...

ފެނަކައާ ގުޅޭ 75 މައްސަލައެއް ތަޙުޤީޤުކުރާއިރު، މިހާތަނަށް 20 މިލިއަން ރުފިޔާ އަނބުރާ ހޯދަން އެންގި

އެންޓި-ކޮރަޕްޝަން ކޮމިޝަނުން މިވަގުތުވެސް ފެނަކައާ ގުޅޭ 75 މައްސަލައެއް ތަޙުޤީޤުކުރަމުންގެންދެއެވެ. އެ މައްސަލަތަކުގެ ތެރޭގައި، ކުންފުނި ހިންގުމުގައި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި، ހޯދައިދިނުމާ ގުޅޭ މައްސަލަތަކާއި، އުސޫލުތަކުގެ ބޭރުން އެކި މީހުންނަށް ވަޒީފާ ހަމަޖައްސާފައިވާ ކަމުގެ ތުހުމަތުތަކުގެ މައްސަލަތަކާއި، ކުންފުނީގެ ޕްރޮކިއުމަންޓު އުސޫލުތަކާ ޚިލާފުވުމުގެ މައްސަލަތަކާއި، ކުންފުނިން ފައިސާ ދޫކުރުމާ ގުޅޭގޮތުން އެކަށައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް ފައިސާ ދޫކުރުމުގެ ތުހުމަތުތަކުގެ މައްސަލަތައް ހިމެނެއެވެ.

މިހާތަނަށް ފެނަކައާ ގުޅޭ ގޮތުން އެކި މައްސަލަތައް ތަހުގީގު ކުރުމަށްފަހު، އެ މައްސަލަތަކާ ގުޅިގެން، އެ މައްސަލަތަކުގައި ހިމެނޭ ފައިސާގެ ތެރެއިން 20،504،491.54 (ވިހި މިލިޔަން ފައްސަތޭކަ ހަތަރު ހާސް ހަތަރު ސަތޭކަ ނުވަދިހަ އެއް ރުފިޔާ ފަންސާސް ހަތަރު ލާރި) އަނބުރާ ހޯދުމަށް އެ ކުންފުންޏަށް އޭސީސީން ވަނީ އަންގައިފައެވެ.

ފެނަކައާ ގުޅޭ އެކި މައްސަލަތަކުގައި 92 ކަމެއް އިސްލާހުކުރުމަށް، ކޮމިޝަނުން މިހާތަނަށް ވަނީ އެ ކުންފުންޏަށް އަންގާފައެވެ. އެކަންކަމުގެ ތެރޭގައި ކުންފުނި ހިންގުމާ ގުޅޭ ކަންކަން ކުރިއަށްގެންގޮސްފައިވާ ގޮތުގެ 48 ކަމެއް އިސްލާޙުކުރުމަށާއި، ކުންފުނީގެ ސިޔާސަތުތަކާ ގުޅޭ 24 ކަމެއް އިސްލާހުކުރުމާއި، ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ކުންފުންޏަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމާ ގުޅޭ 6 ކަމަކާއި، ކުންފުނިން ބަލައި ތަޙްޤީގުކުރުމަށް 6 ކަމެއް މިހާތަނަށް ކޮމިޝަނުން ވަނީ އެކުންފުންޏަށް އަންގާފައިވެއެވެ.

މީގެއިތުރުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ހިންގުމުގައި ކޮރަޕްޝަންގެ ހިރާސް ހުރި މިންވަރާއި، އެހިރާސްތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި، ތަޙުޤީގުކުރުމަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް ރިޕޯޓެއް އެކުލަވާލާ، އެރިޕޯޓް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ  ސަމާލުކަމަށް މި ކޮމިޝަނުންވަނީ ގެނެސްފައެވެ.