...

ނޫސް ބަޔާން

2023 ވަނަ އަހަރު އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަޙުޤީޤުކޮށް ނިންމާފައިވާ މައްސަލަތަކުގައި، ދައުލަތަށް ލިބެންޖެހޭ 50,370,512.75ރ ހޯދުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާނެއެވެ. 

ކޮރަޕްޝަނުގެ މައްސަލަތަކާ ގުޅިގެން ދައުލަތަށް ހޯދަންޖެހޭ ފައިސާ ހޯދުމުގެ މަސްއޫލިއްޔަތު އޮންނަނީ
އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި ނޫންކަން މިފުރުސަތުގައި ފާހަގަކުރަމެވެ. ނަމަވެސް، ކޮމިޝަނުން ތަޙުޤީޤުކުރާ މައްސަލަތަކުގައި، ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ހިމެނޭކަން ތަޙުޤީޤަށް ފާހަގަކުރެވިއްޖެނަމަ އެފައިސާއެއް ދައުލަތަށް ހޯދުމަށްޓަކައި، އެކަމުގެ ޒިންމާ އޮންނަ ފަރާތަކަށް ކޮމިޝަނުން އަންގަމުން ގެންދެއެވެ.

2023 ވަނަ އަހަރު ކޮމިޝަނުން ތަހުޤީޤުކޮށް ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން 10 މައްސަލައެއްގައި، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވެއެވެ. އެގޮތުން ފާހަގަކުރެވޭ ބައެއް މައްސަލަތަކަށް ބަލާއިރު، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) އަށް 40,475,200.00ރ ހޯދުމަށް އަންގާފައިވާއިރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް (އެމް.ޓީ.ސީ.ސީ) 8,481,000.00ރ ހޯދުމަށް އަންގާފައިވާނެއެވެ. އަދި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް 1,389,342.00ރ ހޯދުމަށް އަންގާފައިވާނެއެވެ. މީގެއިތުރުންވެސް، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ދައުލަތުގެ ބައެއް އިދާރާތަކަށް އަންގާފައިވާނެއެވެ. ނަމަވެސް، 2023 ވަނަ އަހަރު ދައުލަތަށް ހޯދުމަށް އަންގާފައިވާ އެއްވެސް ފައިސާއެއް މިހާތަނަށް ދައުލަތަށް އަނބުރާ ލިބިފައިނުވާކަން ފާހަގަކުރަމެވެ. 

ދައުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާ، އަނބުރާ ހޯދުމަށްޓަކައި އިދާރާތަކުން މަސައްކަތްކޮށްފައިވާ މިންވަރު ބަލައި މޮނިޓަރކުރުމަށް 2022 ވަނަ އަހަރު އެކަމަށް ޚާއްޞަ ނިޒާމެއް ކޮމިޝަނުގައި ޤާއިމްކޮށްފައިވެއެވެ. މި ނިޒާމުގެ ތެރެއިން އިދާރާތަކުން ޢަމަލުކޮށްފައިވާ މިންވަރު ބެލިބެލުމުގައި، ދައުލަތުގެ އިދާރާތަކުން މިކަމުގައި އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާތީ، ޤާނޫނީގޮތުން މިކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަން ފާހަގަކުރަމެވެ.