް އެސެސްމަންޓް" އާއި "ކޮމިއުނިޓީ-ލެޑް ސޯޝަލް އޮޑިޓް ޕްރިގްރާމް " އިން ފާހަގަކުރެވިފައިވާ ކަންކަން ޙިއްސާ ކުރެވުނެވެ. އަދި މީގެ އިތުރުން ކޮރަޕްޝަނުގެ ހިރާސް ވަޒަންކުރުމަށް ހާއްސަކުރެވިފައިވާ "ހިންމި" މި ޓޫލްކިޓާއި ބެހޭ މަޢުލޫމާތު ވަނީ ޙިއްސާކުރެވިފައެވެ. މި ސެޝަންގައި ކޯހުގެ ބައިވެރިންގެ ސުވާލުތަކަށް ކޮމިޝަނުގެ ރައީސްވަނީ ޖަވާބުދެއްވަވާފައެވެ.