...

ރީޖަނަލް އެއަރޕޯޓްސްގެ ކުރީގެ ޑިރެކްޓަރ ޖެނަރަލް، ސާމީ އަގީލްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފި

އެއްބަސްވުމާ ޚިލާފަށް ޝަރުތުހަމަނުވާ ބަސްތަކެއް ބަލައިގަންނަން ނިންމާ އެ ބަސްތައް ބަލައިގަންނަން އަންގާފައިވާތީ ރީޖަނަލް އެއަރޕޯޓްސްގެ ކުރީގެ ޑިރެކްޓަރ ޖެނަރަލް، ސާމީ އަގީލްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ރީޖަނަލް އެއަޕޯޓްސްއަށް ބޭނުންވާ ބަސްތަކެއް ސަޕްލައިކުރުމަށް 2019 ވަނަ އަހަރު އަމިއްލަ ކުންފުންޏަކާއެކު، ވެފައިވާ އެއްބަސްވުމުގައި ބަސްތަކުގައި ހުންނަންވާނެކަމަށް ޝަރުތުކޮށްފައިވާ ކަންކަން ފުރިހަމަވެފައިނުވާއިރު، އެއްބަސްވުމަށް ރިއާޔަތްކުރުމެއްނެތި، އެ ބަސްތައް ބަލައިގަންނަން ސާމީ އަގީލް އަންގާފައިވާކަން އެނގެއެވެ.

މިމައްސަލައިގަ އޭނާގެ މައްޗަށް ޤާނޫނު ނަންބަރު 2014/09 (ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތު)ގެ 513ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި ގާނޫނު ނަންބަރު 2/2000 ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް މަންފާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކޮށްދިނުމަށް ވަނީ ޕީޖީ އޮފީހުގައި އެދިފައެވެ.