...

2024 ވަނައަހަރުގެ ރައްޔިތުންގެ މަޖްލިސް އިންތިޚާބާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަންއިން ފޯރަމެއް ބާއްވައިފި

2024 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ އިލެކްޝަންސް ސްޓްރެޓެޖީއެއް އެކުލަވާލާ ތަންފީޒުކުރަން ފަށާފައެވެ. މިސްޓްރެޓިޖީގެ ދަށުން އިންތިޚާބީ ކޮރަޕްޝަނުގެ މައްސަލަތައް ތަޙުޤީޤުކުރުމުގެ މަޤްޞަދުގައި، އިންތިޚާބީ ކޮރަޕްޝަނުގެ ކުށް ތަޙުޤީޤުކުރުމުގައި ޤާނޫނީ ގޮތުންނާއި، އިޖްރާޢީ ގޮތުން އަދި ހެކި ހޯދުމާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުންވަނީ 17 އެޕްރީލް 2014 ވީ ބުދަ ދުވަހުގައި ފޯރަމްއެއް ބާއްވާފައެވެ.

މި ފޯރަމްގައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރެޖިސްޓްރޭޝަން، އިންވެސްޓިގޭޝަން، ލީގަލް އަދި ޕްރިވެންޝަން ޑިޕާޓްމެންޓްގެ 45 މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

މި ފޯރަމް ފެށުމުގެ ހަފްލާ ތަޢާރަފް ކުރުމުގެ ގޮތުން ވާހަކަފުޅު ދައްކަވާފައިވަނީ އެންޓިކޮރަޕްޝަން ކޮމިޝަނުގެ ޑިރެކްޓަރ އޮފް ޕްރިވެންޝަން އަލްފާޟިލާ ފާޠިމަތު އިބްނާއެވެ. އަދި މިފޯރަމް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވާފައވަނީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަލްފާޟިލް ފުއާދު ތައުފީގެވެ. އަދި އޭގެ ފަހުގައި މިކޮމިޝަންގެ ރައީސް އަލްއުސްތާޒް އާދަމް ޝާމިލް ވަނީ ފޯރަމްގެ ބައިވެރިނާއި މުޚާތަބް ކޮށްދެއްވައިފައެވެ.

ރައްޔިތުންގެ މަޖްލިސް އިންތިޚާބާ ގުޅިގެން މި ބޭއްވުނު ފޯރަމްގައި ކޮމިޝަނުގެ ފަސް ޕެނަލްއަކުން އިންތިޚާބާ ގުޅުންހުރި ސެޝަންތަކެއް ކުރިއަށްގެންގޮސްފައި ވެއެވެ. ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އެކި ޑިޕާޓްމެންޓްތަކާއި ޕޮރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުންނެވެ.

މިއަދުގެ މިފޯރަމްގައި ކުރިއަށް ގެންގޮސްފައިވާ ސެޝަންތަކުގައި އަލިއަޅުވާލާފައިވަނީ އިންތިޚާބުތަކުގައި ދައުލަތުގެ މުދާ ނަހަމަގޮތުގައި ބޭނުންކުރުމަކީ ކޮބައިކަމާއި އިންތިޚާބާ ގުޅޭ ޤާނޫނީ އޮނިގަނޑު އެކުލަވާލާލައިފައިވާ ގޮތާއި އިންތިޙާބާ ގުޅިގެން ހުށަހަޅާ މައްސަލަތައް ކޮމިޝަންގައި ރަޖިސްޓަރީކުރުމާއި އިންތިޚާބާ ގުޅިގެން ހުށަހަޅާ މައްސަލަތައް ތަޙުޤީޤުކުރުން އަދި އިންތިޚާބާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކުގައި ދަޢުވާ އުފުލުމާ ބެހޭ ގޮތުންނެވެ.

މޯލްޑިވްސް ނޭޝަނަލް އެންޓި ކޮރަޕްޝަން އެކަޑަމީއިން ރާވާ ހިންގި މި ފޯރަމްއަކީ ޤާނޫނީ ގޮތުންނާއި އިޖުރާއީ ގޮތުން ހެކިހޯދުމުގައި ހިނގާ އިންތިޚާބީ ކޮރަޕްޝަންގެ އަމަލުތައް ދެނެގަތުމުގައި ހުރި ގޮންޖެހުތަކާއި ބެހޭ ގޮތުން  މުވައްޒަފުން އިތުރަށް ހޭލުންތެރި ކުރުމުގެ މަޤްސަދުގައި ބޭއްވި މިފަދަ ފުރަތަމަ ފޯރަމްއެވެ.