...

އިންޑޮނޭޝިއާގެ ކޮރަޕްޝަން އިރެޑިކޭޝަން ކޮމިޝަނާއި އޭސީސީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

ކޮރަޕްޝަން ހުއްޓުވުމާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށް އެއްބާރުލުން ދިނުމަށްޓަކައި އިންޑޮނޭޝިއާގެ ކޮރަޕްޝަން އިރެޑިކޭޝަން ކޮމިޝަނާއި އެންޓި-ކޮރަޕްޝަން ކޮމިޝަނާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. 

މި ފަހުމުނާމާގައި ސޮއިކުރީ މިހާރު ރާއްޖެވަޑައިގެން އުޅުއްވާ އިންޑޮނޭޝިއާގެ ކޮރަޕްޝަން އިރެޑިކޭޝަން ކޮމިޝަން(ކޭޕީކޭ) ގެ އިސް ވެރިން ހިމެނޭ ވަފުދާއެކު އޭސީސީން ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހުގައެވެ.

މި އެއްބަސްވުމުގައި އޭސީސީގެ ފަރާތުން ސޮއިކުރީ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލްއެވެ. އަދި ކޭޕީކޭގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗެއަރމަން ނޫރުލް ޤުފްރާންއެވެ. 

މި އެއްބަސްވުމަކީ ކޮރަޕްޝަންގެ ކުށްތައް ތަޙުޤީގު ކުރުމުގައި އެއްބާރުލުން ދިނުމާއި، ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، މުވައްޒަފުން ތަމްރީނުކުރުގެ އިތުރަށް ޕްރިވެންޝަންގެ މަސައްކަތްތަށް އިތުރުކޮށް، އެކި ދާއިރާތަކުން މަޢުލޫމާތާއި، ތަމްރީނާއި، ތަޖުރިބާއާ އެހީތެރިކަން ބަދަލުކޮށް ފޯރުކޮށްދިނުމުގައި ރަސްމީ ސިފައެއްގައި، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް، އޭސީސީއާ އިންޑޮނޭޝިއާގެ ކޮރަޕްޝަން އިރެޑިކޭޝަން ކޮމިޝަނާއި އެންޓި-ކޮރަޕްޝަން (ކޭޕީކޭ)އާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމެކެވެ.

ކޭޕީކޭއާ އޭސީސީގެ އިސްވެރިންގެ މެދުގައި މިއަދު ބޭއްވި ބައްދަލުވުމުގައި، ދެ ކޮމިޝަނުގެ މަސައްކަތްތައް ބައްޓަންވެފައިވާ ގޮތުގެ މަޢުލޫމާތާއި، ކޮރަޕްޝަން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކާއި ތަޖުރިބާ އަދި ގޮންޖެހުންތައް ހިއްސާކޮށް އެކަންކަމާމެދު މަޝްވަރާކުރެވުނެވެ.

އިންޑޮނޭޝިޔާއިން ސްރީލަންކާއާއި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި އޭސީސީގެ ރައީސް އާދަމް ޝާމިލް ދެއްކެވި ވާހަކަފުޅުގައި ކޮރަޕްޝަނާ ދެކޮޅަށް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެކި ޤައުމުތަކާއެކު ކޮމިޝަނުން މިހާރު މަސައްކަތްތަކެއް ފައްޓަވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އެގޮތުން ކުރެވޭ މަސައްކަތުގައި އިންޑޮނޭޝިޔާގެ ކޭޕީކޭފަދަ ޢިދާރާތަކާއެކު މަސައްކަތްކޮށް ތަޖުރިބާ ލިބިގެންދާކަމީ އޭސީސީއަށް ލިބިގެންދާ ކުރިއެރުމެއްކަންވަނީ ފާހަގަކުރައްވާފައެވެ. އަދި ދެފަރާތް ގުޅިގެން ކުރެވޭ މަސައްކަތުގައި ހެޔޮ ނަތީޖާ ފެންނަން ފަށާފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.

މިބައްދަލުވުމުގައި ކޭޕީކޭގެ ވައިސް ޗެއަމަން ނޫރުލް ޤުފްރާން ދެއްކެވި ވާހަކަފުޅުގައި އޭސީސީން ކޮރަޕްޝަން ނައްތާލުމަށް ކުރާ މަސައްކަތުގައި ކޭޕީކޭއިން ފަންނީ ގޮތުން ތަފާތު އެހީތަށް ދެވިދާނެކަން ފާހަގަކުރައްވައި ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދެއްކެވިއެވެ.

އޭސީސީގެ ދައުވަތަކަށް މިމަހުގެ 6 އިން 9 އަށް އިންޑޮނޭޝިއާގެ ކޮރަޕްޝަން އިރެޑިކޭޝަން ކޮމިޝަންގެ ވަފުދުން ކުރަމުންގެންދާ ޒިޔާރަތުގެ ތެރެއިން އިންޓެލިޖެންސް ބޭސްޑް އިންވެސްޓިގޭޝަން ޓްރެއިނިންގްތަށް ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށްވަނީ ހަމަޖެހިފައެވެ. ކޭޕީކޭގެ ތަޖުރިބާކާރު ބޭފުޅުން ނަންގަވައިދެއްވާ އެ ޓްރެއިނިންގައި އިންޓެލިޖެންސް އަދި އިންވެސްޓިގޭޝަން ދާއިރާގައި މަސައްކަތްކުރައްވާ އެކި އިދާރާތަކުގެ މުވައްޒަފުން ބައިވެރިވާނެއެވެ.