...

ކޮރަޕްޝަން ވިޔަނުދިމަށް މަސައްކަތްކުރާނެ ދާއިރާތައް ކަނޑައަޅައި، ގުޅިގެން މަސައްކަތްކުރުމަށް އޭސީސީއާ ޕީސީބީން ފަހުމުނާމާއެއްގައި ސޮއިކޮށްފި

ކޮރަޕްޝަން ވިޔަނުދިމަށް ގުޅިގެން މަސައްކަތްކުރާނެ ދާއިރާތައް ކަނޑައަޅައި، އެ މަޤްޞަދު ޙާޞިލުކުރުމަށް މަސައްކަތްކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ މިއަދު އެންޓިކޮރަޕްޝަން ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ފަހުމުނާމާގައި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ، ކޮމިޝަނުގެ ރައީސް ޢަލްއުސްތާޛް އާދަމް ޝާމިލްއެވެ. އަދި ޕީސީބީގެ ފަރާތުން ސޮއިކުރެއްވީ އެބޯޑުގެ ރައީސް އަލްޕާޟިލް އާސިމް މުޙައްމަދު އެވެ.

މިފަހުމުނާމާގެ ދަށުން އޭސީސީއާ ޕީސީބީއަށް ޤާނޫނުއަސާސީންނާއި ޤާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުމުގައި އެއް ފަރާތުން އަނެއް ފަރާތަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، އެކުގައި މަސައްކަތް ކުރާނެ ދާއިރާތަށް ކަނޑައެޅުމަށާއި، އެ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ދައުލަތުގެ ކުންފުނިތަކާއި ދައުލަތް ބައިވެރިވާ ކުންފުނިތަކަށް ތުހުމަތުކޮށް ހުށައެޅޭ މައްސަލަތަކުގެ ތަޙުޤީގުތަކުގެ ބޭނުމަށް ލިޔެކިޔުންތަކާއި މަޢުލޫމާތު ހޯދުމުގައި މި ފަހުމުނާމާގެ ދަށުން އެހީތެރިވެދީ އެފަދަ މަޢުލޫމާތުތަކަށް ފަސޭހައިން ވާސިލްވުމަށްޓަކައި ދެ މުއައްސަސާއިން ގުޅިގެން މަސައްކަތްކުރާނެ ގޮތްކަނޑައަޅާނެއެވެ. އަދި އޭސީސީގެ ރިކޮމެންޑޭޝަންތައް ތަންފީޒުކުރުމަށާއި، ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގައި ދެ މުއައްސަސާ ގުޅިގެން އަމަލުކުރާނެ ގޮތްތައް ކަނޑައެޅިގެންދާނެއެވެ.

މިއެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އޭސީސީގެ މެންބަރު ޠާހާ މުޙައްމަދު ވިދާޅުވީ، ފާއިތުވި 5 އަހަރުގެ ތެރޭގައި ކުންފުނިތަކާ ގުޅޭގޮތުން 883 މައްސަލައެއް އޭސީސީގަ ރަޖިސްޓްރީކުރެވިފައިވާކަމަށެވެ. ހަމައެއާއެކު، އޭސީސީގެ ތަޙުޤީޤުތަކަށްފަހު، 158 އެންގުމެއް އިސްލާހުކުރުމަށް ކުންފުނިތަކަށް ލަފާ ދީފައިވާކަމަށެވެ.

މި ފަހުމުނާމާގެ ސަބަބުން އޭސީސީގެ ތަޙުޤީޤުތަކުގައި އެއްބާރުލުން ދިނުމަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހި، ކުންފުނިތަކުގެ މުވައްޒަފުން ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކުރުވުމަށާ، މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހިއްޞާކުރުމަށް ދެ މުއައްސަސާއަށް ލިބިގެންދިޔަ ކުރިއެރުމެއްކަމަށް މެންބަރު ޠާހާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ޕީސީބީގެ ރައީސް އާސިމް މުޙައްދު ދެއްކެވި ވާހަކަފުޅުގައި ދެ މުއައްސަސާގެ މެދުގައި މިފަދަ އެއްބަސްވުމެއްގައި ސޮއިކުރެވުމަކީ ނުހަނު މުހިއްމުކަމެއްކަން ފާހަގަކުރައްވައި އެއްބަސްވެފައިވާ ކަންކަން ތަންފީޒުކުރުމުގެ މަރުހަލާ ވީހާވެސް އަވަހަށް ފަށަންޖެހޭކަމުގައިވަނީ ވިދާޅުވެފައެވެ.

މިރަސްމިއްޔާތުގައި އޭސީސީގެ މެންބަރުންނާއި އިސްވެރިންގެ އިތުރުން ޕީސީބީގެ މެންބަރުންނާއި އިސްބައެއް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.