...

"މޯލްޑިވްސް އެންޓި-ކޮރަޕްޝަން ޓްރަސްޓް ފަންޑް" ރަސްމީކޮށް އިފްތިތާޙުކޮށްފި

"މޯލްޑިވްސް އެންޓި-ކޮރަޕްޝަން ޓްރަސްޓް ފަންޑް" ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މިއަހަރުގެ ޖޫންމަހުގެ 15 ވަނަ ދުވަހު އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޤާއިމްކުރި މި ފަންޑް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ޚާއްސަ ޖަލްސާގައި ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަޓަކިއޫޗީ މިޑޯރީ އެވެ. 

"މޯލްޑިވްސް އެންޓި-ކޮރަޕްޝަން ޓްރަސްޓް ފަންޑް" އަކީ ކޮރަޕްޝަނާ ދެކޮޅަށް ދިވެހިރާއްޖޭގައި ކުރެވޭ މަސައްކަތަކީ، ދެމެހެއްޓެނިވި ބީދައިން ކުރެވޭ، މާލީ ލޮޅުންތަކުގެ އަސަރު ކުޑަކުރެވިފައިވާ ޙަރަކާތްތަކަކަށް ހެދުމާއި، އަހަރުގެ ވަކި ހިސާބަކުން ބަޖެޓަށް ގެނެވޭ އުނިކަމުގެ ނޭދެވޭ އަސަރުން އެފަދަ ހަރަކާތްތައް ސަލާމަތްކުރުމުގެ މަޤުސަދުގައި، ކޮމިޝަނުގެ އާ މެންބަރުންގެ ނިންމުމެއްގެ ދަށުން ގާއިމް ކުރެވުނު ފަންޑެކެވެ. 

މި ފަންޑުގައި ޖަމާކުރެވޭ ފައިސާގެ ބާވަތުގެ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ހިމެނެނީ، ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި އެކި ފަރާތްތަކުން، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށާއި ނަޒާހަތްތެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރުމުގެ ގޮތުން އެހީގެ ގޮތުގައި ލިބޭ ފައިސާ، މޯލްޑިވްސް ނޭޝަނަލް އެންޓި-ކޮރަޕްޝަން އެކެޑަމީން ހިންގާ ކޯސް ތަކުގެ އިދާރީ ފީއާއި ކޯސް ފީ އިން ލިބޭ ފައިސާ، ކޮމިޝަނުގެ ކޮންފަރެންސް ހޯލާއި އެ ހޯލާ ގުޅިފައިވާ ވަސީލަތްތައް ކުއްޔަށް ދޫކޮށްގެން ހޯދާ ފައިސާ، ކޮމިޝަނުގެ އެންގުންތަކާ ޚިލާފުވުމުން ނަގާ ފައިސާ އާއި ކޮމިޝަނަށް ލިބޭ ސްޕޮންސަރޝިޕްތަކުގެ ދަށުން މުވައްޒަފުންނަށް ދެވޭ ޓްރެއިނިންގައި މުވައްޒަފުން ބޮންޑާ ޚިލާފުވެ ފައިސާ ދައްކަންޖެހޭ ހާލަތްތަކުގައި ލިބޭ ފައިސާ، ކުށް ކުރުމަށް ބޭނުންކުރާ ފައިސާގެ ތެރެއިން އަނބުރާ ދައުލަތަށް ހޯދޭ ފައިސާއާ އެއިން ހޯދާ މަންފާއާއި، ކުށް ކޮށްގެން ހޯދާ  ފައިސާ އާއި އެއިން ހޯދާ މަންފާއިން ލިބޭ ފައިސާ، ކުށް ކޮށްގެން ހޯދާ  މުދަލާއި އެ މުދަލުން ހޯދާ މަންފާ ހިމެނެއެވެ.

މީގެ އިތުރުން ކުށް ކޮށްގެން ހޯދާ  މުދަލާއި އެ މުދަލުން ހޯދާ މަންފާ އަނބުރާ ދައުލަތަށް ނަގާ ހާލަތުގައި، އެ ތަކެތި ބޭނުންކޮށްގެން ދައުލަތަށް މަންފާ ހޯދާ ހާލަތުގައި ލިބޭ މަންފާއިން މާލީ ވުޒާރާއާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެއްބަސްވާ ފައިސާގެ އަދަދެއްވެސް މި ފަންޑަށް ޖަމާކުރުމަށް ނިންމޭނެއެވެ.

އެންޓި-ކޮރަޕްޝަން ޓްރަސްޓް ފަންޑަށް ޖަމާކުރެވޭ ފައިސާގެ ނަފާވެރި ހަރަކާތްތަކުގެ ގޮތުގައި ކަނޑައެޅިފައިވަނީ، ކޮރަޕްޝަނުގެ ޢަމަލުތަކުން ލިބޭ ގެއްލުމާއި އެ ޢަމަލުތަކުގެ ނުބައިކަމުގެ މައްޗަށް ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނާއި ޢާންމުން ހޭލުންތެރި ކުރުވައި ނަޒާހަތްތެރިކަން ކުރިއެރުވުމަށް ހިންގަންޖެހޭ ޙަރަކާތްތައް ހިންގުމާއި، ކޮރަޕްޝަނުގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް ކުރުމަށާއި، އެހެނިހެން އެންޓި-ކޮރަޕްޝަން އޭޖެންސީތަކާ ގުޅިގެން ކުރިއަށް ގެންދާ ޙަރަކާތްތައް ހިންގައި ގުޅުން ބަދަހި ކުރުމަށާއި، ކޮރަޕްޝަނުގެ މައްސަލަތަކުގެ ތަޙުޤީޤުގެ މަސައްކަތްތައް ކުރިއެރުވުމަށް އިންވެސްޓިގޭޝަން ދާއިރާއިން ފަންނީ އެހީތެރިކަން ހޯދުމާއި، މުވައްޒަފުން ތަމްރީނު ކުރުމާއި ތާޒާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށާއި، ވަސީލަތްތައް ގާއިމު ކުރުމުގެ ގޮތުން އިންފްރާސްޓްރަކްޗަރ ވަރުގަދަ ކުރުމާއި ޒަމާނީ ފިކުރީ އަދި މަޢުނަވީ އާލާތްތައް ހޯދުމާއި ކުރިއެވުމަށާއި، މޯލްޑިވްސް ނެޝަނަލް އެންޓި-ކޮރަޕްޝަން އެކެޑަމީ ތަރައްޤީކޮށް ހަރުދަނާކުރުމަށް ކުރާ މަސައްކަތްތަކަށެވެ.

ދިވެހިރާއްޖެއާއި، ސަހައްދީ އަދި ބައިނަލްއަޤްވާމީ މި ފަދަ އެހެނިހެން ފަންޑުތަކާއެކު ގުޅުން ބަދަހިކޮށް ދިވެހިރާއްޖޭގެ ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތުގެ މާލީ ޤާބިލްކަން ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތްތަކަށް އަސާސްކުރުމަކީ މި މަފަންޑުގެ އެއް ތަޞައްވުރެކެވެ.