...

ކޮރަޕްޝަނުގެ ހިރާސް ވަޒަންކުރުމަށް ޚާއްސަކޮށްފައިވާ "ހިންމި" ޕްލެޓްފޯމް އިފްތިތާހު ކޮށްފި.

ކޮރަޕްޝަނުގެ ހިރާސް ވަޒަންކުރުމަށް ހާއްސަކުރެވިފައިވާ "ހިންމި" ޕްލެޓްފޯމް އިފްތިތާހު ކޮށްފިއެވެ. މި ޕްލެޓްފޯމް އިފްތިތާހްކޮށްދެއްވީ، 08 ޖުލައި 2024 ގައި އުމަރު ޒާހިރު އޮފީސް ބިލްޑިންގ ގައި ބޭއްވުނު އެންޓި ކޮރަޕްޝަން ކޮމިޝަންގެ "ހިންމި" ޕްލެޓްފޯމް އިފްތިތާހުކުރުމުގެ އަދި މުވައްޒަފުންގެ އަގު ވަޒަން ކުރުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ.

މި ޕްލެޓްފޯމްގައި ކޮރަޕްޝަންގެ ހިރާސް އިދާރާތަކުގައި އޮތް މިންވަރު އެ އިދާރާއަކުން އަމިއްލައަށް ދެނެގަނެ ވަޒަންކުރުމަށް ބޭނުންވާނެ މަޢުލޫމާތާއި އެފަދަ އެސެސްމެންޓެއް ހިންގުމުގައި ޢަމަލުކުރަންޖެހޭ ގޮތުގެ އިރުޝާދާއި ލަފާ ހިމަނާފައިވާނެއެވެ. އިދާރާއެއްގެ ތެރޭގައި ކޮރަޕްޝަނަށް ހުރި ހިރާސްތައް ދެނެގަނެ އެ ފުރުސަތުތައް ނައްތާލުމަށް މަސައްކަތްކުރެވޭނެ ގޮތުގެ މަގުދައްކައިދޭ ޓޫލްކިޓް ހިމެނޭ މި ޕްލެޓްފޯމްގެ މަޤްޞަދަކީ ދައުލަތުގެ އިދާރާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގައި ދެފުށްފެނުމާއި، ޖަވާބުދާރީ ކުރުވުމުގެ ސިފަތައް އަށަގެންނެވުމަށް ބާރުއަޅައި ކޮރަޕްޝަނަށް ހުޅުވިފައިހުރި ހިރާސްތަކުގެ ދާއިރާތައް ދެނެގަނެ، މެދުރާސްތާގައި އެ ދާއިރާތަކުގައި ކޮރަޕްޝަން އޮތް މިންވަރު ދެނެގަނެ، ކޮރަޕްޝަންއަށް މަގުފައިވާ ދާއިރާތަށް ދެނެގަނެ އަދި އެކަންކަން ހައްލުކުރުމަށް އަވަހަށް އަޅަން ޖެހޭ ފިޔަވަޅުތަކާއި ދުރުރާސްތާގައި ޢަމަލުކުރަންޖެހޭ ގޮތްތައް ފަސޭހައިން ދެނެގަނެ އެ މަޢުލޫމާތު އާކައިވްކުރުމެވެ.

"ހިންމި" ޕްލެޓްފޯމް މެދުވެރިކޮށް އިދާރާތަކުން ފުރިހަމަކުރާ ކަންކަމުގައި ހިމަނައި މަޢުލޫމާތުގެ ސިއްރުކަން ހިފަހައްޓައިދެވޭގޮތަށް ވަކި ލޮގްއިންއަކުން އިދާރާތައް ރަޖިސްޓްރީކުރެވިގެންދާނެއެވެ. އަދި އެސެސްމެންޓް ފުރިހަމަކުރުމުން، ހުށަހެޅިފައިވާ މަޢުލޫމާތުގެ ޞައްހަކަން ކަށަވަރުކޮށް، އިދާރާތަކަށްދެވޭ ޖުމްލަ މާކުސްއާއި އިދާރާތަކުގައި ކޮރަޕްޝަންގެ ހިރާސް އެންމެ ބޮޑު ދާއިރާތަކަކީ ކޮބައިކަން ބަލައިލެވޭނެއެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް ކޮރަޕްޝަންގެ ހިރާސް ދެނެގަތުމަށް ހަދާ އެސެސްމެންޓްއަށް ބޭނުންވާ ފަންނީ އެހީތެރިކަން ކޮމިޝަނުން ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ދައުލަތުގެ އިދާރާތަކުން އެ ބަޔަކު ތިބި ތަނެއްގައި ތިބެގެން އަމިއްލައަށް އެބައެއްގެ ހިންގުމުގެ ނިޒާމުގައި ހުރި ކޮރަޕްޝަންގެ ހިރާސް ދެނެގަނެ، ރަނގަޅު ކުރަންވީ ކަންކަން ބެލޭނެއެވެ. އަދި ހިރާސްކުޑަ ކުރުމަށް އޮޓޯ ޖެނެރޭޓްކުރާ މޮނިޓަރިންގ އަދި އިވެލުއޭޝަން ޕްލޭން ތަންފިޒުކުރުމުގެ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

ކޮރަޕްޝަން ހުއްޓުވުމަށް ކޮމިޝަނުން ކުރިއަށްގެންދާ މި މަސައްކަތުގައި، މިހާތަނަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި އެކު ވެސް މަސައްކަތު ބައްދަލުވުންތައް ބާއްވައި އެސްމެންޓް ފުރިހަމަ ކުރުމުގެ މަސައްކަތް ފެށިފައިވާއިރު، މި ޑިޖިޓަލް ޕްލްޓްފޯމް ތައާރަފްކުރުމުން އިދާރާތަކުގެ މަސައްކަތް ފަސޭހަވެ، އަވަސްވެގެންދާނެއެވެ.

އަދި ވަރަށްއަވަހަށް ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމުގެ ނިޒާމުގައި ހުންނަ ކޮރަޕްޝަންގެ ހިރާސް ދެނެގަތުމަށް ޚާއްސަކުރެވޭ ކޮރަޕްޝަން ރިސްކް އެސެސްމެންޓް ޓޫލް، ހިންމި ޕްލެޓްފޯމް ގުޅާލެވި، ކުންފުނިތަކުގެ ކޯޕަރޭޓް ގަވަރނެންސް އަދި އިންޓެގްރިޓީ ހަރުދަނާ ކުރުމަށް މަސައްކަތްފެށިގެން ދާނެއެވެ.



 

09 ޖުލައި 2024