...

އުޞޫލުތަކާއި ޚިލާފަށް ގދ. ތިނަދޫ ޑްރަގް ޑިޓޮކްސިފިކޭޝަން ސެންޓަރު މަރާމާތުކުރަން ހަވާލުކުރި މައްސަލައިގައި 3 މީހެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފި

އުސޫލުތަކާއި ޚިލާފަށް ގދ.ތިނަދޫ، ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރީހެބިލިޓޭޝަން ސެންޓަރު މަރާމާތުކުރަން އަމިއްލަ ކުންފުންޏަކާ ހަވާލުކުރި މައްސަލައިގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ކުރީގެ އިސް ތިން ވެރިއެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މިމައްސަލައަކީ، ދައުލަތުގެ މުވައްޒަފަކަށްވެހުރެ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ބިޑު ކޮމިޓީގެ މެމްބަރުން، ނޭޝަނަލް ޑްރަގް އޭޖެންސީން ކުރި އިޢުލާނާއި ގުޅިގެން ބިޑް ހުށައެޅި ފަރާތްތަކުގެ ތެރެއިން ދެވަނައަށް އެންމެ މަތިން މާކްސް ލިބުނު ކުންފުންޏަށް މަސައްކަތް އެވޯޑްކޮށްފައި އޮތުމުން ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެ ނޫން ގޮތަކަށް ޢަމަލުކުރިކަމުގެ ތުހުމަތާއި ގުޅިގެން ކޮމިޝަނަށް ހުށައަޅައި ތަޙުޤީގުކޮށްފައިވާ މައްސަލައެކެވެ.

މިމައްސަލާގައި ދަޢުވާކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވަނީ އޭރު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ބިޑު ކޮމިޓީގެ މެމްބަރުންގެ ގޮތުގައި ތިބި އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ، ސ. ހިތަދޫ ހަނދުވަރީގެ، ޢާއިޝަތު ރަޝީދު އާއި އެމިނިސްޓްރީގެ އޭރުގެ ޑިރެކްޓަރ ގދ. ތިނަދޫ ނޫވިލު، ޙުދޫދާ ވަޙީދުގެ އިތުރުން އެމނިސްޓްރީގެ ޑިރެކްޓަރ، ގދ. ގައްދޫ ވިލިގަލާ އާމިނަތު ޝިހާމާގެ މައްޗަށެވެ.

މިމައްސަލައިގެ ތަޙުޤީގަށް އެނގިފައިވާ ކަންކަމުގެ ތެރޭގައި ގދ.ތިނަދޫ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރީހެބިލިޓޭޝަން ސެންޓަރގައި ކުރަންހުރި މަރާމާތުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ނޭޝަނަލް ޑްރަގް އެޖެންސީން ކުރި ނަންބަރު: (IUL)434-A/434/2019/3 އިޢުލާނާ ގުޅިގެން ހުށަހެޅި ބިޑުތައް އެ އޭޖެންސީން އިވެލުއޭޓުކޮށް، އިޢުލާނާގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ކްރައިޓީރިއާއާ އެއްގޮތަށް ޕޮއިންޓް ދިނުމުން އިވެލުއޭޝަނުން އެންމެ މަތިން ޕޮއިންޓް ލިބުނު ފަރާތަށް އެ މަސައްކަތް ޙަވާލުކުރުމުގެ ބަދަލުގައި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ބިޑު ކޮމިޓީން އެ މަސައްކަތް ހަވާލުކޮށްފައިވަނީ އިވެލުއޭޝަނުން ދެވަނައަށް ދިޔަ ކުންފުންޏަށެވެ.

އެގޮތަށް ނިންމީ، އިވެލުއޭޝަނުން އެއްވަނަ ލިބޭ ފަރާތަށް އެ މަސައްކަތް އެވޯޑުކުރުމުގެ ބަދަލުގައި ދެވަނައަށް ދިޔަ ފަރާތަށް އެ މަސައްކަތް ޙަވާލުކުރުމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ބިޑު ކޮމިޓީން ނިންމީ އެ ނިންމުމުގެ ސަބަބުން އިވެލުއޭޝަނުން ދެވަނައަށް ދިޔަ ފަރާތަށް ލިބެން ނުޖެހޭ ނާޖާއިޒު މަންފާއެއް އެ ފަރާތަށް ލިބޭނެކަން އެނގިތިބެ، މަސައްކަތް ޙަވާލުކުރި ފަރާތަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ މަޤްޞަދުގައިކަން ތަޙްޤީޤަށް އެނގޭތީއާއި، އިވެލުއޭޝަނުން ދެވަނައަށްދިޔަ ކުންފުންޏާ، އެ މަސައްކަތް ޙަވާލުކުރުމަށް ނިންމާފައިވަނީ އިވެލުއޭޝަނުން އެއްވަނައަށް ދިޔަ ފަރާތަށްވުރެ 657,846.60 (ހަ ސަތޭކަ ފަންސާސް ހަތް ހާސް އަށް ސަތޭކަ ސާޅީސް ހަ ރުފިޔާ ފަސްދޮޅަސް ލާރި) ބޮޑު އަގުގައިކަން ތަހުޤީގަށްވަނީ އެނގިފައެވެ.

މިމައްސަލާގައި ހިމެނޭ 3 މީހުންގެ މައްޗަށް ކުރަނީ ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ އާއި ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) 13 ވަނަ މާއްދާގެ ދަށުން، ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެ ނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާއެވެ.