ގެދޮރުވެރިޔާ ސްކީމްގެ ފްލެޓް މައްސަލައިގެ ތަހުޤީގަށް މިހާތަނަށް ފާހަގަކުރެވޭ ކަންތައްތަކާއި ހޯދުންތަކުގެ އަލީގައި ނިންމާފައިވާ ނިންމުންތަކުގެ ތަފްޞީލް އޭސީސީން ހާމަކޮށްފި
5 ފެބްރުއަރީ 2024
އޭސީސީއަށް ހުށަހެޅި ތަހުޤީގުކުރަމުންގެންދާ ގެދޮރުވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގަ ހިމެނޭ 4000 ފްލެޓާ ގުޅިގެން ބަލަމުންގެންދާ މައްސަލައިގެ ތަހުޤީގަށް މިހާތަނަށް ފާހަގަކުރެވޭ ކަންތައްތަކުގެ އަލީގައި ހޯދިފައިވާ ހޯދުންތަކާއި، ކުރިން ކަމާގުޅޭ ވުޒާރާއަށް އަންގާފައިވާ އެންގުމާމެދު ނިންމާފައިވާ ނިންމުމާގުޅޭ ތަފްޞީލްތައް ކޮމިޝަނުން މިއަދު ހާމަކޮށްފިއެވެ. މިކަންކަން ހާމަކޮށްފައިވަނީ މިކަމައްޓަކައި ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ކޮމިޝަނުގެ މެންބަރުންނާއި ފްލެޓްތަކުގެ މައްސަލަ ތަޙުޤީގުކުރާ ޓީމުގެ ބޭފުޅުންނާއެކު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުން ވަނީ މި މައްސަލަވެސް ކޮމިޝަނުން ބަލައި ތަޙުޤީގުކޮށްފައިވަނީ، ޤާނޫނު އަސާސީން ކޮމިޝަނަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި، ލިބިދީފައިވާ ބާރުތަކާއި، ގާނޫނުތަކުން ކޮމިޝަނަށް ލިބިދީފައިވާ ބާރުތަކުގެ އަލީގައިކަމަށެވެ.
މި ޕްރެސް ކޮންފަރެންސް ފެށުމާއެކު ތަހުޤީގު ޓީމުން މައްސަލަ ކުރިއަށްގެންދިޔަ ގޮތާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަނެއް ޙިއްސާކޮށްފައެވެ. އެގޮތުން މި މައްސަލައިގެ ތަޙުޤީގުގައި ޖުމްލަ 4048 ފޯމް ބަލައި ދިރާސާކުރި ކުރުމުން އޭގެތެރެއިން 59.6 އިންސައްތަ ފޯމަކީ ޝަރުތު ފުރިހަމަ ނުވިނަމަވެސް، އޭރުގެ މިނިސްޓްރީން ކަނޑައަޅާފައިވާވާ ފޯމު ކަމާއި، ޝަރުތު ފުރިހަމަވެ، އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވަނީ 20.7 އިންސައްތަ ފޯމުކަމަށް ތަހުޤީގު ތީމުންވަނީ ހާމަކޮށްފައެވެ. އަދި އެހެނިހެން މައްސަލަ ހުރި ފޯމްތަކުގެ ގޮތުގައި 19.7 އިންސައްތަ ފޯމް ވަނީ ފާހަގަކުރެވިފައިކަން، ފާހަގަކުރެވުނު ކަންކަމުގެ ތަފްސީލާއެކު ޓީމުންވަނީ ހިއްސާކޮށްފައެވެ.
މިއާއެކު ކޮމިޝަނުން ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި ފުލެޓު ދޫކުރުމާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމުގައި ވަކި ކަންތައްތަކަކަށް ރިއާޔަތްކޮށްގެން ޢަމަލުކުރުމަށް މިނިސްޓްރީއަށް ކޮމިޝަނުން އަންގާފައެވާ އެންގުމުގައި ހިމެނޭ މައިގަނޑު 5 ކަމެއްވެސް ހިއްސާކޮށްފައެވެ.
އޭގެތެރޭގައި ހިމެނެނީ،
1- އުސޫލާ އެއްގޮތަށް ޕޮއިންޓު ދީފައިވާ ފޯމުތަކަށް، ލިބިފައިވާ ޕޮއިންޓަށް ބަދަލު ނާންނާނެކަން ކަށަވަރުކޮށް، މައްސަލަ ހުރި ފޯމުތައް އަލުން މުރާޖާކުރުން.
2- މައްސަލަ ހުރި ފޯމުތައް އަލުން މުރާޖާކުރުމުގައި ފޯމު ހުށަހަޅާފައިވާ އެންމެންގެ މެދުގައި އެއް މިންގަނޑަކުން ޢަމަލުކުރުމަށާއި، އަދި އެކަން ކަށަވަރުކުރުން.
