...

އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ކ. މާފުށީ ސްކޫލްގައި އިންޓެގްރިޓީ ޕްރޮމޯޓްކުރުމުގެ ހަރަކާތްތަކެއް ބާއްވައިފި

ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ކޮމިޝަނުން ރާވައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، މާލެ އަތޮޅު މާފުށީ ސްކޫލްގައި ސީއެސްއާރު ހަރަކާތްތަކެއް ކުރިއަށްގެންގޮސްފިއެވެ.

ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހަކީ ބައިނަލް އަޤްވާމީ އެންޓިކޮރަޕްޝަން ދުވަސް ކަމަށްވާއިރު، މިދުވަސް ފާހަގަކުރުމައްޓަކައި މިއަހަރުވެސް އޭސީސީން ތަފާތު ހަރަކާތްތަކެއް ވަނީ ރާވާފައެވެ.

މި ހަރަކާތްތަކުގެ ބައެއްގެ ގޮތުން އޭސީސީގެ ޓިމަކުން މާފުއްޓަށް ޒިޔާރަތްކޮށް ފުރަތަމަ ކުރިއަށްގެންދިޔައީ ދަރިވަރުންގެ ކިބައިގަ ނަޒާހަތްތެރިކަން އަށަގެންނެވުމާ ގުޅޭ މެސެޖްތައް ހިމެނޭ ޕޯސްޓަރުތަކާއި ބެނަރތައް ސްކޫލްގެ އެކި ސަރަހައްދުތަކުގަގައި ހަރުކުރުމުގެ މަސައްކަތެވެ.

އަދި “ސްކޫލް އިންޓެގްރިޓީ ޕްރޮގްރާމް”ގެ ދަށުން މާފުށީ ސްކޫލްގެ ދަރިވަރުންނާއި މުދައްރިސުންނަށް ޚާއްސަކޮށްގެން، ނަޒާހަތްތެރިކަން ކުރިއެރުވުމާއި، ކޮރަޕްޝަނާ ދެކޮޅަށް ސްކޫލްފެންވަރުގައި ކުރެވޭނެ ކަންކަން ދަރިވަރުންނާ ގުޅޭގޮތަށް ކިޔައިދީ އެކަމުގެ މަޢުލޫމާތު ހިމެނޭ ސެޝަންތަކެއްވަނީ ނަގައިދީފައެވެ.

މީގެ އިތުރުން ސްކޫލްގެ ކީސްޓޭޖް-1ގެ ދަރިވަރުންނަށް “ކިޔަމާ ކިޔަމާ”ގެ ނަމުގައި ނަޒާހަތްތެރިކަމުގެ ސިފަތަކާއި ގުޅުންހުރި ވާހަކަތައް ކިޔައިދިނުމުގެ ހަރަކާތެއް ބާއްވާފައިވެއެވެ.

އަދި ކޮމިޝަނުން ތައްޔާރުކޮށްފައިވާ، ކޮރަޕްޝަން ރިސްކް ސެލްފް-އެސެސްމަންޓް ޓޫލްކިޓާގުޅޭ މައުލޫމާތު މާފުށީ ކައުންސިލްގެ މުވައްޒަފުންނާ މިދަތުރުގެ ތެރެއިންވަނީ ހިއްސާކޮށްފައެވެ.

ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން ކޮމިޝަނުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން މާލެއަތޮޅު މާފުށީ ސްކޫލުގައި ހިންގި ހަރަކާތްތައް ނިންމާލާފައިވަނީ، ކޮމިޝަނުގެ މުވައްޒަފުންގެ ފަރާތުން މާފުށީ ސްކޫލަށް ފޮތް ހަދިޔާކުރުމަށް ބޭއްވި ކުޑަ ރަސްމިއްޔާތަކުންނެވެ.