...

ފެނަކައިގެ ބިލިންގ ސޮފްޓްވެއަރ މައްސަލައިގަ 2 މީހެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށްއެދި ޕީޖީ އޮފީހަށް ފޮނުވައިފި

ފެނަކަ ކޯޕަރޭޝަނުން ބިލިންގ ސޮފްޓްވެއަރއެއް ހެދުމަށް ހަވާލުކުރި އަމިއްލަ ކުންފުޏަކަށް އުޞޫލުތަކާއި ޚިލާފަށް އެކޯޕަރޭޝަނުން ފައިސާ ދޫކުރި މައްސަލައިގައި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން އިސްލާހުކުރުމަށް އެންގި ކަންކަން އިސްލާހުކުރުމަށްފަހު 2 މީހެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވައިފިއެވެ. 

މިމައްސަލައިގައި ދަޢުވާކުރުމަށް ފޮނުވާފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޑެޕިއުޓީ ޑިރެކްޓަރެއްގެ މަގާމުގައި ކުރިން ހުރި މ.ފެހިވިދުވަރުގެ އިސްމާޢީލް ޝަމްޢޫން އާއި، އެކުންފުނީގެ ޑެޕިއުޓީ ޑިރެކްޓަރ، ސޭލްސް އެންޑް ބިލިންގ ޑިޕާޓްމަންޓްގެ މަޤާމުގައިހުރި އަޙްމަދު ނަޖާޙުގެ މައްޗަށެވެ. 

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ކަސްޓަމަރުންނަށް ބިލްކުރުމަށްޓަކައި، ބިލިންގ ސޮފްޓްވެއަރއެއް ހެދުމަށް އަމިއްލަ ކުންފުންޏަކާއެކު ހަދާފައިވާ އެއްބަސްވުމުގައި އެ މަސައްކަތް 06 ނޮވެންބަރު 2017 ގެ ނިޔަލަށް ނިންމުމަށް ބަޔާންކޮށްފައިވީ ނަމަވެސް އެ ޚިދުމަތް އަދި މިހާތަނަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ލިބިފައިނުވާއިރު، އެ ސޮފްޓްވެޔަރ ނިމުނުކަމަށް އިސްމާޢީލް ޝަމްޢޫން ސޮއިކޮށް ލިޔުން ދޫކުރުމުގެ ސަބަބުން މަސައްކަތް ހަވާލުކުރި ކުންފުންޏަށް ދޭންޖެހޭ އެންމެހާ ފައިސާ ދޫކޮށްފައިވާތީ، މިކަމުގެ އެކުންފުންޏަށް ނާޖާއިޒު މަންފާއެއް ހޯދައިދީފައިވާކަން އެނގޭތީ، އިސްމާޢީލް ޝަމްޢޫން އާއި އަޙްމަދު ނަޖާޙުގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވަނީ ޤާނޫނު ނަންބަރު 9/2014 (ދިވެހި ރާއްޖޭގެ ޤާނޫނުލް އުޤޫބާތު)ގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއާއި، ގާނޫނު ނަންބަރު 2/2000 ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް މަންފާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާއެވެ. 

އަދި އެއްބަސްވުމާ ގުޅިގެން މަސައްކަތް ހަވާލުކުރި ކުންފުންޏަށް ދޫކޮށްފައިވާ ޖުމުލަ 1,389,342.00 (އެއް މިލިއަން ތިންސަތޭކަ އަށްޑިހަ ނުވަ ހާސް ތިންސަތޭކަ ސާޅީސް ދޭއް) ރުފިޔާ ފެނަކަ ކޯޕަރޭޝަނަށް ގެއްލިފައިވާކަން އެނގޭތީ، އެ ފައިސާ އަނބުރާ ހޯދުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ވަނީ އަންގާފައެވެ.