...

ދިވެހި އަޑު ދިވެހިއަކުރަށް ބަދަލުކުރާ އެޕްލިކޭޝަން "ކާތިބު" އިފުތިތާހުކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިޔަށްގެންދާ ތަޙުޤީޤުތަކާ ގުޅުންހުރި ބަޔާންތަކާއި، ކޮމިޝަނުން ބާއްވާ ބައްދަލުވުންތަކުގެ ޔައުމިއްޔާތައް އަމިއްލައަށް ލިޔާ އެޕްލިކޭޝަން 'ކާތިބު' އިފްތިތާހުކޮށްފިއެވެ.

"ކާތިބު" އެޕްލިކޭޝަން އިފުތިތާހުކުރީ، 18 އޭޕްރީލް 2024 ވީ ބުރާސްފަތި ދުވަހުގައި މިކަމަށްޓަކައި އޭސީސީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. އެޕްލިކޭޝަން އިފުތިތާހުކޮށްދެއްވީ، އޭސީސީގެ ރިޓަޔަރޑް ސުޕްރިންޓެންޑެންޓް އޮފް އިންވެސްޓިގޭޝަން ޢަބްދުލްޢަޒީޒު މޫސާއެވެ.

"ކާތިބު" އެޕްލިކޭޝަނަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މަސައްކަތްތައް ޑިޖިޓަލައިޒުކޮށް އޮޓޮމޭޓުކުރުމަށް ކުރިޔަށް ގެންދާ މަޝްރޫޢުގެ ދަށުން ފުރިހަމަކުރެވުނު އެއް މަސައްކަތެވެ. މި އެޕްލިކޭޝަނަކީ އާޓިފިޝަލް އިންޓެލިޖެންސް ގެ އެހީގައި، ދިވެހިބަހުން ދައްކާ ވާހަކަ ވަގުތުން ލިޔުމާއި، ތަރުތީބުކޮށް ބެލެހެއްޓުމުގެ ޤާބިލުކަން ހޯދޭނެ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން އިފުތިތާހުކުރުމުގެ ކުރިން، އެޕްލިކޭޝަނަށް އަހުލުވެރިވެ ފަރިތަކުރުމުގެ ގޮތުން، ފާއިތުވި 4 ވަރަކަށް މަހުގައި ކޮމިޝަނުގައި ވަނީ ބޭނުންކޮށްފައެވެ.

މި އެޕްލިކޭޝަނުގެ ސަބަބުން، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުން ކޮމިޝަނުގެ މައްޗަށް އޮންނަ ބައްދަލުވުންތަކުގެ ޔައުމިއްޔާ އަކުރުންއަކުރަށް ލިޔުމުގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމަށް، ކޮމިޝަނުގެ މުވައްޒަފުން ހޭދަކުރަންޖެހޭ ވަގުތު ވަރަށް ބޮޑުތަކުން ކުޑަކުރެވިގެންދާނެއެވެ. އަދި، ތަޙުޤީޤުތަކުގެ ބޭނުމަށް ކޮމިޝަނުން ނަގާ ބަޔާންތައް ޓައިޕުކުރުމަށް ކޮމިޝަނުގެ އިންވެސްޓިގޭޓަރުން ހޭދަކުރާ ވަގުތުވެސް ބޮޑުތަކުން ކުޑަކުރެވޭނެއެވެ. އަދި، މި އެޕްލިކޭޝަން އުފެއްދި ދިވެހި ޑިވެލޮޕަރުންގެ ކުންފުނިން (އޮކްސިގާއިން) މަޢުލޫމާތުދޭ ގޮތުގައި "ސްޕީޗް ޓް ޓެކްސްޓް" ގެ އިތުރުން މި އެޕްލިކޭޝަނުން ޔައުމިއްޔާއާއި ބަޔާން ޚުލާޞާކުރުންފަދަ އިތުރު ފީޗަރތައް، މި އެޕްލިކޭޝަނަށް، ވަރަށް އަވަހަށް، އިތުރުކުރެވިގެން ދާނެއެވެ.