...

ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ޚާއްސަ ޖަލްސާއެއް ބާއްވައިފި

ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ޚާއްސަ ޖަލްސާއެއް ބާއްވައިފިއެވެ.

ދަރުބާރުގޭ ރަންނަ ބަނޑޭރި މާލަމަގައި މިއަދު ހެނދުނު ބޭއްވި މިޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ. މިޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް މުޙައްމަދު އަސްލަމްއާ، ދައުލަތުގެ ވަޒީރުނާއި، ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ބޭރު ގައުމުތަކުގެ ސަފީރުނާއި ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވެ.

ކޮރަޕްޝަނުގެ ގެއްލުމާމެދު މުޖުތަމަޢު ހޭލުންތެރިކުރުވައި، ނަޒާހަތްތެރި މުޖުތަމަޢެއް ބިނާކުރުމަށް, އެންމެން ގުޅިގެން މަސައްކަތްކުރުމަށް ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު 09 ވަނަ ދުވަސް ބައިނަލްއަޤްވާމީ އެންޓިކޮރަޕްޝަން ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު، މިދުވަސް ފާހަގަކުރުމަށް އޭސީސީން މިއަދު ބޭއްވި ރަސްމީ ޖަލްސާގައި މުހިއްމު ބައިތަކެއް ހިމެނުނެވެ.

މިޖަލްސާގައި ދިވެހިރާއްޖޭގެ ޤައުމީ އެންޓި-ކޮރަޕްޝަން އެކެޑެމީ އިފްތިތާހުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އާ ޤާނޫނުއަސާސީއާ އެކު ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް އޭސީސީ އުފެދުމާއެކު، މިހާތަނަށް ގިނަގުނަ މަސައްކަތްތަކެއް ކޮށް ގިނަގުނަ ކާމިޔާބީތަކެއްވެސް ހޯއްދަވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އައު ސަރުކާރުގެ ސިޔާސަތަކަށް ވާނީ، ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ ކޮންމެ ކަމެއްގައި ފުރިހަމަ އެއްބާރުލުން ދިނުން ކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ވަނީ ރާއްޖޭގައި ކޮރަޕްޝަނާމެދު އާންމުން ދެކޭ ގޮތް ވަޒަންކުރުމަށް ފުރަތަމަ ފަހަރަށް ކުރި ޤައުމީ ފެންވަރުގެ ދިރާސާ އާންމުކޮށްފައެވެ. މިދިރާސާ އާންމުކޮށް ނެރެދެއްވީ ރައްޔިތުންގެ މަޖްލީހުގެ ރައީސް އޮނަރަބަލް މުޙައްމަދު އަސްލަމް އެވެ.

މީގެ އިތުރުން އިދާރާތަކުން އެއިދާރާތަކުގައި ކޮރަޕްޝަނުގެ ހިރާސް އޮތް މިންވަރު ވަޒަންކުރުމަށް އެހީވެދިނުމަށް ކޮމިޝަނުން ތައްޔާރުކޮށްފައިވާ ޓޫލްކިޓް މިޖަލްސާގައި ނެރެދެއްވީ އޮޑިޓަރ ޖެނެރަލް އަލްފާޟިލް ހުސައިން ނިޔާޒީ އެވެ.

އަދި ކޮރަޕްޝަން ނައްތައިލުމަށް ކުރާ މަސައްކަތުގައި ކޮމިޝަނަށް ދިމާވާ މާލީ މިނިވަންކަމާއި ތަނަވަސްކަން ނެތުމުގެ ގޮންޖެހުން ހައްލުކުރުމުގެ މަޤްސަދުގައި ކޮމިޝަނުން ޤާއިމްކުރި "ޓްރަސްޓް ފަންޑް" ވެސް ވަނީ މިއަދު އިފްތިތާހުކޮށްފައެވެ.