އިންތިޚާބުތަކާ ގުޅޭ ކޮރަޕްޝަނުގެ ހިރާސް ކުޑަކުރުމުގެ އިރުޝާދުނާމާ އާންމުކޮށްފި
11 އޯގަސްޓު 2023
މިކޮމިޝަނުން މިއަދު އާންމުކުރި އިރުޝާދުނާމާގައި ހިމަނާފައިވާނީ އިންތިޚާބީ ދުވަސްވަރު އާންމުކޮށް ހުށަހަޅާ ޝަކުވާތަކާއި، މައްސަލަތަކާ ގުޅޭގޮތުން އިންތިޚާބީ ކޮރަޕްޝަން ވިޔަނުދިނުމަށް ފަންނީ ގޮތުން ކަންކަން ކުރާނޭ ގޮތުގެ ބައިނަލްއަޤުވާމީ އަސާސްތަކާއި މިންގަނޑުތަކެވެ.
މި އިރުޝާދުނާމާގެ މަޤްސަދުތަކުގެ ތެރޭގައި އިންތިޚާބުތަކުގައި ހިންގާ ކޮރަޕްޝަނުގެ ޢަމަލުތަކާއި ކޮރަޕްޝަނަށް ހުށަހެޅޭ ފަދަ ކަންކަން ވިޔަނުދިނުން (ކޮރަޕްޝަން ޕްރިވެންޝަން) އާއި އިންތިޚާބާ ގުޅޭ ހުރިހާ މަރުޙަލާއެއްގައިވެސް ނަޒާހަތްތެރިކަން ކަށަވަރުކުރުމަށް ޢަމަލުކުރާނޭ ގޮތުގެ އިރުޝާދު ފޯރުކޮށްދިނުމުގެ އިތުރުން ދައުލަތުގެ އިދާރާތަކާއި ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުން ދެފުށްފެންނަ ހާމަކަންބޮޑު ގޮތެއްގައި އިންތިޚާބާއި ގުޅޭ އެންމެހައި ކަންކަން ހިންގުމަށް ބާރުއަޅައި ކޮރަޕްޝަންގެ ހިރާސް ކުޑަކުރުމަށް ލަފަޔާއި އިރުޝާދުދިނުން ހިމެނެއެވެ.
މި ގައިޑްލައިންގައި ހިމަނާފައިވާ ލަފާއާއި އިރުޝާދުތަކުގެ ތެރޭގައި ސިޔާސީ ޕާޓީތަކަށާއި އިންތިޚާބުތަކަށް ކުރިމަތިލާ ކެންޑިޑޭޓުން ކެމްޕޭނުކުރުމަށް ފައިސާއާއި އެހީ ހޯދުމާއި ޚަރަދުކުރާނެ ގޮތާއި، ދައުލަތުގެ މުވައްޒަފުން ކެމްޕނުތަކުގައި ހަރަކާތްތެރިވާންވީ ގޮތާއި، ދައުލަތުގެ މުދަލާއި ފައިސާ އަދި މަޤާމު ކެމްޕޭންކުރުމުގައި ބޭނުންކުރުން، އަދި ރިޝްވަތު ދިނުމާއި އިންތިޚާބާއި ގުޅިގެން ވޯޓު ގަތުމާއި ވޯޓު ވިއްކުން ފަދަ ކަންކަން ކަންކަން މަނާވުން ފަދަ ކަންކަމާއި ގުޅޭ މަޢުލޫމާތުވަނީ ހިމަނާފައެވެ.
މި ގައިޑްލައިންގައި ދިވެހިރާއްޖޭގެ ދިމިޤްރާތީ ނިޒާމަކީ ރައްޔިތުން އިތުބާރުކުރާ، ރައްޔިތުންގެ ޙައްޤު ލިބިދެނިވި ގޮތެއްގައި ބައްޓަންކުރެވި ހިނގަމުންދާ ނިޒާމަކަށް ހެދުމަށްޓަކައި، އިންތިޚާބުތަކުގެ ހުރިހާ މަރުހަލާތަކަކީވެސް ކޮރަޕްޝަންގެ ހިރާސްތަކުން މިންޖުވެފައިވާ މަރުހަލާތަކަކަށް ހަދަންޖެހޭކަން ފާހަގަކޮށްފައިވެއެވެ.