...

ކުންފުނިތައް އުފެއްދުމާއި، ބެލެހެއްޓުމާއި އަދި ޒިންމާދާރުކުރުމުގައި ޢަމަލުކުރާ ގޮތް ދެނެގަތުމާ ގުޅޭ ހުދުކަރުދާސް އާންމުކޮށްފި

ކުންފުނިތައް އުފެއްދުމާއި، ބެލެހެއްޓުމާއި އަދި ޒިންމާދާރުކުރުމުގައި ޢަމަލުކުރާ ގޮތް ދެނެގަތުމާ ގުޅޭ ހުދުކަރުދާސް އާންމުކޮށްފިއެވެ.

މި ހުދުކަރުދާސް އާންމުކޮށްދެއްވީ މިކަމައްޓަކައި ކޮމިޝަނުގައި މިއަދު ބޭއްވި ރަސްމިއްޔާތެއެގައި، ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމްއެވެ.

މި ކަރުދާހުގެ މައިގަނޑު މަޤްޞަދަކީ ކުންފުނިތައް އުފެއްދުމުގައި އެ ކުންފުނިތަކުގެ ހަޤީޤީ ވެރިންގެ މައުލޫމާތު އެއްކުރެވޭ މިންވަރު ދެނެގަނެ، ކުންފުނިތަކުން ހިންގާ އަދި ބައިވެރިވާ ކޮރަޕްޝަނުގެ ޢަމަލުތަކާ ގުޅުވައިގެން "ޕްރޮސީޑްސް އޮފް ކޮރަޕްޝަން ލޯންޑަރ" ކުރުމުގައި ބައިވެރިވާ ހާލަތުގައި، އެފަދަ ކަންކަމަށް ފިޔަވަޅު އެޅުމާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ޤާނޫނީ އޮނިގަނޑު އޮންނަ ގޮތް ދެނެގަނެ، ދުނިޔޭގެ ގައުމުތަކުގައި ޢަމަލުކުރާ ބައެއް އުސޫލުތައް ދެނެގަނެ، ކުންފުނިތައް އުފެއްދުމާއި، ރަޖިސްޓަރީކުރުން އަދި ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަން ދެނެގަތުމާއެކު އިސްލާހުކުރުމަށް ލަފަޔާއި އިރުޝާދުދިނުމެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރެޖިސްޓްރާ އޮފް ކޮމްޕެނީސް، މަރިޔަމް ވިސާމްވަނީ ކުންފުނިތަކުގެ ކަންކަން ރެގިއުލޭޓްކުރުމުގައި މިހާރު ދިމާވާ މައިގަނޑު ދަތިތަކާއި، އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި އޭސީސީން ތައްޔާރުކުރާ ހުދުކަރުދާސްތަކުގެ ހޯދުންތަކުގެ މުހިއްމުކަން ފާހަގަކުރައްވައި އޭގެ ސަބަބުން ކުންފުނިތަކުގެ ކަންކަން ރަނގަޅުކުރުމަށް މަގުފަހުވެގެންދާނެކަން ފާހަގަކުރެއްވިއެވެ. އަދި މިފަދަ އިތުރު ހުދުކަރުދާސްތައް އެކުލަވާލުމުގެ މުހިއްމުކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

މިރަސްމިއްޔާތުގައި ކޮމިޝަނުގެ ނާއިބު ރައީސް އަބްދުއްސަލާމް ދެއްކެވި ވާހަކަފުޅުގައި އޭސީސީގެ ރިސަރޗް ޓީމުން ކުރައްވާ މުހިއްމު މަސައްކަތްތައްވަނީ ފާހަގަކުރައްވާފައެވެ. އަދި ކޮމިޝަނުގެ މަސައްކަތްތައް ވޭތުވެދިޔަ 1 އަހަރާއި 7 މަސްދުވަހުގެ ތެރޭގައި ބައްޓަންކުރެވުނުގޮތާއި ކޮމިޝަނުން އެންމެ އިސްކަންދީގެން ކުރިއަށްގެންދާ މަސައްކަތްތައްކަށް ނާއިބު ރައީސް ވަނީ އަޅުއްވާލައްވާފައެވެ.

މި ދިރާސާއަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، ޕްރައިވަޓައިޒޭޝަން އަދި ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ އިތުރުން ގުޅުންހުރި ބައެއް އެހެން އިދާރާތަކުންވެސް ގުޅުންހުރި މަޢުލޫމާތު ވަނީ ހޯދާފައެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ބައެއް މައުލޫމާތު ހޯދާފައިވެއެވެ.

މި ދިރާސާއިން ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި؛

1- ކުންފުނިތަކުގެ ބެނެފިޝަލް އޯނަރުންގެ މައުލޫމާތު އެންމެ ފުރިހަމައަށް ނުބެލެހެއްޓުން

2- ހުށަހެޅޭ މައުލޫމާތު ވެރިފައިކުރުމުގެ މަރުހަލާއެއް ނެތުން

3- "ބިޒްނަސް ޕޯޓަލް" ގައި ބެނެފިޝަލް އޯނަރުންގެ މައުލޫމާތު ހާމަނުކުރުން

4- ސަބްސިޑިއަރީ ކުންފުނިތައް ހަރުދަނާކަމާއެކު ރެގިއުލޭޓް ނުކުރެވުން

5- ސަރުކާރުގެ ކުންފުނިތައް އުފައްދާއިރު އެއް މަޤްސަދެއް ހާސިލްކުރުމަށް އެއް ކުންފުންޏަށްވުރެ ގިނަ ކުންފުނި އެފެއްދުމުގެ ފުރުސަތު އޮތުން، އަދި ތަފާތު މަޤްސަދުތަކުގައި ކުންފުނިތައް އުފައްދައި، އެކި ސަބަބުތަކާހެދި ބައެއް ކުންފުނިތައް އުފެއްދުމުގެ މަޤްސަދު ބަދަލުވެ އިޤްތިސާދަށް ފައިދާވާ މިންވަރަށް މަސައްކަތް ނުކުރެވުން

6- ކުންފުނިތައް ޒިންމާދާރުކުރުވުމުގެ ޤާނޫނީ ޒިންމާ ފުރިހަމައަށް ލިބިދީފައިނުވުން

7- އިދާރާތަކުން ގުޅިގެން ކުރެވެ މަސައްކަތް މަދުކަން

މިއާއެކު ދިރާސާއިން ފާހަގަކުރެވުނު މައްސަލަތައް ހައްލުކުރުމަށް އިދާރީ ގޮތުންނާއި ޤާނޫނީ ގޮތުން ގެންނަ ފެންނަ 18 ލަފާ މި ކަރުދާހުގައި ހުށަހަޅާފައިވެއެވެ. މި ހުދުކަރުދާސް ކޮމިޝަނުގެ ވެބްސައިޓުގައި މިހާރު ވާނީ އާންމުކޮށްފައެވެ.