...

ރަސްމީ ދަޢުވަތެއްގައި އޭސީސީގެ ރައީސް ހޮންގ ކޮންގެ އައި.ސީ.އޭ.ސީއަށް

ހޮންގ ކޮންގުގެ އިންޑިޕެންޑެންޓް ކޮމިޝަން އަގެއިންސްޓް ކޮރަޕްޝަން (އައި.ސީ.އޭ.ސީ) ގެ  ކޮމިޝަނަރ ޑެނީ ޔެންގ މިންގ ވޫގެ ރަސްމީ ދަޢުވަތަކަށް، އޭސީސީގެ ރައީސް ހޮންގ ކޮންގ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފިއެވެ. މި ދަތުރު ކުރިޔަށް ގޮސްފައިވަނީ 9 ސެޕްޓެމްބަރ 2024 އިން 12 ސެޕްޓެމްބަރ 2024 އަށެވެ.

އައި.ސީ.އޭ.ސީއިން ހުރިހައި ޚަރަދުތައް ހަމަޖައްސަވައިދެއްވި މި ދަތުރުގެ މައިގަނޑު ބޭނުމަކީ، އޭސީސީއާއި އައި.ސީ.އޭ.ސީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރެވެން ހުރި ކަންކަމާމެދު މަޝްވަރާކުރުމާއި، ދެ މުއައްސަސާގެ މެދުގައި ރަސްމީ ފަހުމުނާމާއެއްގައި ސޮއިކުރުމެވެ.

މިދަތުރުފުޅުގެ ތެރެއިން އައި.ސީ.އޭ.ސީ ކޮމިޝަނަރ އާއި އެ ކޮމިޝަނުގެ ވެރީންވަނީ އޭސީސީގެ ރައީސްއަށް މަރުޙަބާދަންނަވައި ރަސްމީ ބައްދަލުވުމެއް ބާއްވަވާފައެވެ. މި ބައްދަލުވުމުގައި ދެ ކޮމިޝަނުން ގުޅިގެން މަސައްކަތްކުރާނެ މައިގަނޑު ކަންކަމާމެދުވަނީ މަޝްވަރާކުރެވިފައެވެ. އަދި ޚާއްޞަކޮށް ތަޙުޤީޤުކުރުމާއި ކޮރަޕްޝަން ޕްރިވެންޝަންގެ ދާއިރާއިން ކޮމިޝަނުގެ މުވައްޒަފުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށް މުވައްޒަފުން ތަމްރީނުކުރުމާއި ޤާބިލްކަން އިތުރުކުރުމަށް އެކި ދާއިރާތަކުން މަޝްވަރާކުރެވިފައިވެއެވެ. މި މަޝްވަރާގައި ކޮމިޝަނަރ ޑެނީ ޔެންގ މިންގ ވޫވަނީ އޭސީގެ މުވައްޒަފުން އެކި ދާއިރާތަކުން ތަމްރީނުކުރުމުގައި ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވަވާފާވެއެވެ.