...

ނޫސް ބަޔާން

މި ކޮމިޝަނުން ތަހުޤީޤުކޮށް 22 ޖޫން 2022 ގައި ދައުވާ ކޮށްދިނުމަށް އެދި ޕޮރޮސިކިއުޓަރ ޖެނަރަލް އޮފީހަށް ފޮނުވާފައިވާ، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެ ހުރެ ޙައިލަމް މުޙައްމަދު ރިޝްވަތު ނަގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ޙައިލަމް މުޙައްމަދުގެ މައްޗަށް ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތުން އެފަރާތުގެ ވާޖިބު އަދާކުރުމުގައި، އެފަރާތަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން އަމިއްލައަށް ނާޖާއިޒު ފައިދާ ހޯދުމާއި، 510 ވަނަ މާއްދާގެ (ހ) ގައި ބުނާ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ ކޮށްފައިވެއެވެ.

މި ކުށްތައް ސާބިތުވެ، 18 ޖުލައި 2024 ގައި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގައި ރިޝްވަތު ހިފުމުގެ ކުށާއި ގުޅިގެން 40 (ސާޅީސް) ގަޑިއިރު މުޖުތަމަޢުއަށް ޚިދުމަތް ކުރުމަށާއި 56،200 (ފަންސާސް ހަހާސް ދުއިސައްތަ) ރުފިޔާ ގެ ޖޫރިމަނާ ކުރުމަށް ޙުކުމްކޮށްފައިވެއެވެ. ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ މައްސަލައިގައި 120 (ސަތޭކަ ވިހި) ގަޑިއިރު މުޖުތަޢުއަށް ޚިދުމަތް ކުރުމާއި 82،200 (ހަށްޑިހަ ދެހާސް ދުއިސައްތަ) ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ހުކުމްކޮށްފައެވެ. އަދި ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 241،245.06 (ދެލައްކަ ސާޅީސްއެއްހާސް ދުއިސައްތަ ސާޅީސްފަސްރުފިޔާ ހަ ލާރި) ދައްކަން އޭނާގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ. މި މައްސަލައިގައި ޖުމްލަ 379،645.06 (ތިންލައްކަ ހަތްދިހަ ނުވަހާސް ހަސަތޭކަ ސާޅީސް ފަސްރުފިޔާ ހަ ލާރި) ދައުލަތަށް ދަށްކަން ހުކުމްކޮށްފައިވެއެވެ.