...

ކަރަންޓް ބިލްތަކަށް ބަދަލުގެނެސް ފައިސާ ނަގާފައިވާ މައްސަލައިގައި ދަޢުވާކުރުމަށްއެދި ޕީޖީ އޮފީހަށް ފޮނުވައިފި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ބ.ކަމަދޫ ބްރާންޗުން ކަރަންޓް ބިލް ތައްޔާރުކޮށް އެރަށުގެ ގޭގެއަށާއި ވިޔަފާރިތަކަށް ފޮނުވާފައިވާއިރު، ބިލުތަކުގެ ޖުމްލަ އަދަދަށް ބަދަލު ގެނެސް ފައިސާ ނަގާފައިވާ މައްސަލަ ކޮމިޝަނުން ތަހުޤީޤުކޮށް އެ މައްސަލައިގައި ކޮރަޕްޝަނުގެ ދަޢުވާކޮށްދިނުމަށްއެދި މިއަދު (16 މޭ 2024) ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލާގައި ދައުވާކޮށްދިނުމަށްއެދި ފޮނުވާފައިވަނީ ބ.ކަމަދޫ ބްރާންޗުގެ ކުރީގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ، ޢާއިޝަތު ސަމިއްޔާ (މިނާ، ބ.ކަމަދޫ) ގެ މައްޗަށެވެ. އެ ފަރާތުގެ މައްޗަށް ދަޢުވާކޮށްދިނުމަށްއެދި ފޮނުވާފައިވަނީ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތުން އެފަރާތުގެ ވާޖިބު އަދާކުރުމުގައި، އެފަރާތަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން އަމިއްލައަށް ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދަޢުވާއާއި، ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 13 ވަނަ މައްދާގެ (ހ) ގެ ދަށުން ދައުލަތަށް ފައިދާއެއް ލިބެންއޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާއެވެ.

2017 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް ޢާއިޝަތު ސަމިއްޔާ ފެނަކަ ކޯޕަރޭޝަނުގެ ބ.ކަމަދޫ ބްރާންޗުގެ ކަރަންޓް ބިލުތަކުން ޖުމްލަ 375،405.52ރ ނަގާ އެފައިސާ ބޭނުން ކޮށްފައިވެއެވެ.

އެފައިސާ އަނބުރާ ހޯދުމަށް ފެނަކަ ކޯޕަރޭޝަނަށް އެންގުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ވަނީ ނިންމާފައެވެ. އަދި މި އަމަލުގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށް އެފައިސާ އަނބުރާ ހޯދައިދިނުމަށް އެކޯޕަރޭޝަނަށް އެންގުމަށްވެސްވަނީ ނިންމާފައެވެ.