...

ޚަބަރު


މި ކޮމިޝަނުން ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނަރަލް އޮފީހަށް ފޮނުވާފައިވާ "ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުރި އިބްރާހީމް ފުއާދު މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމުގެ މައްސަލަ" ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓުގެ ނަންބަރު /Cr-C/2018459 ޤަޟިއްޔާއިން ނިންމާފައިވެއެވެ. އަދި ކްރިމިނަލް ކޯޓުގެ ނިންމުން ޕޮރޮސިކިއުޓަރ ޖެނަރަލް އޮފީހުން ދިވެހިރާއްޖޭގެ ހައި ކޯޓުގައި އިސްތިއުނާފުކުރުމުން އެ މައްސަލައިގައި 14 ޖުލައި 2024ގައި ދިވެހިރާއްޖޭގެ ހައި ކޯޓުގެ ނަންބަރު  2020/HC-A/183ގަޒިއްޔާއިން ގޮތެއް ނިންމަވަފައިވެއެވެ. ހައި ކޯޓުގެ ހުކުމުގައި ކްރިމިނަލް ކޯޓުގެ ނަންބަރު /Cr-C/2018459  ޤަޟިއްޔާގެ ނިންމުން ބާތިލުކޮށް، މި މައްސަލަ ނިންމާ ތާރީހުން (14 ޖުލައި 2024) ފެށިގެން މަސައްކަތުގެ 30 (ތިރީސް) ދުވަސްތެރޭގައި، ދައުލަތުން އިބްރާހިމް ފުއާދުގެ މައްޗައް މި ދައުވާ އަލުން ހުށައަޅައިފި ނަމަ، މި މައްސަލަ ކޯޓުން ބަލައިގަނެ، އިބްތިދާއީ މަރުޙަލާ ނިމުނުކަމަށް ކަނޑައަޅައި، ޝަރީއަތުގެ މަރުޙަލާއިން ފެށިގެން މައްސަލަ ކުރިއަށް ގެންދަން އަންގަންޖެހޭކަމަށް ހުކުމް ކޮށްފައިވެއެވެ. 

މި ކޮމިޝަނުން ތަހުޤީޤުކޮށް ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައިވާ މައްސަލައަކީ ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތުން އިބްރާހީމް ފުއާދުގެ ވާޖިބު އަދާކުރުމުގައި، އެނާއަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން އަމިއްލައަށް ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދައުވާއެވެ.