ގްލޯބްއީ ނެޓްވޯކްގެ މެންބަރުކަން އެންޓިކޮރަޕްޝަން ކޮމިޝަނަށް ލިބިއްޖެ
25 ޖުލައި 2023
އދ. ގެ ގްލޯބަލް އޮޕަރޭޝަނަލް ނެޓްވޯކް އޮފް އެންޓި-ކޮރަޕްޝަން ލޯއެންފޯސްމަންޓް އޮތޯރިޓީސް (ގްލޯބްއީ ނެޓްވޯކް)ގެ މެންބަރުކަން އެންޓިކޮރަޕްޝަން ކޮމިޝަނަށް ލިބިއްޖެއެވެ.
މިމަހުގެ 17 ވަނަ ދުވަހު ގްލޯބްއީ ނެޓްވޯކުގެ މެންބަރަކަށް އޭސީސީ ވެފައިވާއިރު، ގްލޯބްއީ ނެޓްވޯކްއަކީ ގައުމުތަކުގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ އިދާރާތަކުގެ ގުޅުން ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާކޮށް ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިވާ ހުރަސްތައް ނައްތާލުމަށް މަޝްވަރާކޮށް ގުޅިގެން މަސައްކަތް ކުރުމުގެ އަމާޒުގައި މަސައްކަތްކުރާ ނެޓްވޯކްއެކެވެ.
އެގޮތުން ބައްދަލުވުންތަކާއި ތަފާތު ހަރަކާތްތައް ބާއްވައިގެންނާއި ވާޗުއަލް މަންސަތައް މެދުވެރިކޮށް އިދާރާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ފުރުސަތުތަށް ގްލޯބްއީ ނެޓްވޯކް މެދުވެރިކޮށް ލިބިގެންދެއެވެ.
ގްލޯބްއީ ނެޓްވޯކްގެ މެންބަރު އިދާރާތަށް ހިމެނޭ ޤައުމުތަކުގެ އަދަދު 91 އަށް އަރާފައިވާއިރު، އިދާރާތަކުގެ އަދަދު މިހާރުވަނީ 161 އިތުރުވެފައެވެ.
ގްލޯބްއީ ނެޓްވޯކްގެ މެނަބަރުކަން އޭސީސީއަށް ލިބުމާއެކު ކޮރަޕްޝަނާއި ދެކޮޅަށް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކާއި، ފަހި ފުރުޞަތުތަށް ލިބިގެންދާނެއެވެ.