ކޮރަޕްޝަނާ ދެކޮޅަށް އެސްއޯއީތަކުން ކުރާ މަސައްކަތްތަކަށް އޭސީސީގެ އެއްބާރުލުން އަބަދުވެސް ލިބޭނެ - ކޮމިޝަނުގެ ރައީސް
31 އޮކްޓޯބަރު 2022
އެސްއޯއީތަކުން ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް އޭސީސީގެ އެއްބާރުލުން އަބަދުވެސް ލިބޭނެކަމުގެ ޔަގީންކަން ކޮމިޝަނުގެ ރައީސް އައްލްއުސްތާޛް އާދަމް ޝާމިލް ދެއްވައިފިއެވެ.
އޭސީސީގެ ރައީސް މިހެން ވިދާޅުވީ "އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2022" ފެށުމުގެ ގޮތުން ބަނޑޮސް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
މިރަސްމިއްޔާތުގައި އޭސީސީގެ ރައީސް ވިދާޅުވީ، ވޭތުވެދިޔަ 7 ވަރަކަށް އަހަރު ކުންފުނިތަކާއި ގުޅޭގޮތުން އެންޓިކޮރަޕްޝަން ކޮމިޝަނަށް 1467 ޝަކުވާ ހުށައަޅާފައިވާކަމަށެވެ. އަދި ހަމަ އެމުއްދަތުގެ ތެރޭގައި އެމައްސަލަތައް ބަލައި ނިންމުމަށްފަހު 234 ރިކޮމެންޑޭޝަނެއް ކުންފުނިތަކަށް ދީފައިވާނެކަމަށެވެ.
ޝާމިލް ވިދާޅުވީ އެއަދަދުތަކުން އެނގެނީ ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް ހުރިކަން ބަޔަކު ގަބޫލުކުރާކަން ކަމަށާއި، ކުންފުނިތަކުގައި ހިނގާ ނުރަނގަޅު ކަންކަން ހުއްޓުވައި ހަރުދަނާކުރުމަށް ބާރުއަޅާކަން ދައުލަތް ހިންގުމަށް ސަރުކާރުން އެކުލަވާލާފައިވާ ސްޓެޓީޖިކް އެކްޝަން ޕްލޭނުންވެސް އެނގިގެންދާކަމަށެވެ.
ދަޢުލަތް ހިއްސާވާ ކުންފުނިތައް ހަރުދަނާ ކުރުމައްޓަކައި ކުރެވޭ މަސައްކަތްތަކުގައި އޭސީސީން އަބަދުވެސް ކުންފުނުތަކާއެކު ތިބޭނެކަން ފާހަގަކުރައްވައި އޭސީސީގެ ރައީސް ވިދާޅުވީ، ވޭތުވެދިޔަ ތަނުގައި ކޮމިޝަނުން ކުންފުނިތަކަށް ރެކޮމެންޑޭޝަންތަކެއް ދިނުމަށްފަހު ދެން އަމަލުކުރެވޭ ގޮތް ހަރުދަނޭ ގޮތެއްގައި ބެލިފައި ނެތްނަމަށެވެ.
ނަމަވެސް ދާދިފަހުން ކޮމިޝަނުގައި އުފައްދާފައިވާ މޮނިޓަރިންގ އެންޑް އިވެލުވޭޝަން ޑިޕާޓްމަންޓުން މޮނިޓަރިންގ އަދި އިވެލުވޭޝަންގެ މަސައްކަތް ފަށައިގެން ކުރިއަށްގެންދާތީ އެދާއިރާއިވެސް މުހިއްމު މަސައްކަތްތައް ކުރެވިގެންދާނެކަން ފާހަގަކުރެއްވިއެވެ.
ކުންފުނިތަކާއި ގުޅޭގޮތުން މައިގަނޑު ގޮތެއްގައި ކަންބޮޑުވުންހުރީ 3 ދާއިރާއެއްގައިކަމަށާއި، އޭގެތެރޭގައި މުވައްޒިފުން ވެއްދުމުގައި އަމަލުކުރާ ގޮތާއި، އެކި މަސައްކަތްތަކާއި ޚިދުމަތްތައް ކުންފުންޏަށް ހޯދުމުގެ ނިޒާމުގެ އިތުރަށް ސީއެސްއާރުގެ ދަށުން މަސައްކަތްތައް ކުރުމުގައި އަމަލުކުރާ ގޮތްތައް ހިމެނޭކަމަށެވެ. އެހުރިހާކަމެއްވެސް ގޮސް ނިމެނީ ހިންގުމުގެ ނިޒާމާ ހަމައިން އެނިޒާމު ހަރުދަނާކުރުމުގެ މައްޗަށްކަމަށް އޭސީސީގެ ރައީސް ފާހަގަކުރެއްވިއެވެ.