3- ފޯމުތައް އަލުން މުރާޖާކުރުމުގެ ކުރިން، އުސޫލުގައި ވަކި ގޮތެއް ކަނޑައަޅައި، ލިޔެވިފައިނުވާ ކަންކަމާމެދު، ޢަމަލުކުރާނެ ގޮތެއް ކަނޑައަޅައި އެކަން އާންމުކުރުމަށާއި، އެކަމުގައި އެންމެންގެ މެދުގައި ހަމަހަމަކަން ކަށަވަރު ކުރުމަށާއި، އަދި އެކަންކަން ތަންފީޒުކުރުމުގައި އެންމެންގެ މެދުގައި އެއް މިންގަނޑަކުން ޢަމަލުކުރުމަށް. އެގޮތުން، 15 އަހަރު މާލޭގައި ދިރިއުޅެފައިވާކަން ސާބިތުކުރުމަށް އެޕްލިކަންޓުން ހުށަހަޅާފައިވާ ލިޔުންތަކާމެދު މނިސްޓްރީން ޢަމަލުކުރާނެ ގޮތެއް ކަނޑައަޅައި، އެކަން އާންމުކުރުން.
އެލިޔެކިއުންތަކަކީ:
· މާލޭގެ ގެއެއްގައި ދިރިއުޅެފައިވާކަމަށް ބަޔާންކޮށް ގޭގެ ވެރިފަރާތުން ދީފައިވާ ލިޔުން
· މާލޭގެ ގެއެއްގައި ދިރިއުޅެފައިވާކަމަށް ބަޔާންކޮށް ގޭގެ ވެރިފަރާތް ނޫން ފަރާތަކުން ދީފައިވާ ލިޔުން
· މާލޭގައި އުޅެފައިވާކަމަށް ހެކިވާކަމަށް ބަޔާންކޮށް ދީފައިވާ ލިޔުން
· ދެމަފިރިން އެކަކު އަނެކަކު މާލޭގައި އުޅުނުކަމަށް ބަޔާންކޮށް ދީފައިވާ ލިޔުން
· މަތީގައި ބަޔާންކުރެވިފައިވާ ލިޔުން ފިޔަވައި، އެފަދަ އިތުރު ލިޔުން
3.1- މާލޭގައި ދިރިއުޅުނުކަމަށް ބަޔާންކޮށް، ލޯކަލް ކައުންސިލުތަކުން ދޫކޮށްފައިވާ ލިޔެކިޔުން ބަލައިގަތުމާމެދު ޢަމަލުކުރާނެ ގޮތެއް ކަނޑައަޅައި އެކަން އާންމުކުރުމަށާއި، އެކަމުގައި އެންމެންގެ މެދުގައި ހަމަހަމަކަން ކަށަވަރު ކުރުމަށާއި، އަދި އެކަން ތަންފީޒުކުރުމުގައި އެންމެންގެ މެދުގައި އެއް މިންގަނޑަކުން ޢަމަލުކުރުން.
4- ފޯމުތައް މުރާޖާކުރުމުގެ މަސައްކަތުގައި، ކުރިން ސުޕަރވައިޒަރުންގެ ގޮތުގައި މަސައްކަތްކުރި ފަރާތްތަކަށް އެކްސެސް ނުވެވޭނޭހެން އެ މަސައްކަތް ކުރިއަށް ގެންދިއުން.
5- މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންނަށް ޚާއްޞަކޮށްފައިވާ 100 ފުލެޓާ މެދު ޢަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށްފަހު، އާންމުކުރުން. މިއެވެ.
މީގެ އިތުރުން ކޮމިޝަނުން ވަނީ މި މައްސަލައިގައި ނޫސްވެރިން ކުރި ހުރިހާ ސުވާލުތަކަށް ޖަވާބުދީ ކުރިއަށް އޮތް ތަނުގައި މައްސަލައިގެ ތަހުޤީގު ކުރިއަށްގެންދާނެ ގުތާގުޅޭ މައުލޫމާތުވެސް ހިއްސާކޮށްފައެވެ.
1 ނޮވެންބަރު 2023 ގައި ކޮމިޝަނަށް ހުށަހެޅި މި މައްސަލައިގެ ތަހުޤީގަށް ކޮމިޝަނުން އެދިގެން ގެދޮރުވެރިން ޕޯޓަލްގެ ވިއުއިންގ އެކްސަސް 10 ޑިސެމްބަރުގައި ލިބުމާއެކު، ތަހުޤީގު ޓީމުން ކުރި މަސައްކަތުން މި މައްސަލައިގައި ފުލެޓު ދޫކުރުމާ ގުޅޭ އެންމެހާ މަސައްކަތްތައް ހުއްޓާލުމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް އަންގާފައިވާ އެންގުން ނިމުމަކަށް ގެނައިކަމާއި ފުލެޓު ދޫކުރުމާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމުގައި ވަކި ކަންތައްތަކަކަށް ރިއާޔަތްކޮށްގެން ޢަމަލުކުރުމަށް ކޮމިޝަނުން މިނިސްޓްރީއަށް އަންގާފައިވަނީ މި ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުގައެވެ.