...

އެންޓި-ކޮރަޕްޝަން ކޮންފަރެންސުން ލިބޭ ޚިޔާލުތަކާއި ހުށަހެޅުންތަކަށް ސަރުކާރުން މަރުޙަބާ ކިޔާނެ - ރައީސް

"އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2022"އިން ފުރޭނިގެން އަންނަ ޚިޔާލުތަކާއި ހުށަހެޅުންތަކަށް ސަރުކާރުން މަރުޙަބާ ކިޔާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2022 ފެށުމުގެ ގޮތުން މިއަދު ބަނޑޮސް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން މިއަދު ފެށި "އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2022"އާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދައުލަތުގެ ކުންފުނިތަކާއި، ސަރުކާރު ޙިއްޞާވާ ކުންފުނިތައް ހިންގުމުގައި ހުރި ކޮރަޕްޝަނުގެ ހިރާސްތައް ދެނެގަނެ، ނަޒާހަތްތެރިކަމާއެކު ހިންގުމުގެ ނިޒާމް ބައްޓަން ކުރުމުގެ މައްޗަށް މިފަހަރުގެ މަހާސިންތާ އަމާޒުކޮށްފައިވުމީ، މި މަހާސިންތާގެ މުހިންމުކަން އިތުރުވެގެންދާ ކަމެއް ކަމަށެވެ.

މި މަހާސިންތާއިން ނިކުންނަ ޚިޔާލުތަކާއި ހުށަހެޅުންތަކަށް ސަރުކާރުން މަރުޙަބާ ވިދާޅުވާނެކަމަށް ރައީސް ވިދާޅުވެފައިވާއިރު، މި ކޮންފަރަންސް ނިމިގެންދާއިރު، ކޮންފަރަންސްގައި މަޝްވަރާކުރެވޭ މައްސަލަތަކަށް ހައްލު ހޯދުމުގެ ގޮތުން ކޮންމެ ސެޝަނަކުން ފާހަގަކުރެވޭ ކަންކަން ހިމަނައިގެން ޕްލެޖެއް ތައްޔާރުކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މި ޕްލެޖުގައި ހިމެނޭ ކަންކަން ހާސިލްކުރުމަށް މަސައްކަތްކުރާނެ އިދާރާތަކާއި އަދި މަސައްކަތް ނިންމާނެ މުއްދަތު ކޮންފަރެންސްގައި ނިންމުމަށްވަނީ ހަމަޖެހިފައެވެ.

އެއަށްފަހު ޕްލެޖުގައި ހިމެނޭ ކަންކަން ކުރިއަށްދާ މިންވަރު އޭސީސީއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް އަދި ޕީސީބީ ގުޅިގެން ބަލަމުންދާނެއެވެ.