...

(އޭސީސީ)ގެ 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓު އާންމުކުރުން

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ވަނީ 14 މާރިޗު 2024 ގައި ކޮމިޝަނުގެ ވެބްސައިޓުގައި ޢާންމުކޮށްފައެވެ.

މިރިޕޯޓުގައި، ވޭތުވެދިޔަ އަހަރު ކޮމިޝަނުން ކޮށްފައިވާ މައިގަނޑު މަސައްކަތްތަކުގެ އިތުރުން، ކޮމިޝަނަށް ހުށަހެޅުނު މައްސަލަތަކާ ގުޅޭ މަޢުލޫމާތާއި، ނިންމި މައްސަލަތަކުގެ ތަފްޞީލު ހިމަނާފައިވާނެއެވެ. އަދި ކޮމިޝަނުން ކުރިއަށް ގެންގޮސްފައިވާ ދިރާސާތަކާއި، ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުގެ މަޢުލޫމާތުގެ އިތުރުން ކޮމިޝަނުން ކުރާ ތަޙުޤީޤުތަކާއި ދިރާސާތަކުގެ މައްޗަށް ބިނާކޮށް އިޞްލާޙުކުރުމަށް އަންގާފައިވާ އެންގުންތަކުގެ ތަފްޞީލު ހިމަނާފައިވާނެއެވެ. 

2023 ވަނަ އަހަރުގެ ތެރޭގައި ކޮމިޝަނަށް 1151 ޝަކުވާ ހުށަހަޅާފައިވާއިރު އޭގެތެރެއިން 56% ޝަކުވާ ރަޖިސްޓަރީކުރެވިފައެވެ. އެގޮތުން، އަމިއްލަ ފަރާތްތަކުން ހުށަހަޅާފައިވާ 610 ޝަކުވާއާއި، ދައުލަތުގެ އިދާރާތަކުން ހުށަހަޅާފައިވާ 40 ޝަކުވާ އަދި ކޮމިޝަނުން އިސްނަގައިގެން ބަލަންފެށި މައްސަލަތަކާއި ސްޕްލިޓްކޮށް ރަޖިސްޓްރީކޮށްފައިވާ މައްސަލަތައް ހިމެނޭހެން ޖުމުލަ 742 މައްސަލައެއް ކޮމިޝަނުގައި ރަޖިސްޓަރީކުރެވިފައިވެއެވެ.

ޕްރިލިމިނަރީ ތަހުޤީޤު މަރުހަލާއަށް ބަލާއިރު، ވޭތުވެދިޔަ އަހަރުގެ ތެރޭގައި 365 މައްސަލައެއްގެ ޕްރިލިމިނަރީ ތަޙުޤީޤު ހިންގާފައިވެއެވެ. އަދި، ޕްރިލިމިނަރީ މަރުހަލާއިން ނިންމައި އިތުރަށް ތަޙުޤީޤުކުރަން 48 މައްސަލަ އިންވެސްޓިގޭޝަން ޑިޕާޓްމެންޓަށް ފޮނުވާފައިވެއެވެ. މިއީ 2022 ވަނަ އަހަރާ އަޅާބަލާއިރު 66.1% މަދު އަދަދެކެވެ. މި ބަދަލަކީ ތަޙުޤީޤު މަރުހަލާއަށް ދާ މައްސަލަތަކަކީ ބުރަދަންހުރި މައްސަލަތަކެއްކަން ކަށަވަރުކުރުމަށްޓަކައި، ތަޙުޤީޤު މަރުހަލާގެ ކުރިއަށް ޕްރިލިމިނަރީ ތަޙުޤީޤެއް ހިންގާ ގޮތަށް ރާވައި، އެގޮތުގެ މަތިން ކުރިއަށް ގެންދިއުމުގެ ނަތީޖާއެވެ.

ވޭތުވެދިޔަ 05 އަހަރުގެ ތަފާސްހިސާބަށް ބަލާއިރު، ކޮމިޝަނުން އެންމެ ގިނަ މައްސަލަ ތަޙުޤީޤު މަރުހަލާގައި ނިންމާފައިވަނީ ވޭތުވެދިޔަ އަހަރުގެ ތެރޭގައެވެ. އެގޮތުން، ޖުމުލަ 220 މައްސަލަ މި މަރުހަލާގައި ނިންމާފައިވެއެވެ. މީގެތެރެއިން, ދައުވާކުރުމަށް 18 މައްސަލައެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވެއެވެ.

ދައުލަތަށް އަނބުރާ ހޯދަންޖެހޭ ފައިސާ ހޯދުމަކީ ޤާނޫނުން ކޮމިޝަނާ މަތިކޮށްފައިވާ މަސްއޫލިއްޔަތަކަށް ނުވި ނަމަވެސް، ކޮމިޝަނުން އަންގާ އެންގުންތަކާ އެއްގޮތަށް ދައުލަތަށް އަނުބުރާ ލިބެންޖެހޭ ފައިސާ ލިބޭކަން ކަށަވަރުކުރުމަށްޓަކައި ކޮމިޝަނުން އިސްނަގައިގެން، އެންގުންތަކުގެ ފޮލޯއަޕް ހެދުމުގެ މަސައްކަތް ކުރެއެވެ. މިގޮތުން، 2023 ވަނަ އަހަރު 15 މައްސަލައެއްގައި ހިމެނޭ ޖުމްލަ 74,159,720.53 ރުފިޔާ (ހަތްދިހަ ހަތަރު މިލިއަން އެއްލައްކަ ފަންސާސް ނުވަ ހާސް ހަތް ސަތޭކަ ވިހި ރުފިޔާ ފަންސާސް ތިން ލާރި) ދައުލަތަށް އަނބުރާ ހޯދުމަށް ނިންމާފައިވެއެވެ. މި މައްސަލަތަކުން ދައުލަތަށް ހޯދަންޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް، ޖުމްލަ 234,531.57 ރުފިޔާ (ދެ ލައްކަ ތިރީސް ހަތަރު ހާސް ފަސްސަތޭކަ ތިރީސް އެއް ރުފިޔާ ފަންސާސް ހަތް ލާރި) ދައުލަތަށް އަނބުރާ ހޯދިފައިވެއެވެ.

