...

ކޮރަޕްޝަނާމެދު އާންމުން ދެކޭގޮތް ވަޒަންކުރުމަށް ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި ކުރެވުނު ދިރާސާ އާންމުކޮށްފި.


ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮރަޕްޝަނާމެދު އާންމުން ދެކޭ ގޮތާއި ކޮރަޕްޝަނުގެ ކުށުގެ މައްޗަށް އާންމުން ހޭލުންތެރިވެފައިވާ މިންވަރު ދެނެގަތުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޤައުމީ ފެންވަރުގައި ކުރި ދިރާސާ އާންމުކޮށްފިއެވެ.

މިއަދު ބޭއްވި ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ ޖަލްސާގައި މި ދިރާސާ އާންމުކޮށް، ނެރެދެއްވާފައިވަނީ ރައްޔިތުންގެ މަޖްލީހުގެ ރައީސް އޮނަރަބަލް މުޙައްމަދު އަސްލަމް އެވެ.

ދިވެހިރާއްޖޭގެ އެކި ކަންކޮޅު ތަކުން 700 އަށްވުރެ ގިނަ މީހުން ބައިވެރިކޮށްގެން ހެދި މި ދިރާސާގައި ހިމެނެނީ %51 ފިރިހެނުންނާއި، %49 އަންހެނުންނެވެ. އަދި މި ދިރާސާގެ އާބާދީ އަކީ ރާއްޖޭގެ އުތުރުން %18، މެދު ރާއްޖެތެރެއިން %17، ދެކުނުން %22 އަދި ގްރޭޓަރ މާލެ އޭރިއާއިން %43 މީހުންނެވެ.

ކޮމްޕިއުޓަރ އެސިސްޓެޑް ޓެލެފޯން އިންޓަވިއު މެދުވެރިކޮށް ހެދުނު މި ދިރާސާގެ ނަތީޖާ ދައްކާ ގޮތުން %56 މީހުން ގަބޫލުކުރާ ގޮތުގައި ކޮރަޕްޝަނަކީ ދިވެހިރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައެވެ. އެއަށްފަހު ދެން އެންމެ ބޮޑު ގައުމީ މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ މަސްތުވާތަކެތީ މައްސަލައެވެ.

ދިރާސާގައި ބައިވެރިވި ފަރާތްތަކުގެ %64 ގަބޫލުކުރާ ގޮތުގައި ފާއިތުވެދިޔަ 3 އަހަރު ކޮރަޕްޝަނުގެ ޢަމަލުތައް ދިވެހިރާއްޖޭގައި މިވަނީ އިތުރުވެފައެވެ. ހަމައެހެންމެ، %28 ބައިވެރިންނަށް ފާއިތުވި 3 އަހަރު ކޮރަޕްޝަނުގެ ހާލަތަށް އެއްވެސް ބަދަލެއް އައިކަމަށް ފާހަގަ ނުކުރެވެއެވެ.

ކޮރަޕްޝަން އާންމުވާން މެދުވެރިވާ ސަބަބެއްކަމަށް އާންމުން ދެކެނީ މީހުންގެ ކިބައިގައި ނަޒާހަތްތެރިކަމާއި އަޚުލާޤީ ސުލޫކުގެ ފެންވަރު ދަށްވުމުގެ ސަބަބުންނާއި، އިދާރާތަކުގެ ހަރުދަނާކަންކުޑަވުމުން އަދި ޤާނޫނާއި ޤަވާއިދުތަކުގައި ހުރި މައްސަލަތަކުގެ ސަބަބުންނެވެ.

