...

މަދަނީ ޖަމިއްޔާތަކުގެ ނަޒާހަތްތެރިކަން ކުރިއަރުވައި ގުޅިގެން ދިރާސާކުރުމަށް އޭސީސީން ޓްރާންސް ޕޭރަންސީ މޯލްޑިވްސްއާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި

މަދަނީ ޖަމިއްޔާތަކުގެ ނަޒާހަތްތެރިކަން ކުރިއަރުވައި ގުޅިގެން ދިރާސާކުރުމާއި، މަސައްކަތްކުރުމަށް އޭސީސީން ޓްރާންސް ޕޭރަންސީ މޯލްޑިވްސްއާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތެއްގައި، ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ އެޖަމިއްޔާގެ އެގްޒެކެޓިވް ޑައިރެކްޓަރ އަލްފާޟިލާ އާސިޔަތު ރިލްވީނާ އެވެ. އަދި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އަލްއުސްތާޛް އާދަމް ޝާމިލް އެވެ.

މި ހުމުނާމާގެ ދަށުން މަދަނީ ޖަމިއްޔާތަކުގެ ދާއިރާގެ ނަޒާހަތްތެރިކަން ކުރިއެރުވުމާއި، ކޮރަޕްޝަނާ ގުޅުންހުރި ދިރާސާކުރުމާއި، ކޮމިއުނިޓީ-ލެޑް ސޯޝަލް އޮޑިޓް ޕްރޮގްރާމް ކުރިޔަށް ގެންދިއުމާއި، މުވައްޒަފުންގެ ކުރިއެރުމަށް ގުޅިގެން މަސައްކަތްކުރުމަށްވަނީ އެއްބަސްވެފައެވެ.

މި ރަސްމިއްޔާތުގައި އޭސީސީގެ ފަރާތުން ވާހަކަފުޅުދައްކަވަމުން ކޮމިޝަނުގެ މެމްބަރު ޝަޒްނާ ޙާޝިމް ދެއްކެވި ވާހަކަފުޅުގައި، ކޮރަޕްޝަންގެ ކުށްތައް އިތުރުވެފައިވާ މިންވަރަށް ބަލައި ދެ ފަރާތުންވެސް އިސްކަންދޭ ދާއިރާތަކުން ދިރާސާތައް ހެދުން ނުހަނު މިހިއްމުކަމަށެވެ. ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ އިސްނެންގެވުމާއެކު މި ފަށައިގަނެވުނީ ވަރަށްގިނަ ގޮތްގޮތުން ފައިދާކުރާނެ މުހިންމު ފެށުމެއްކަމަށް މެންބަރު ޝަޒްނާ ވިދާޅުވިއެވެ.

ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ފަރާތުން ވާހަކަފުޅުދައްކަވަމުން އެޖަމިއްޔާގެ އެގްޒެކެޓިވް ޑައިރެކްޓަރ އާސިޔަތު ރިލްވީނާ ވިދާޅުވީ، އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިންވެސް އޭސީސީއާ ގުޅިގެން މުހިއްމު މަސައްކަތްތަކެއް ވޭތުވެދިޔަ މުއްދަތުގައި ކުރެވިފައިވާކަމަށެވެ. އަދި މިފަދަ އެއްބަސްވުމުގެ ސަބަބުން އެޖަމިއްޔާއަށް ބޭރުގެ ފަރާތްތައް މެދުވެރިކޮށް ގުޅިގެން ކުރިއަށްގެންދާ ދިރާސާތަކަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ހޯދުމަށް އިތުރަށް ފަސޭހަވެގެންދާނެކަން ރިލްވީނާ ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުންނާއި އިސްވެރިންގެ އިތުރުން ޓްރާންސްޕޭރެންސީ މޯލްޑިވްގެ އިސްވެރިންވަނީ ބައިވެރިވެފައެވެ.