...

ކޮރަޕްޝަނުގެ ކުށްތަކަށް އަރައިގަންނަ ސަބަބުތަކާއި ދުރާލާ އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމަށް ޚާއްސަ ދިރާސާއެއް ހަދަނީ

ދިވެހިރާއްޖޭގައި، ކޮރަޕްޝަނުގެ ކުށްތަކަށް އަރައިގަންނަ ސަބަބު ދެނެގަތުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެކަމަށް ޚާއްޞަ ދިރާސާއެއް ހެދުމަށް ނިންމައި، އެ ދިރާސާއާ ގުޅޭ މަސައްކަތްތައް ފަށައިފިއެވެ.

މި ދިރާސާގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ކޮރަޕްޝަންގެ ކުށްތަކަށް އަރައިގަންނަ ގޮތުގެ ތަފުސީލު، ދިރާސާކުރުމުގެ ފަންނީ މިންގަނޑުތަކަށް ރިޢާޔަތްކުރެވި، ދިރާސީ ބުރަދަންދެވޭ ހޯދުންތަކުގެ (އެވިޑެންސް ބޭސްޑް) އަލީގައި އެކަންކަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމެވެ. މިއީ، ކޮރަޕްޝަން ހިންގާ ފަރާތްތަކުން އެ ކުށްތަކަށް އަރައިގަންނަން ވިސްނާ ސަބަބުތަކާއި، އަރައިގަންނަ ގޮތްތަކާއި، އަރައިގަންނަން ދައުލަތުގެ މަޤާމާއި، ނުފޫޒާއި ބާރު ބޭނުންކުރާ ގޮތާއި، އެކަމުގައި އެހެނިހެން މުވައްޒަފުން ބައިވެރިކުރާ ގޮތާއި، އެ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރާއި، ޚަރަދުބަރަދު ބަލައްޓާ ގޮތް ފަދަ، "ކްރިމިނަލް މައިންޑްސެޓް" އާއި، އެފަދަ އެހެނިހެން ކަންކަން ތަފުސީލުކޮށް ދިރާސާކުރެވޭ ފުރަތަމަ ފަހަރެވެ. އަދި، މިއީ ދިވެހިރާއްޖޭގައި ޖިނާއީ ކުށަށް އަރައިގަތުމުގެ ފަހަތުގައި ހުންނަ ސަބަބުތައް ދެނެގަތުމުގެ މި ފަދަ ފުރަތަމަ ދިރާސާކަންވެސް ފާހަގަކުރެވެއެވެ.

މީގެ އިތުރުން، ކުށްކުރާ ފަރާތްތަކުގެ ސުލޫކާ ގުޅުންހުރި ކަންކަމާއި، ދިވެހި މުޖުތަމަޢުގައި ކޮރަޕްޝަނުގެ ކުށާގުޅޭ ސުލޫކީ ނިންމުންތައް ނިންމާ ގޮތާއި (އެތިކަލް އިންޑިކޭޓަރސް)، ކޮރަޕްޝަނުގެ ކުށަށް އަރައިގަތުމާ ގުޅުންހުންނަ ހެވާއިނުބައި ވަކިކުރުމުގައި ވިސްނުން ގެންގުޅޭ ގޮތް މިދިރާސާގެ އަލީގައި ދެނެގަނެވޭނެއެވެ. އަދި، މީގެ އިތުރުން، ތަކުރާރުކޮށް ކޮރަޕްޝަންގެ ކުށްތަކަށް އަރައިގަންނަ ސަބަބުތަކާއި، ޖުމުލަކޮށް ކޮރަޕްޝަނުގެ ކުށްކުރާ ފަރާތްތަކުގެ ފުދުންތެރިކަމާއި، ތަޢުލީމާއި، އެހެނިހެން ކުށްކުރުމާ ގުޅުންހުންނަ މިންވަރުވެސް މި ދިރާސާގެ ދެތެރެއިން ދެނެވޭނެއެވެ.

މީގެ ކުރީން އޭސީސީން ކުރިޔަށް ގެންދިޔަ، ކޮރަޕްޝަނާމެދު އާންމުން ދެކޭ ގޮތާއި އާންމުން ހޭލުންތެރިވެފައި އޮތް މިންވަރުގެ ދިރާސީ ހޯދުންތަކާއި، މި ދިރާސާގެ ހޯދުންތައް އެއްކޮށްލައިގެން ދިވެހިރާއްޖޭގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާނެ، ފަންނީ މިންގަނޑުތަކުން ބާރުދެވޭ އޮނިގަނޑެއް ޤާއިމްކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

މި ދިރާސާގެ ހޯދުންތަކުން، ނަޒާހަތްތެރިކަން ކުރިއެރުވުމަށް ދިވެހިރާއްޖޭގައި ސުކޫލުތަކުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާއި، ތަޢުލީމުގެ ތެރެއިން ނަޒާހަތްތެރިކަން ކުދީންގެ ކިބައިގައި އަށަގެންނެވުމަށް ޢަމަލުކުރާންޖެހޭ ގޮތްތަކާއި، ވަޒީފާތަކުގައި ކޮރަޕްޝަން ހުއްޓުވުމަށް ވިސްނުން ގެންގުޅެންޖެހޭ ގޮތްތައް ދެނެގަނެ އެކަންކަން ތަންފީޒުކުރުމަށް ޤާނޫނުތަކާއި، ގަވާއިދުތަކާއި އުސޫލުތައް އެކުލަވައިލާންޖެހޭ ގޮތްތައް ކަނޑައެޅޭނެއެވެ. އަދި ކޮމިޝަނުން ހިންގާ ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމާއި، ކޮމިޝަނުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ޢަމަލުކުރަންޖެހޭ ގޮތްތައްވެސް ދެނެގަނެވޭނެއެވެ. އަދި އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި، ކޮރަޕްޝަނުގެ ކުށަށް އަރައިގަތުމުގެ އިހުތިމާލުތައް ދެނެގަނެވި އެކަންކަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެވި، ދުރާލާ ހިންގަންޖެހޭ އިންޓަވެންޝަން ޕްރޮގްރާމްތައް ބައްޓަންކުރުމަށް މަގުފަހިވެގެންދާނެއެވެ.