އާންމުގޮތެއްގައި ހިންގާ ކޮރަޕްޝަނުގެ ކުށްތައްކަށް ބަލާއިރު، ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި އިންތިޚާބުކުރާ ފަރާތްތަކާއި، ސިޔާސީންގެ މެދުގައި އެންމެ ގިނައިން ހިންގާ ކަމަށް ބެލެވެނީ ގާބިލިއްޔަތުކަމަށް ބެލުމެއްނެތި، މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދިނުން ކަމުގައި އާންމުން ގަބޫލުކުރޭ. ދެވަނައަށް އެންމެ ގިނައީ، ކޮންޓެރެކްޓް އެވޯޑު ކުރުމުގައި އަމިއްލަ މަސްލަހަތު އިސްކޮށް، ގާތް ފަރާތްތަކަށް ޕްރޮޖެކްޓް ހޯދައިދިނުން ކަމަށް އާންމުން ދެކޭ. އަދި މި ފަދަ ފަރާތްތަކަށް މަތިކޮށްފައިވާ ޒިންމާ އަދާކުރުމުގައި ވަކި ފަރާތަކަށް ފައިދާ ހޯދައިދިނުމަށް ހަދިޔާ އާއި ރިޝްވަތު ބަލައިގަންނަކަމީ، އެންމެ އާންމު ކޮރަޕްޝަނުގެ ކުށްކަމުގައި އާންމުން ދެކެއެވެ.

ދައުލަތުގެ މުވައްޒަފުންނާއި ސިވިލް ސަރިވިސް މުވައްޒަފުންގެ މެދުގައި އެންމެ އާންމުގޮތެއްގައި ހިނގާ ކޮރަޕްޝަނުގެ ކުށަކީ ގާތް ގުޅުން އޮންނަ ފަރާތްތަކަށް ޚިދުމަތް ދިނުން އަވަސް ކުރުމާއި، ވަޒީފާއަށް މުވައްޒަފުން ނެގުމާއި، ވަކިކުރުމާއި، ޕްރޮމޯޝަން ދިނުމުގައި ނުފޫޒު ފޯރުވުމާއި، ވަކި ފަރާތަކަށް ކޮންޓްރެކްޓް އެވޯރޑް ކުރުމުގައި ނުފޫޒު ފޯރުވުންކަން މިދިރާސާއިން ހާމަވެއެވެ.

ޤާނޫނު ތަންފީޒުކުރުމުގެ ދާއިރާއާއި ޖުޑީޝިއަރީއިން އެންމެ ބޮޑަށް ފާހަގަވާ ކޮރަޕްޝަނުގެ ކުށް ކަމަށް އާންމުން ދެކެނީ ޖިނާޢީ މައްސަލަތަކުގައި ހައި-ޕްރޮފައިލް މީހާގެ މައްސަލަ އާއި ދެރަނިކަމެތި މީހާގެ މައްސަލަ ނިންމުމުގައި ތަފާތު ކުރުމެވެ. އަދި މި ދާއިރާއިން ފާހަގަވާ ދެވަނަ މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ އެ ފަރާތްތަކަށް ލިބިދީފައިވާ ޤާނޫނީ ބާރުގެ ބޭނުންކޮށްގެން މުއްތަހަމުން ކުށުގައި ނުބެދި ސަލާމަތްކޮށްދިނުމަށް މަސައްކަތް ކުރުމެވެ. ތިންވަނައަށް ޕްރޮސިކިއުޝަން މަރުހަލާ ނިންމިޔަ ނުދިނުމަށް ނުފޫޒު ފޯރުވުމެވެ.

މިނިވަން މުއައްސަސާތަކަށް ބަލާއިރު، މިނިވަން މުއައްސަސާތަކުން ކޮރަޕްޝަނުގެ ކުށުގެ ގޮތުގައި އެންމެ ގިނައިން ހިންގާކަމަށް އާންމުނަށް ފާހަގަވަނީ ނުފޫޒުން މުވައްޒަފުން ހޮވުމާއި، ވަޒީފާއިން ވަކި ކުރުމާއި، ޕްރޮމޯޝަން ދިނުން އަދި ދައުލަތުގެ މުދާ އަމިއްލަ ބޭނުންތަކަށް ބޭނުންކުރުމެވެ. ދައުލަތުގެ އަދި ދައުލަތް ހިއްސާވާ ކުންފުނިތަކުގައި އެންމެ ގިނައިން ހިންގާ ކޮރަޕްޝަނުގެ ކުށުގެ ގޮތުގައި އާންމުން ފާހަގަކުރަނީ ނުފޫޒުން މުވައްޒަފުން ހޮވުމާއި، ވަޒީފާއިން ވަކި ކުރުމާއި، ޕްރޮމޯޝަން ދިނުން. އަދި ރިޝްވަތާއި ހަދިޔާ ބަލައިގަނެ، ކޮންޓްރެކްޓްތައް ވަކި ބަޔަކަށް ފައިދާ ވާގޮތަށް ހަވާލުކުރުމަކީވެސް އާންމުން ފާހަގަ ކުރާ ކަމެކެވެ. އަދި ހަމަމިއާއެކު، ދައުލަތުގެ އަދި ދައުލަތް ހިއްސާވާ ކުންފުނިތަކުގައި ދައުލަތުގެ މުދާ އަމިއްލަ މަންފާއަށް ބޭނުންކުރުމީވެސް އާންމުން ކަންބޮޑުވުމާއެކު ފާހަގަކުރާ ކަމެކެވެ.

