...

އެސެޓް ރިކަވަރީގެ ނިޒާމު ރާއްޖޭގައި އޮތްގޮތް ދެނެގަތުމަށް ހެދި ދިރާސާ ރިޕޯޓު އާއްމުކޮށްފި

ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމުގެ ނިޒާމު ދިވެހިރާއްޖޭގައި އޮތްގޮތް ދެނެގަތުމުގެ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން ކުރިއަށްގެންދިޔަ ދިރާސާ ނިންމައި، ރިޕޯޓު އާންމުކޮށްފިއެވެ.

މި ދިރާސާ ކަރުދާސް އާންމުކުރެއްވީ މިކަމައްޓަކައި 2023 ފެބުރުވަރީ 15 ވަނަ ދުވަހުގެ ރޭ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ބޭއްވި ޖަލްސާގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސް މަރިޔަމް މުނާއެވެ.

ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމުގެ ނިޒާމު ދިވެހިރާއްޖޭގައި އޮތްގޮތް ދެނެގަތުމުގެ ގޮތުން ކުރިއަށްގެންދިޔަ މި ދިރާސާގައި ބަލާފައިވަނީ ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ އަނބުރާ ހޯދުމަށް ދިވެހިރާއްޖޭގައި އެކަށައެޅިފައިވާ ނިޒާމުތަކާއި ޤާނޫނީ އޮނިގަނޑު އޮތް ގޮތާއި އެކަމުގައި ހުރި މައްސަލަތަކުގެ މައްޗަށެވެ.

މިގޮތުން، މި ދިރާސާގެ މައިގަނޑު މަޤްޞަދަކީ ކުށްކުރުމުގެ ސަބަބުން ދަޢުލަތުން ގެއްލިގެންދާ މުދަލާއި ފައިސާ ދަޢުލަތަށް އަނބުރާ ހޯދުމުގެ ނިޒާމު ރާއްޖޭގައި އޮތްގޮތް ދެނެގަތުމުގެ ގޮތުން، އެ ނިޒާމުގެ މުއައްސަސީ އޮނިގަނޑު(އިންސްޓިޓިއުޝަނަލް ފްރޭމްވަރކް) އާއި ޤާނޫނީ އޮނިގަނޑު(ލީގަލް ފްރޭމްވަރކް) އޮތްގޮތް ދިރާސާކޮށް، މި ނިޒާމުގައި ހުރި މައިގަނޑު މައްސަލަތައް ދެނެގަނެ، އެފަދަ މައްސަލަތައް ޙައްލުކުރުމަށް، އިތުރަށް ރަނގަޅުކުރަންޖެހޭކަމަށް ފެންނަ ކަންކަން ފާހަގަކޮށް އިރުޝާދާއި ލަފާދިނުމެވެ.

މި ދިރާސާގައި ބޭނުންކޮށްފައިވަނީ ޑޮކްޓްރިނަލް ލީގަލް ރިސަރޗް މެތަޑެވެ. އެގޮތުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ އަނބުރާ ދައުލަތަށް ހޯދުމުގެ ޤާނޫނީ ނިޒާމު ރާއްޖޭގައި އޮންނަ ގޮތް ދެނެގަތުމަށް، ކަމާގުޅުންހުރި ޤާނޫނީ ލިޔެކިޔުން ދިރާސާކުރެވިފައިވާނެއެވެ.

މި ދިރާސާއިން ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަނުގެ ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނީ، ކޮރަޕްޝަންގެ ކުށް ކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެކަން ޤާނޫނަކުން ކަނޑައެޅިގެން ބަޔާންކޮށްފައިވާނަމަ ކަމުގައިވީނަމަވެސް، މިވަގުތު ކޮރަޕްޝަންގެ ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެކަން ޤާނޫނަކުން ނައްސުން ކަނޑައެޅިގެން ބަޔާންކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ. އަދި ހަމައެހެންމެ، އެސެޓް ރިކަވަރ ކުރުމަށް ވަށާޖެހޭ ޤާނޫނެއްނެތުމުން ދިމާވާ ގޮންޖެހުންތައްވެސްވަނީ ފާހަގަވެފައެވެ.

އެހެންކަމުން ދިރާސާއިން ފާހަގަކުރެވުނު މައްސަލަތައް ހައްލުކުރުމަށް ނިޒާމަށް ގެންނަން ފެންނަ މައިގަނޑު 8 ލަފާ މި ދިރާސާ ކަރުދާހުގައި ހުށަހަޅާފައިވާނެއެވެ. މި ދިރާސާ ރިޕޯޓު ކޮމިޝަނުގެ ވެބްސައިޓުގައި މިހާރު ވާނީ އާންމުކޮށްފައެވެ.

ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުން - ދިރާސާ ރިޕޯޓު