...

ހައުންސިންގ ޔުނިޓް އެޅުމުގެ މަސައްކަތާ ގުޅިގެން އެމް.ޓީ.ސީ.ސީގެ ހިއްސާ އޮންނަ އެމް.އާރު.އީ.އައި.ސީން އޮސްޓްރޭލިޔާގެ ކުންފުންޏަކަށް ދީފައިވާ 550,000 ޑޮލަރު އަނބުރާ ހޯދުމަށް އަންގައިފި

ހުޅުމާލޭގައި 690ހައުންސިންގ ޔުނިޓް އެޅުމުގެ މަސައްކަތާގުޅިގެން އެމް.ޓީ.ސީ.ސީގެ ހިއްސާ އޮންނަ މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް(އެމް.އާރު.އީ.އައި.ސީ)އިން އޮސްޓްރޭލިޔާގެ ކުންފުންޏަކަށް 2007ވަނަ އަހަރު ދީފައިވާ 550,000.00 (ފަސްސަތޭކަ ފަންސާސް ހާސް) އެމެރިކާ ޑޮލަރު ދަޢުލަތަށް އަނބުރާ ހޯދުމަށް އެމް.ޓީ.ސީ.ސީއަށާއި އެމް.އާރު.އީ.އައި.ސީއަށް އަންގައިފިއެވެ. 

އޭސީސީން މިގޮތަށް އަންގާފައިވަނީ އެމް.ޓީ.ސީ.ސީގެ %99.99 ހިއްސާވާ މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް(އެމް.އާރު.އީ.އައި.ސީ) އިން "އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން އޮސްޓްރޭލިޔާ (އައި.އެފް.ސީ.އޭ) ކިޔާ އޮސްޓްރޭލިޔާގެ ކުންފުންޏަކާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، ގެދޮރު ބިނާކޮށް، ރިއަލް އެސްޓޭޓް ޑިވެލޮޕްކުރުމަށް ބޭނުންވާ ވަރަށް ގިނަ ޢަދަދެއްގެ ފައިސާ ހޯދުމުގެ މަސައްކަތް ކުރުމަށްޓަކައި އަނބުރާ ދޭގޮތަށް 550,000.00 އެމެރިކާ ޑޮލަރު އެ ކުންފުންޏަށް ދިންކަމަށް ބުނާ މައްސަލައިގެ ތަހުގީގަށްފަހުގައެވެ. 

 އައި.އެފް.ސީ.އޭއަށް ދީފައިވާ 550,000.00 (ފަސްސަތޭކަ ފަންސާސް ހާސް) އެމެރިކާ ޑޮލަރަކީ މަސައްކަތަށް ބޭނުންވާ ކެޕިޓަލް ފައިސާ އައި.އެފް.ސީ.އޭއިން ހޯދުމަށްފަހު އެމް.އާރު.އީ.އައި.ސީއަށް އަނބުރާ ޙަވާލުކުރަންޖެހޭ ފައިސާކަމާއި، އެ ފައިސާއަކީ އެ ޕްރޮޖެކްޓާ ގުޅިގެން އެމް.ޓީ.ސީ.ސީން އެމް.އާރު.އީ.އައި.ސީއަށް ދީފައިވާ ފައިސާކަން އެނގޭއިރު، އައި.އެފް.ސީ.އޭއިން މިއަދާ ހަމައަށް ވެސް އެ ފައިސާ އަނބުރާ އެމް.އާރު.އީ.އައި.ސީއަށް ދީފައިނުވާތީ، މި މައްސަލާގައި ހިމެނޭ $550,000.00 (ފަސްސަތޭކަ ފަންސާސް ހާސް) އެމެރިކާ ޑޮލަރަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަމަށްވާތީ، އެފައިސާ ދަޢުލަތަށް އަނބުރާ ހޯދުމަށް އެމް.ޓީ.ސީ.ސީއަށާއި އެމް.އާރު.އީ.އައި.ސީއަށް ވަނީ އަންގާފައެވެ.