ދައުލަތުގެ އިދާރާތަކުގެ ތެރެއިން، ކޮރަޕްޝަން އެންމެ ބޮޑަށް އަށަގެންފައިވާ އިދާރާކަމަށް އާންމުން ދެކެނީ، ރައްޔިތުންގެ މަޖިލީސް އަދި ދައުލަތުގެ އަދި ދައުލަތް ހިއްސާވާ ކުންފުނިތަކެވެ. ދެވަނައަށް ކޮރަޕްޝަނުގެ ޢަމަލުތައް މިނިސްޓްރީތަކުގައި ހިންގާކަމަށް ގަބޫލުކުރާއިރު، ތިންވަނައަށް ލޯކަލް ކައުންސިލްތަކުގައެވެ. މިއިން އެއްވެސް އިދާރާއެއްގައި ފާއިތުވި ތިން އަހަރު ކޮރަޕްޝަނުގެ ޢަމަލުތައް މަދު ވެފައިވާކަމަށް އާންމުން ނުދެކެއެވެ.

އާންމުންނަށް ކޮރަޕްޝަނުގެ ކުށެއް ކުރާކަން ފެނިފައިވާ ނިސްބަތަށް ބަލާއިރު، %65 މީހުން، ވަކި ކެންޑިޑޭޓަކަށް ވޯޓުލުމަށް ނުވަތަ ވަކި ޕާޓީއަކަށް ވޯޓުލުމަށް އެދި ފައިސާ އާއި ހަދިޔާ ބަލައިގަނެފައިވާތަން ފެނިފައިވާކަމަށް ބުނެއެވެ. އަދި %58 މީހުން ދައުލަތުގެ އިދާރާއަކުން ޚިދުމަތް ހޯދުމުގައި ރައްޓެހި އަދި ތިމާގެ ކަމުގެ ގުޅުމުން ގުޅިފައިތިބި މީހުން މެދުވެރިކޮށް ޚިދުމަތް އަވަސްކުރުމަށް މަސައްކަތް ކޮށްފައިވާކަން އެނގޭ ކަމަށް ނުވަތަ ފެނިފައިވާކަމަށް ބުނެއެވެ. މީގެ އިތުރުން ކޯޓުތަކަށް ނުފޫޒު ފޯރުވުމުގައި ރައްޓެހި އަދި ތިމާގެ ކަމުގެ ގުޅުމުން ގުޅިފައިތިބި މީހުން މެދުވެރިކޮށް އަދި ރިޝްވަތު ދޭކަން އެނގޭ ކަމަށް %40މީހުން ބުނެފައިވެއެވެ. ހަމަ އެހެންމެ %40 މީހުން ވަނީ ރިޝްވަތު ދީގެން ކޮންޓްރެކްޓް ކާމިޔާބުކޮށްފައިވާކަން އެނގޭކަމަށް ބުނެފައެވެ.

