...

އޭސީސީގެ އައު ކޭސް މެނޭޖްމަންޓް ސިސްޓަމް އިފްތިތާޙްކޮށްފި

ތަޙުޤީޤުތަށް ހިންގުމުގައި ޒަމާނީ ޑިޖިޓަލް އާލާތްތަކާއެކު ޒަމާނީ ފަންނިންޔާތު ބޭނުން ކުރަން ފެށުމުގެ މަޤްސަދުގައި ކޮމިޝަނުން ޑިވެލޮޕްކޮށްފައިވާ އައު ކޭސް މެނޭޖްމަންޓް ސިސްޓަމް(ސީއެމްއެސް) އިފްތިތާޙުކޮށްފިއެވެ. 

ކޮމިޝަނުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އައު ކޭސް މެނޭޖްމަންޓް ސިސްޓަމް އިފްތިތާޙުކޮށްދެއްވީ ދިވެހިރާއްޖެއާ ސްރީލަންކާއަށް ޔޫއެސްއެއިޑުން ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ މިޝަން ޑައިރެކްޓަރ ޑެބްރާ މޮސެލްއެވެ. 

2016 ވަނަ އަހަރުން ފެށިގެން ކޮމިޝަނުން ބޭނުންކުރަމުން އަންނަ ކޭސް މެނޭޖްމަންޓް ސިސްޓަމްގެ ބަދުލައި އައު ސޮފްޓްވެއަރއެއް ތަރައްޤީކޮށްފައިވަނީ އެމެރިކަން ބަރ އެސޯސިއޭޝަން ރޫލް އޮފް ލޯ އިނިޝިއޭޓިވްގެ ދަށުން ޔޫއެސް އެއިޑްގެ އެހީތެރިކަމާއެކު ވެބްޑިޒައިނާސް މޯލްޑިވްސްއާ ހަވާލުކޮށްގެންނެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނުގެ މެމްބަރު ޝިޔާމާ މުޙައްމަދު ވިދާޅުވީ، އައު ސީއެމްއެސް ސޮފްޓްވެއަރ ތަރައްގީކޮށްފައިވަނީ ކުރިން، މެނުއަލްކޮށް ކުރަމުން އައި މަސައްކަތްތައް އޮޓަމޭޓެޑްކޮށް ކުރިއަށް ގެންދެވޭގޮތަށްކަމަށާއި އޭގެ ސަބަބުން ތަހުޤީގުތަށް ކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. 

އައު ސީއެމްއެސްގައި ކޭސް ނޯޓްތަކާއި، އިންވެސްޓިގޭޝަން ޓީމުތަކަށް މައްސަލަތައް ވަކިވަކިން ބެލެހެއްޓުމާއި، ކޭސް ޑައިރީ ލިޔުން ފަދަ ފީޗާސްތަކުގެ އިތުރުން، އެވިޑެންސް މޮޑިއުލެއް ވެސް އައު ސީއެމްއެސްގައި ހިމެނެއެވެ.

އައު ސީއެމްއެސް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނުގެ މެންބަރުންނާއި އިސްވެރިންގެ އިތުރުން އޭބީއޭ ރޫލް އޮފް ލޯ މޯލްޑިވްސް އާއި ޔޫއެސްއެއިޑް މޯލްޑިވްސްގެ އިސްބައެއް ބޭފުޅުންވަނީ ބައިވެރިވެފައެވެ.