...

އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށާއި، ނަޒާހަތްތެރިކަން ކުރިއެރުވުމަށް ގުޅިގެން މަސައްކަތްކުރުމަށް އޭސީސީއާ އެޗްއާރުސީއެމް އިން ފަހުމުނާމާއެއްގައި ސޮއިކޮށްފި

ކޮރަޕްޝަނުގެ ކުށުގެ ސަބަބުން ގެއްލޭ އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށާއި، ނަޒާހަތްތެރިކަން ކުރިއެރުވުމަށް ގުޅިގެން މަސައްކަތް ކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ހިއުމަން ރައިޓްސް ކޮމިޝަނުގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް މަރިޔަމް މުނާ އެވެ. އަދި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އަލްއުސްތާޛް އާދަމް ޝާމިލް އެވެ.

މި ފަހުމުނާމާގެ ދަށުން، ކޮރަޕްޝަނުގެ ކުށުގެ ސަބަބުން ގެއްލޭ އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމުގެ އިތުރުން އެފަދަ ކޮރަޕްޝަނުގެ ކުށްތައް ހުއްޓުވުމާއި މަނާކުރުމަށް އަދި ނަޒާހަތްތެރިކަން ކުރިއެރުވުމަށް ދެ މުއައްސަސާ ގުޅިގެން މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން، އާންމުން ހޭލުންތެރިކުރުވުމަށާއި، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ދެ މުއައްސަސާގެ މުވައްޒަފުންގެ ފަންނީ ޤާބިލުކަމާއި ހުނަރު އިތުރުކުރުމަށް ގުޅިގެން މަސައްކަތްކުރުން ފަދަ ކަންކަން މި ފަހުމުނާމާގައި ހިމެނެއެވެ. 

މި ރަސްމިއްޔާތުގައި އޭސީސީގެ ފަރާތުން ވާހަކަފުޅުދައްކަވަމުން ކޮމިޝަނުގެ މެމްބަރު ޠާހާ މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި، ދެ މުއައްސަސާގެ މަސައްކަތަށް މިކަމުގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނެކަމަށާއި، ޖުމްލަގޮތެއްގައި މި ފަހުމުނާމާގެ ސަބަބުން ލިބިގެންދާނެ ކުރިއެރުންތަކާއި ފެންނާނެ ހެޔޮބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.

މިރަސްމިއްޔާތުގައި ދެ ކޮމިޝަނުގެ މެންބަރުންނާއި އިސްވެރިންވަނީ ބައިވެރިވެފައެވެ.