ކޮރަޕްޝަނާ ގުޅުންހުރި މައްސަލަތައް ރިޕޯޓު ކުރާނެ އިދާރާއެއް ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނާއި މޯލްޑިވްސް ޕޮލިސް ސަރވިސް، އާންމުން ދެކޭއިރު، %30 މީހުން ރިޝްވަތަށް އެދޭ މުވައްޒަފުގެ ސުޕަރވަޒަރަށް މައްސަލަ ހުށަހަޅާނެ ކަމަށް މައުލޫމާތުދިނެވެ. ކޮރަޕްޝަން ނައްތާލުމަށް ކޮމިޝަނުގެ މައްޗަށް ރައްޔިތުންގެ އިތުބާރު އޮތް މިންވަރަށް ބަލާއިރު، %53 މީހުން މި މަސައްކަތުގައި ކޮމިޝަނަށް ކާމިޔާބު ލިބިފައިވާކަމަށް ގަބޫލުކުރެއެވެ. އަދި %47 މީހުން މި މަސައްކަތުގައި ކޮމިޝަނަށް ކާމިޔާބު ލިބިފައިވާކަމަށް ގަބޫލުނުކުރެއެވެ. 

ހަމަ މިއާއެކު، ރައްޔިތުންގެ މައްސަލަތައް ހައްލުކޮށްދިނުމުގައި ދައުލަތަށް ބަރޯސާވާ މިންވަރަށް ބަލާއިރު، %67 މީހުންނަށް ދައުލަތަށް ބަރޯސާ ނުވެވޭނެކަމަށް ރިޕޯޓު ކުރެއެވެ. އަދި ދައުލަތަށް ރައްޔިތުންގެ މައްސަލަތައް ހައްލުކޮށްދެވިދާނެކަމަށް ގަބޫލުކުރަނީ މި ދިރާސާގައި ބައިވެރިވި %33 މީހުންނެވެ.

ކޮރަޕްޝަން ނައްތާލުމަށް އެންމެ މުހިންމު މަސައްކަތްތަކެއް ކުރެވިދާނެ އިދާރާ ނުވަތަ ކުރަންޖެހޭ އިދާރާއެއްގެ ގޮތުގައި އާންމުން ފާހަގަކުރަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނެވެ. އެއަށްފަހު އެންމެ އިސް ރޯލެއް އަދާކުރެވޭނީ އާންމު ރައްޔިތުންނަށް ކަމަށް ގަބޫލުކުރާއިރު، ތިން ވަނައަށް އެންމެ އިސް ރޯލެއް އަދާކުރެވޭނެ ކަމަށް ގަބޫލުކުރަނީ މީޑިއާއަށެވެ. އެއަށްފަހު ޖުޑީޝީއަރީއާ ސަރުކާރަށެވެ.

ކޮރަޕްޝަން ވިޔަނުދިނުމަށް މިހާރުން މިހާރަށް ކުރެވޭނެ ކަންކަން ކަމުގައި ރައްޔިތުން ފާހަގަކުރަނީ ކާކުކަން ނޭނގޭ ގޮތަށް މައްސަލަ ރިޕޯޓުކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރާނެ ނިޒާމު މިހާރަށްވުރެ ހަރުދަނާ ކުރުމާއި ޤާނޫނީ ނިޒާމު މިހާރަށްވުރެ ހަރުދަނާ ކުރުމެވެ. އަދި އިދާރާތައް ހަރުދަނާކުރުމާއި، މިނިވަން މުއައްސަސާތަކުގެ މިނިވަންކަން ކަށަވަރުކުރުން ކަމަށް އާންމުން ފާހަގަކުރެއެވެ.

މި ދިރާސާގެ ނަތީޖާއަށް ބަލާ، މައިގަނޑު 5 ލަފާއެއް ހުށަހަޅާފައިވާއިރު، މި 5 ލަފާގެ ދަށުން ކުރަންހުރި ވަކި ވަކި މަސައްކަތްތައް މި ދިރާސާއާއެކު ވާނީ ތައްޔާރުކޮށްފައިެވެ. އަދި ގުޅިގެން މަސައްކަތްކުރެވޭނެ މަގުޗާޓެއްވެސް މިހާރުވަނީ އެކުލަވާލާފައެވެ. ކޮމިޝަނުގެ އަމާޒަކީ، ވީހާވެސް އަވަސް ފުރުސަތެއްގައި، މި މަސައްކަތްތައް ކުރެވި ދިވެހި މުޖުތަމަޢަކީ ކޮރަޕްޝަންގެ ޢަމަލުތަކުން ސަލާމަތްވެފައިވާ ނަޒާހަތްތެރި މުޖްތަމަޢަކަށްވުމެވެ.