...

2018ވަނަ އަހަރުގެ ތަފާސްހިސާބު ފޮތް ނެރެފި

ކޮމިޝަނުން 2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ޢާއްމުކޮށް ޝާއިޢު ކުރަމުން ގެންދާ ތަފާސްހިސާބު ފޮތުގެ 2018ވަނަ އަހަރުގެ ފޮތް ޝާޢިއުކޮށް ޢާންމުކޮށްފިއެވެ. ތަފާސްހިސާބު ފޮތް ޝާއިޢުކުރުމުގެ މަޤްޞަދަކީ، ކޮމިޝަނުގެ މަސައްކަތްތަކާބެހޭ މަޢުލޫމާތު ހާމަކުރުމާއި، ރާއްޖޭގެ ކޮރަޕްޝަންގެ ހާލަތު ދިރާސާކުރާ ފަރާތްތަކަށް ބޭނުންވާނެ، މުހިންމު މަޢުލޫމާތު ފޯރުކޮށްދިނުމެވެ. މި ފޮތް ނެރެދެއްވާފައިވަނީ 21 އެޕްރީލް 2019 ގައި ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ކޮމިޝަނުން ބޭއްވި ޚާއްޞަ ޖަލްސާގައި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް، ހިދާޔަތުﷲއެވެ. ތަފާސްހިސާބު ފޮތުގެ 2018ވަނަ އަހަރުގެ އަދަދުގައި ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާއި މެދު ޢަމަލުކުރެވޭ ގޮތާއި، ފާއިތުވި 5އަހަރުގެ ތަފާސްހިސާބު އަޅާކިޔާފައިވާނެއެވެ. މީގެ އިތުރުން ވެސް، 2018ވަނަ އަހަރުގެ ކޮންމެ ކުއާޓަރެއްގެ ޢަދަދުތައް ވަކިން އެނގޭގޮތަށް ތަފާސްހިސާބު ވަޒަންކޮށް އަޅާ ކިޔާފައިވާނެއެވެ. މި ތަފާސްހިސާބު ފޮތް ކޮމިޝަނުގެ ވެބްސައިޓުގައި މިހާރުވަނީ ޝާއިޢު ކުރެވިފައެވެ.