...

އިމިގްރޭޝަން ދާއިރާގައި ނަޒާހަތްތެރިކަން ކުރިއަރުވައި ކޮރަޕްޝަނަށް އޮތް ހިރާސް ކުޑަކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް އޭސީސީއާ މޯލްޑިވްސް އިމިގްރޭޝަނާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

އިމިގްރޭޝަން ދާއިރާގައި ނަޒާހަތްތެރިކަން ކުރިއަރުވައި އިދާރީ ހިންގުމުގެ ތެރެއިންނާއި، ޚިދުމަތް ދިނުމުގައި ކޮރަޕްޝަނަށް އޮތް ހިރާސް ކުޑަކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނާއި މޯލްޑިވްސް އިމިގްރޭޝަނާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

އިމިގްރޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ފަހުމުނާމާގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ސޮއިކުރެއްވި ކޮމިޝަނުންގެ ރައީސް އަލްއުސްތާޛް އާދަމް ޝާމިލްއެވެ. އަދި މޯލްޑިވްސް އިމިގެރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ޙުސައިން އެވެ.

މިފަހުމުނާމާގެ ދަށުން، މި ކޮމިޝަނުން ކުރަމުން ގެންދާ ތަޙުޤީޤުތަކާ ގުޅިގެން ކޮމިޝަނަށް އެއްބާރުލުން ދިނުމާއި، ކޮރަޕްޝަން ވިޔަނުދިމަށްޓަކައި ދެ މުއައްސަސާ ގުޅިގެން ކުރެވޭނެ މަސައްކަތްތައް ދެނެގަނެވި އެ މަޤްޞަދު ޙާޞިލުކުރެވޭނޭ ގޮތެއްގެ މަތިން ކުރާނޭ މަސައްކަތްތައް ކަނޑައެޅިގެންދާނެއެވެ.

އެގޮތުން ދެ މުއައްސަސާގެ ދެމެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި ދިމާވާކަންކަމުގައި ފީޑްބެކް ޕްރޮސެސްއެއް ޤާއިމްކޮށް ޢަމަލުކުރާނެ ގޮތްތައް ކަނޑައެޅުމާއި، ދެ މުއައްސަސާއިން ކުރިއަށްގެންދާ ތަމްރީނު ޕްރޮގުރާމްތަކުގައި، ދެ މުއައްސަސާގެ މުވައްޒަފުން ބައިވެރިކުރުމުގައި ޢަމަލުކުރާނެ ގޮތްތައް ކަނޑައެޅޭނެއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އޭސީސީގެ މެންބަރު ޝިޔާމާ މުޙައްމަދު ވިދާޅުވީ ދެ މުއައްސަސާގެ މެދުގައި ފުޅާ ދާއިރާއެއްގައި ކުރެވުނު މަޝްވަރާތަކަށްފަހު ސޮއިކުރެވުނު މި ފަހުމުނާމާގެ ދަށުން އެންމެ މުހިންމު ކަމެއްގެގޮތުގައި ފާހަގަކުރެވެނީ އޭސީސީގެ ތަޙުޤީޤުތަކަށް މަޢުލޫމާތު ހޯދުމުގައި އިމިގްރޭޝަންގެ ޑޭޓާބޭސްތަކަށް ކަނޑައެޅޭ ވަކި ލިމިޓެއްގެ ތެރެއިން ނަމަވެސް އޭސީސީއަށް އެކްސެސް ދެވިގެންދިއުންކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ޙުސައިން ވިދާޅުވީ، އިމިގްރޭޝަން ފަދަ މުހިއްމު ޚިދުމަތެއް ފޯރުކޮށްގެންތިބޭ މުއްސަސާއެއްގެ ކޮންމެ މުވައްޒަފަކީވެސް ނަޒާހަތްތެރިކަން އިސްކުރާ އަދި ދެތުވެރިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތްކުރަންޖެހޭ މީހަކަށް ވާންޖެހޭނެކަމަށެވެ. އަދި މި ސޮއިކުރެވުނު އެއްބަސްވުމާއެކު ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ ތަމްރީނުތަކުގެ ސަބަބުން، ކޮރަޕްޝަންގެ އަމަލުތަކަށް އިތުރަށް ހޭލުންތެރިވެ މުވައްޒަފުންނަށްވެސް އެދެވޭ ތަޖުރިބާއާ ތަމްރީނުލިބިގެންދާނެކަށްވެސް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި އޭސީސީގެ މެންބަރުންނާއި އިސްވެރިންގެ އިތުރުން އިމިގްރޭޝަންގެ އިސްބައެއް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.