ވިޔަނުދިނުމުގެ ދާއިރާއިން 2023 ވަނަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، ދައުލަތުގެ މުވައްޒަފުންނާއި، ސްކޫލްތަކުގެ ދަރިވަރުންނާއި، ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ކޮމިޝަނުން ހިންގާފައިވާ 71 ހޭލުންތެރިކުރުމުގެ ސެޝަންގައި، ޖުމުލަ 2508 ފަރާތަކުން ބައިވެރިވެފައިވެއެވެ. މީގެއިތުރުން، ކޮމިޝަނުން ކުރިއަށް ގެންގޮސްފައިވާ ދިރާސާތަކަށް ބަލާއިރު، ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮރަޕްޝަނާމެދު އާންމުން ދެކޭ ގޮތާއި ކޮރަޕްޝަނުގެ ކުށުގެ މައްޗަށް އާންމުން ހޭލުންތެރިވެފައިވާ މިންވަރު ދެނެގަތުމަށް "ނޭޝަނަލް ކޮރަޕްޝަން ޕަރސެޕްޝަން ސަރވޭ" ގެ ނަމުގައި ޤައުމީ ފެންވަރުގައި އެކުލަވާލައި، ޢާންމުކޮށްފައިވާ ދިރާސާ ފާހަގަކޮށްލެވެއެވެ. ހަމައެއާއެކު، ކޮރަޕްޝަނުގެ ހިރާސް އޮތް މިންވަރު ދެނެގަތުމަށްޓަކައި އެކުލަވާލަފައިވާ ޓޫލްކިޓްގެ އިތުރުން، ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމުގެ ނިޒާމު ރާއްޖޭގައި އޮތްގޮތް ދެނެގަތުމުގެ ގޮތުން ކޮމިޝަނުން އިސްނަގައިގެން ކުރިއަށް ގެންގޮސްފައިވާ މަސައްކަތް ނިންމައި ޢާންމުކޮށްފައިވާ ދިރާސާ ރިޕޯޓުވެސް ފާހަގަކޮށްލެވެއެވެ.

ކޮމިޝަނުން 2023 ވަނަ އަހަރު ކޮށްފައިވާ ޚާއްސަ މަސައްކަތްތަކަށް ބަލާއިރު، ދިވެހިރާއްޖޭގައި  އެންޓި-ކޮރަޕްޝަން  ދާއިރާއިން ފަންނީ މީހުން ބިނާކުރުމުގެ މަޤުޞަދުގައި މޯލްޑިވްސް ނޭޝަނަލް އެންޓި-ކޮރަޕްޝަން އެކެޑަމީ އުފައްދައި އިފްތިތާޙުކޮށްފައިވެއެވެ. އަދި، މޯލްޑިވްސް އެންޓި-ކޮރަޕްޝަން ޓްރަސްޓް ފަންޑް" ގާއިމުކުރެވިގެން ގޮސްފައިވަނީވެސް ވޭތެވެދިޔަ އަހަރުގެ ތެރޭގައެވެ.

ބައިނަލްއަޤުވާމީ ގޮތުން ދާއިރާއާއި ގުޅުންހުރި މަސްލަހަތުވެރިންނާ ގުޅުން ބަދަހިކޮށް، ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކެއް ހޯދުމަށްޓަކައި ވޭތުވެދިޔަ އަހަރު ކޮމިޝަނުން ކޮށްފައިވާ ޚާއްސަ މަސައްކަތްތަކަށް ބަލާއިރު، ކޮމިޝަނުން ވަނީ 17 ޖުލައި 2023 ގައި ގްލޯބްއީ ނެޓްވޯކުގެ މެންބަރުކަން ހޯދާފައިވެއެވެ. އަދި، އދ. ގެ "ކޮންވެންޝަން އެގެންއިސްޓް ކޮރަޕްޝަން" މި މުއާހަދާގެ ދަށުން ކުރެވިފައިވާ މަސައްކަތްތަކާއި، ކުރެވިދާނެ ކަންކަމާމެދު ޤައުމުތަކުގެ އިސްވެރިންގެ މެދުގައި މަޝްވަރާކުރުމަށްޓަކައި ބޭއްވުނު ކޮންފަރެންސް އޮފް ދަ ސްޓޭޓް ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ކޮރަޕްޝަންގެ  10 ވަނަ ސެޝަން ގައި ކޮމިޝަނުން ދިވެހިރާއްޖެ ތަމްސީލުކޮށްފައިވެއެވެ. މީގެއިތުރުން ދިވެހިރާއްޖެއާއި ބައިނަލްއަޤުވާމީ ގިނަ މަސްލަހަތުވެރިންނާ އެކު ބައްދަލުވުންތައް ބާއްވައި،ފަހުމުނާމާތަކުގައި ސޮއިކުރެވިފައިވެއެވެ.