ދިވެހިރާއްޖޭގެ ޤައުމީ އެންޓި-ކޮރަޕްޝަން އެކެޑެމީ، ރައީސުލްޖުމްހޫރިއްޔާ އިފްތިތާހުކޮށްދެއްވައިފި
7 ޑިސެމްބަރު 2023
ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ގުޅިލާމެހިގެންދާނެ ފަދައިން ތައުލީމާއި ތަމްރީނު ދިނުމާއި، ދިރާސާކުރުމާއި ހޭލުންތެރިކުރުވުމުގެ މަޤުސަދުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ގާއިމްކުރި "ދިވެހިރާއްޖޭގެ ޤައުމީ އެންޓި-ކޮރަޕްޝަން އެކެޑެމީ"، ރައީސުލްޖުމްހޫރިއްޔާ ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ޤައުމީ އެންޓި-ކޮރަޕްޝަން އެކެޑެމީ، އިފްތިތާޙުކޮށްދެއްވީ މިއަދު ބޭއްވި ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ ޖަލްސާގައެވެ.
މިއީ ދިވެހިރާއްޖޭގައި އެންޓި-ކޮރަޕްޝަން ދާއިރާއިން ފަންނީ މީހުން ބިނާކުރުމަށާއި ކޮރަޕްޝަނާ ދެކޮޅަށް ދައުލަތުގެ މުވައްޒަފުންނާއި އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ހިންގުމަށް ބޭނުންވާ ތަމްރީނުތައް ފޯރުކޮށްދިނުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނީ ޒިންމާ އަދާކުރުމަށްޓަކައި އުފައްދާފައިވާ މުއައްސަސާއެކެވެ.
ކުރިމަގުގައި ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އެންޓި-ކޮރަޕްޝަން ދާއިރާއިން މީހުން ބިނާކުރާނެ ކާމިޔާބު ދުނިޔޭގެ އިތުބާރު ލިބިފައިވާ އިދާރާއަކަށް ހެދުމުގެ އުންމީދުގައި އުފައްދާފައިވާ މި އެކެޑެމީގެ ކޯސްތައް ސެޓްފިކެޓް 4 އިން ފެށިގެން ޑިޕްލޮމާ ލެވެލްގެ ކޯސްތަކާއެކު މިވަގުތު ފަށައިގަތް ނަމަވެސް އަމާޒަކީ މާސްޓާރސް ލެވެލްގެ ޕްރޮގްރާމްތައްވެސް ދިވެހިރާއްޖޭގެ ޤައުމީ އެންޓި-ކޮރަޕްޝަން އެކެޑެމީގައި ކުރިއަށްގެންދިއުމެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ހުއްދައާއެކު ރަޖިސްޓަރކުރެވިފައިވާ އަދި މިހާރުވެސް މެލޭޝިއާގެ އެންޓި-ކޮރަޕްޝަން އެކެޑެމީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްގެން މަސައްކަތް ފެށިފައިވާ މި އެކެޑެމީގެ ތަސައްވުރަކީ، އެންޓި-ކޮރަޕްޝަނާއި، ނަޒާހަތްތެރިކަމުގެ ދަރެސްތަކުގެ އަލީގައި މީހުން ބިނާކުރުމުގެ މަތިވެރި މަޤުސަދުގައި ބިންގާއެޅި، ކުރިމަގުގައި ސަރަހައްދީ ފެންވަރުގައި ގުނައިލެވޭ ނަމޫނާ މުއައްސަސާއަކަށްވުމެވެ.
ދިވެހިރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް ކުރެވޭ މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި މިދާއިރާއިން ތަމްރީނު ލިބިފައިވާ މީހުން ބިނާކުރުމަކީ އެޅޭނެ ނުހަނު މުހިންމު ފިޔަވަޅެކެވެ.