...

ކޮރަޕްޝަން ރިސްކް ސެލްފް އެސެސްމެންޓް ޓޫލްކިޓް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް ގައި ތަންފީޒުކުރުމަށް ބޭނުންވާ ޕްރިލިމިނަރީ ސެޝަން ބާއްވައިފި

ކޮމިޝަނުން ތައްޔާރުކޮށް އާއްމުކޮށްފައިވާ ކޮރަޕްޝަން ރިސްކް ސެލްފް އެސެސްމެންޓް ޓޫލްކިޓް (ސީ.އާރް.އެސް.އޭ) މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް ގައި ތަންފީޒުކުރުމަށް ޕްރިލިމިނަރީ ސެޝަނެއް ބާއްވައިފިއެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ ހޯލުގައި ބޭއްވި މި ސެޝަންގައި މިނިސްޓްރީ އަދި މިނސްޓްރީގެ ދަށުން މަސައްކަތްކުރާ އެކި އިދާރާތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ސީ.އާރް.އެސް.އޭ އަކީ، އިދާރާތަކުން އެ އިދާރާއެއްގެ ތެރޭގައި ކޮރަޕްޝަނަށް ހުރި ހިރާސްތައް ދެނެގަނެ އެ ފުރުސަތުތައް ނައްތާލުމަށް މަސައްކަތްކުރެވޭނެ ގޮތުގެ މަގުޗާޓެއް އެކުލަވާލުމަށް މަގުދައްކައިދޭ ޓޫލްކިޓެކެވެ. މި ޓޫލްކިޓްގެ އެހީގައި ދައުލަތުގެ އިދާރާތައް ހިންގުމުގައި ނަޒާހަތްތެރިކަން ކުރިއެރުވުމަށް ބާރުއަޅައި، ހިތްވަރު ދެވިގެންދާނެއެވެ. އަދި އިދާރާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގައި ދެފުށްފެނުމާއި، ޖަވާބުދާރީ ކުރުވުމުގެ ސިފަތައް އަށަގެންނެވުމަށް ބާރުއެޅިގެންދާނެއެވެ. މި ޓޫލްކިޓުން ކޮރަޕްޝަނަށް ހުޅުވިފައިހުރި ހިރާސްތަކުގެ ދާއިރާތައް ދެނެގަނެވި، އެ ދާއިރާތަކުގައި ކޮރަޕްޝަން ހުރި މިންވަރު ދެނެގަނެވޭނެއެވެ. އަދި އެކަންކަން ހައްލުކުރުމަށް އަވަހަށް އަޅަން ޖެހޭ ފިޔަވަޅުތަކާއި ދުރުރާސްތާގައި ޢަމަލުކުރަންޖެހޭ ގޮތްތައް ދެނެގަތުމަށް މަގުފަހިވެގެންދާނެއެވެ.

ކޮރަޕްޝަން ހުއްޓުވުމަށް ކޮމިޝަނުން ކުރިއަށްގެންދާ މި މަސައްކަތުގައި، މިހާތަނަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއާއި އެކު ވެސް މަސައްކަތު ބައްދަލުވުމެއް ބާއްވައި ޓޫލްކިޓް ފުރިހަމަ ކުރުމުގެ މަސައްކަތްވަނީ ފެށިފައެވެ.