...

ކޮރަޕްޝަނާ ދެކޮޅަށް ގުޅިގެން ކުރެވޭ މަސައްކަތް އިތުރަށް ހަރުދަނާާކުރުމަށް އޭސީސީއާ ސީއެސްސީން ފަހުމުނާމާއެއްގައި ސޮއިކޮށްފި

ސިވިލް ސަރވިސްގެ ނަޒާހަތްތެރިކަން އިތުރުކުރުމަށާއި، ކޮރަޕްޝަނާ ދެކޮޅަށް ގުޅިގެން ކުރެވޭ މަސައްކަތް އިތުރަށް ހަރުދަނާާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ސިވިލް ސަރވިސް ކޮމިޝަނުން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކުރި މި ފަހުމުނާމާގައި އެ ސީއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެކޮމިޝަނުގެ ރައީސް މުޙައްމަދު ނާޞިޙު އެވެ. އަދި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އަލްއުސްތާޛް އާދަމް ޝާމިލް އެވެ.

މި ފަހުމުނާމާގެ ދަށުން، މި ދެ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް އަވަހަށް ބެލޭނެ ނިޒާމެއް ގާއިމުކުރުމާއި، ކޮރަޕްޝަންގެ ޢަމަލުތައް ހިނގިޔަނުދިނުމާއި ނަޒާހަތްތެރިކަން އިތުރުކޮށް، ހަރުދަނާކުރެވޭނެ ގޮތަކަށް ނިޒާމުތަކާއި އުޞޫލުތައް އިޞްލާޙުކުރުމާއި، އެކަންކަމާއި ގުޅޭގޮތުން މުވައްޒަފުން ތަމްރީނުކުރުމަށް މަގުފަހިވެގެންދާނެއެވެ.

ފަހުމުނާމާގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ދެ ކޮމިޝަނުގެ ރައީސުންވެސްވަނީ މީގެ ސަބަބުން ލިބިގެންދާނެ ކުރިއެރުންތަކާއި ފެންނާނެ ހެޔޮޮބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.

މިރަސްމިއްޔާތުގައި ދެ ކޮމިޝަނުގެ މެންބަރުންނާއި އިސްވެރިންވަނީ ބައިވެރިވެފައެވެ.