...

ރ.ދުވާފަރު ކައުންސިލުގެ ކޮރަޕްޝަނުގެ މައްސަލައިގައި 8 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފި

ރ. ދުވާފަރު ކައުންސިލުގެ ކޮރަޕްޝަން މައްސަލައިގައި 8 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެކުލަވާލި ދުވާފަރު ކައުންސިލްގެ ޚާއްޞަ މޮނިޓަރިންގ ރިޕޯޓަކުން ފާހަގަވި ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން 12 މީހެއްގެ މައްސަލަ ތަޙުޤީގުކޮށް، ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާއަށްފަހު، ދަޢުވާކޮށްދިނުމަށް ނިންމާފައިވާ 8 މީހުންގެ ތެރޭގައި އެކައުންސިލްގައި އޭރުތިބި މެންބަރުންނާއި ބައެއް މުވައްޒަފުން ހިމެނެއެވެ.

ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވި 8 މީހުންގެ ތެރޭގައި ހިމެނެނީ ދުވާފަރު ކައުންސިލްގެ ރައީސް ޙަސަން ޙަކީމް، ކައުންސިލްގެ ނާއިބު ރައީސް ޢިޒްމީލް އަޙުމަދު، ކައުންސިލްގެ އޭރުގެ މެންބަރު އަޙްމަދު ސަމޫޙު، ކައުންސިލްގެ މެންބަރު މުޙައްމަދު ޝާމް، ކައުންސިލްގެ މެންބަރު ޒުހުދާ އާދަމް، ކައުންސިލްގެ މެންބަރު އާމިނަތު ޞަލާޙު، ސެކްރަޓަރީ ޖެނަރަލް މުޙައްމަދު ނާޞިޙްގެ އިތުރުން ދުވާފަރު ކައުންސިލްގެ އިދާރާގެ އޭރުގެ އެސިސްޓެންޓް ޑިރެކްޓަރ، މުޙައްމަދު ޢަލީފުޅު އެވެ.  

މި އެންމެންގެ މައްޗަށްވެސް ދަޢުވާކޮށްދިނުމަށް އެދިފައިވަނީ ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގައިވާ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށާއި، އެޤާނޫގެ 516 ވަނަ މާއްދާގައިވާ ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށުގެ އިތުރުން، ހަމަ އެޤާނޫނުގެ 517 ވަނަ މާއްދާގައިވާ ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދައުވާއެވެ.

އުސޫލުތަކާއި ޚިލާފަށް ގިނަ އަދަދެއްގެ ފައިސާގެ މުޢާމަލާތްތަކެއް، ހިންގާފައިވާކަން ފާހަގަކުރެވުނު މި މައްސަލަ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކޮމިޝަނަށް ހުށައެޅުމާއެކު، ޚާއްސަ ޓީމަކުން ދުވާފަރަށް ގޮސް ތަޙުޤީގަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް، 2 މަސްދުވަސްތެރޭގައި މައްސަލައިގެ ތަޙުޤީގު ނިންމައި ޑިއުޓީ ޕްރޮސިކިއުޝަނަށް ވަނީ ފޮނުވާފައެވެ. އަދި މިއަދު ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާގައި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން އިސްލާހުކުރުމަށް އެންގިކަންކަން އިސްލާހު ކުރުމަށްފަހުގައެވެ.